ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާނާއި ޔާމީންގެ މަރުގައި ތުހުމަތުކުރެވޭ ތިން މީހުންގެ މައްސަލަ ޕީޖީއަށް ހުށައަޅައިފި

ބްލޮގަރު ޔާމިން ރަޝީދު އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް، ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ސީރިއަސް ތުހުމުތުތަކެއް ކުރެވިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފައިވާ ތިން މީހުންގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވައިފި އެވެ.

މިއީ، މަރު ކޮމިޝަނާއި ޕީޖީ އޮފީހުން މަޝްވަރާކޮށްގެން، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ ކަންވެސް ފާހަގަކޮށްލެވެއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މއ ފާގަވިލާ އަހްމަދު އިސްމާއިލް (އަހަނދު) އާއި މ ލެގޫންވިއު އިސްމާއިލް އަބްދުއްރަހީމް (އިސޫ) ގެ އިތުރުން ދަފްތަރު އަހްމަދު މުއާޒް އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވިީ ދެ މަރުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ މަޝްވަރާއަށް މަރު ކޮމިޝަނުން މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުގެ ތަހުގީގަށް ލިބުނު ބޮޑެތި ކުރިއެރުންތަކަކާ ގުޅިގެން އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ އާދީއްތަދުވަހެވެ. ޝަރީއަތް ނިމެންދެން ތިން މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރު ކޮމިޝަނުން އެދިގެން ހައްޔަރުކުރި ތިން މީހުން ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.

އޭގެތެރެއިން އިސޫއަކީ މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މލެގޫން ވިއު ބަލައި ފާސްކޮށްފައިވެއެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.

ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރުމަށް ފަހު އޭނާ ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ދައުވާ ބާތިލްކުރީ އެވެ.

އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: