ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މަރާލަން ބޭނުން ކުރި ދޯނި ނުހޯދޭ، ފާސް ކުރި ދޯނިތަކުގައި ފައިބަރުގެ ގިނަ ލޭޔަރުތަކެއް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިޟްވާން ހުޅުމާލެއިން ރަހީނުކޮށް، އޭނާ ކަނޑުމައްޗަށް ގެންގޮސް މަރާލަން ބޭނުން ކުރި ދޯނި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ހޯދިފައި ނުވާކަމަށާއި ބަލައި ފާސް ކުރި ބައެއް ދޯނިތަކަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައިބަރުގެ ގިނަ ލޭޔަރުތައް އަލާފައިވާކަމަށް މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިޔާ ރިޟްވާން ރަހީނުކޮށް، އޭނާ ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް މި ސަރުކާރުން އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ފަހު އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ދެ ގަޑިއިރަށް ދެމިގެން ދިޔަ އެވެ. މާ ގިނަ އައު ވާހަކަތަކެއް ދައްކާފައި ނުވާ މި ޕްރެސްގައި ޖުމްލަ ގޮތެއްގައި މައުލޫމާތު ދިނީ ރިޟްވާން ރަހީނުކޮށް އޭނާ މަރާލުމުގައި ބައިވެރިވި މީހުން ސިޔާސީ ގޮތުން މީހުންނާއި ގުޅުން ބާއްވައި އެ މީހުންގެ ބާރުގަދަކަމާއި ގުޅޭގޮތުންނެވެ. އަދި އެ މީހުންނަށް ތުހުމަތުކޮށް ހައްޔަރު ކުރި ނަމަވެސް، ބަންދުން ދޫވެ އެންމެ ފަހުން ސީރިއާއަށް ފުރައިގެން ދެވުނީ އެ ގުޅުން އޮތުމުންކަމަށް ޕްރެސްގައި ކޮމިޝަނުން ބުންޏެވެ.

މާލެއިން، ހުޅުމާލެއަށް ގެންދިޔަ ރަތް ކުލައިގެ ކާރެއް ބޭނުންކޮށް ރިޟްވާން ރަހީނު ކުރުމަށް ފަހު ގަދަކަމުން ދޯންޏަކަށް އެރުވިކަމަށް ބުނާއިރު އަދިވެސް އެ ދޯނި ހޯދިފައި ނުވާކަން ފަހަގަކުރެވެ އެވެ. ރިޟްވާންގެ ބޯ ބުރިކޮށްލައި، ކަނޑުފައްތާލީ އެ ދޯނީގައިކަމަށްވާއިރު އޭގައި ތިބިކަމަށް ބުނާ ހަ މީހަކު ސީރިއާއަށް ގޮސް މަރުވެފައިވާކަމަށް ކޮމިޝަނުން އިއްޔެ ބުންޏެވެ. އެހެންވެ، ޕްރެސްގައި ބައިވެރިވި ގިނަ ނޫސްވެރިން ތަކުރާރުކޮށް ކުރި އެއް ސުވާލަކީ އެ ދޯނީގައި ތިބި މީހުންގެ ޖުމްލަ އަދަދައި އެއީ ކޮން ސައިޒެއްގެ ދޯންޏެއް ތޯ އެވެ. ނަމަވެސް މިސްބާހާއި ފަރީޝާ އެ މައުލޫމާތު ދޭން ދެކޮޅު ހަދައި ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

ރިޟްވާން މަރާލުމަށް ޑިންގީއަކަށް އެރުވުމަށް ފަހު، މާލޭގެ ވަކި ހިސާބަކުން ބޭރުވެ އެރުވި ދޯނީގައި ތިބިކަމަށް ބުނާ ހަ މީހުންނަކީ:
. މުހައްމަދު މުނާޒް، ތ. އޮމަދޫ/ ނަރުގިސްވިލާ
. މުހައްމަދު ސުއައިދު ސ. ހުޅުދޫ/ އަތިރީއާގެ
. މުހައްމަދު ހާމިދު ސ. މީދޫ/ އިރާކު
. އިސްމާއިލް ސަބީހު، ޏ. ފުވައްމުލައް، ގަނޑިމަގު/ ދަނޑޮފީށި
. އަޒްލިފް ރައޫފް، މާލެ/ ހ. ހިލްޓަން
. އިބްރާހިމް ސަލާހު، ހއ. ދިއްދޫ/ ސޯސަނީ

 ދޯނީގައި އިތުރަށް ދެން ތިބި ބައެއްގެ ތަފްސީލެއް ނުދެ އެވެ.

ޕްރެސް ނިންމާލުމަށް ފަހު، ނޫސްވެރިންނާއި އެކު ދެކެވުނު ވާހަކައިގައި މިސްބާހާއި އެ ދޯންޏާއި ގުޅޭގޮތުން އަނެއްކާވެސް ސުވާލު ކުރުމުން ވިދާޅުވީ އޮޑި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ސީދާ އެ ދޯނި ހޯދިފައި ނުވާއިރު ބައެއް ޝައްކުވާ ދޯނިތަކަށް އަރައި އެ ބަލައި ފާސް ކުރިކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވީ ހާދިސާއެއްކަމުން، އެ ދޯނިތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް މިސްބާހު ވިދާޅުވި އެވެ.

މިސްބާހު ވިދާޅުވީ ބައެއް ދޯނިތަކުގައި، ފައިބަރުގެ ގިނަ ލޭޔަރުތައް އަޅާފައިވާއިރު އަނެއް ދޯނިތައް މިހާރު ހުރީ ކުރިޔަށް ވުރެ ބޮޑަށް މޮޑިފައިކޮށް ފަހުގެ ޒަމާނީ ވަސީލަތްތައް ހިމަނާފައި ކަމަށެވެ.

ކޮމިޝަނުގެ ތަހުގީގަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، މިއީ ދުވަސް ވީ މައްސަލައަކަށް ވެފައީ ސީދާ އެ ދޯނި ހޯދުންކަމަށް މިސްބާހު ވިދާޅުވި އެވެ. އަދި އެ ދޯނި ހޯދުނު ނަމަވެސް، ހޯދޭނެ މާބޮޑު ހެއްކެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ޕްރެސްގައި ކޮމިޝަނުން ދިން ބައެއް މައުލޫމާތުތަކުގެ ތެރޭގައި، ރިޟްވާނަށް ފާރަލައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހަ މީހަކު ސީރިއާއަށް ގޮސްފައިވާކަމަށް ބުނުން ހިމެނެ އެވެ. ނަމަވެސް އެ މީހުން އެތަނުގައި މަރުވެފައިވާކަން ނުވަތަ ނޫންކަން ކޮމިޝަނަށް ވަނީ ކަށަވަރު ކުރެވޭ ގޮތެއް ނުވެފަ އެވެ.

މީގެއިތުރުން މިސްބާހު ވިދާޅުވީ، ރިޟްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތަށާއި ތަހުގީގުގެ ބޭނުމަށް ބައެއް މީހުން ހައްޔަރު ކުރުމުން އެ މީހުން ބަންދުން ދޫކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކަރުގެ ބައެއް އިސްވެރިން މަސައްކަތް ކުރި ކަމަށެވެ. އަދި އެކަމުގައި ބައިވެރި ވި މީހުން ސިޔާސީ އިސް މީހުންނާއި ގާތް ގުޅުމެއް ބޭއްވިއިރު، އެގޮތަށް އެ މީހުން އެދިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އެގޮތަށް އަންގައި މެސެޖު ކުރުމުން އެ މީހުން ދޫކޮށްލީކަމަށް ވިދާޅުވި އެވެ.

މިސްބާހު ވިދާޅުވި ގޮތުގައި މައްސަލައިގައި ތުހުމަތު ކުރި، މުނާޒް ސީރިއާށް 2017 ގައި ފުރުމުގެ ކުރިން ރައީސް ޔާމީނާއި ބައްދަލުކޮށް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނުމަށް ފަހު ރިޟްވާން ރަހީނު ކުރި ގޮތާއި އޭނާ މަރާލި ގޮތް ކިޔައިދިންކަމަށެވެ. ކޮމިޝަނަށް އެ މައުލޫމާތު ދިނީ، ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮތް، އެމަނިކުފާނުގެ ކަންކަން ގާތުން އެނގޭ މީހެއްކަމަށް ވެސް މިސްބާހު ވިދާޅުވި އެވެ.

މުނާޒް ސީރިއާއަށް ފުރައިގެން ދިޔައީ ރައީސް ޔާމީންގެ އެހީތެރިކަމާއި އެކުކަމަށް ވެސް މިސްބާހު ވިދާޅުވި އެވެ. އެއްވެސް ހެއްކެއް ނެތި، ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމުގެ ބޭނުމުގައިކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ވަނީ މިސްބާހާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ނިންމާފަ އެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދީ އެ އަމަލު ހިންގުމުގެ ފަހަތުގައި ތިބި މީހުންނަށް ހައްގު އަދަބު ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ކޮމިޝަނުގެ ތަހުގީގުގެ ތެރެގައި ހިމެނޭ ގިނަ މައްސަލަތައް ކޯޓުގައި ވެސް ކުރިޔަށް ދާއިރު އެ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ތަފާތު އެކި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ބާރުން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މަރު ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައި ވެއެވެ. އެގޮތުން މައްސަލަތަކުގައި ސުވާލު ކުރުމަށް މީހުން ހާޒިރުވުމަށް އަންގައި ޗިޓުތައް ފޮނުވުމާއި ތަހުގީގުތަކަށް ބިނާކޮށް ޕާސްޕޯޓުތައް ހިފަހެއްޓުމުގެ އަމުރަކަށް އެދުމުގެ ބާރު ލިބިގެން ވެއެވެ.

ވަރަށް ގަދަ
24%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 4%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮންކަމެއް ތި ކޮމިޝަންއަށްވީ ރިލްވާން ކަރު ބުރިކޮށްލާ ކަންޑު ފެއްތި ވާހަކަ އަކީ ތުންތުން މަތިންކީ ވާހަކަ އެއް ތި ކޮމިޝަން އުފެއްދުމު ކުރިން ވެސް ގިނަ ދިވެހިންނަށް ތިކަން އެނގޭ އެހެންވީމަ ކޮން އާކަމެއްވީ، ވެރިކަމަށް އަނނަންވީމަ ރިލްވަންގެ ވާހަކަ ދައްކާލަން ވެސް އެނގެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: