ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާނާއި، ޔާމިންގެ މަރުގެ މައްސަލަ: ވަކީލުން އެދިގެން ޝަރީއަތުގެ އަޑުއެހުން ސިއްރު!

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ތިން މީހުން / ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގާރ ޔާމީން ރަޝީދާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ރަހީނުކޮށް ގެއްލުވާލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 26 ގައި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ރިޟްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމާއި އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށެވެ. މަރުކޮމިޝަނުގެ ތަހުގީގުތަކަށް ފަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އިސްމާއިލް އަބްދުރައްރަހީމް (އިސޫ) އާއި، އަހުމަދު އިސްމާއިލް (އަހަންދު) އަދި އަހުމަދު މުއާޒް (ގަޓު މުއާ) އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންގެ މައްޗަށް މީގެ ކުރިން ވެސް މައްސަލައިގައި ތުހުމަތުތަކެއް ކުރިއިރު، ރިޟްވާންގެ މައްސަލައިގައި އޭރު އިސޫއާއި ސުވާލު ކުރި އެވެ. އަދި އެކަން ފާހަގަކޮށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބައެއް ވާހަކަތައް ހިމެނި އެވެ. ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އިސޫގެ މައްޗަށް ދައުވާއެއް ނުކުރެވުނީ ބޭނުންވާ މިންވަރަށް ހެކި ނެތިގެންނެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ، ރިޟްވާން ވަގަށް ނަގައި އޭނާގެ ބޯ ބުރިކޮށް ކަނޑު ފައްތާފައިވާކަމަށެވެ. އަދި ރިޟްވާނަށް ހަމަލާ ދޭން ބަޔަކު ރޭވީ ރާއްޖޭގައި އުފެދިފައިވާ މިނިވަން ފިކުރު ގެ ބަޔަކާއި ހަރުކަށި ފިކުރުގެ ބަޔަކު ދެމެދުގައި އުފެދުނު ދެބަސްވުމަކާއި، ހަމަނުޖެހުމެއްގެ ތެރެއިންކަމަށް ރިޕޯޓުގައި ވެއެވެ.

މީގެތެރެއިން އިސޫގެ މައްޗަށް ކުރަނީ ރިޟްވާނާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި އަހަންދުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. މުއާޒުގެ މައްޗަށް ކުރަނީ ޔާމީނާއި ރިޟްވާން މަރާލުމަށް ރޭވިކަމުގެ ތުހުމަތެވެ. އަދި އޭނަގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އަޑުއެހުންތައް ސިއްރު ކުރުމަށް ދައުލަތުން އެދުނީ، ޝަރީއަތުގައި ހާމަވެގެން ދާނެ މައުލޫމާތެއްގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ބަލަ އެވެ. އޭގެ އިތުރުން އަދިވެސް ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގެ އިތުރު ބައެއް ތަހުގީގުތައް ކުރިޔަށް ދާތީ އޭގެ ސަބަބުން ހުރަސްތަކެއް ދިމާވެދާނެތީ އެވެ.

މި މައްސަލައިގައި އަޑުއެހުންތައް ސިއްރުން ކުރިޔަށް ގެންދިއުމަށް ދައުލަތާއި، ދިފާއީ ވަކީލުން ވެސް އެދުނެވެ. ދައުވާ އުފުލައި، މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުން ކުރިޔަށް ގެންދިޔައީ ނޫސްވެރިންނަށް ހުޅުވާލައިގެންނެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައި ވާގޮތުގައި، މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދުގެ ހަވީރު 16:00 އަށެވެ. އަދި ތަފްސީލުގައި ވަނީ ޝަރީއަތް ސިއްރުވާނެ ކަމަށެވެ.

ރިޟްވާންގެ މައްސަލައިގައި 2019 ވަނަ އަހަރު މަރު ކޮމިޝަނުން ރިޕޯޓެއް އާއްމު ކުރުން ފިޔަވައި ލިބުނު އިތުރު ކުރިއެރުމެއް ނެތެވެ. އެ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދު ވިދާޅުވީ ރިޟްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމަށް މެދުވެރިވީ ދީނީ މިނިވަންކަމާއި އެހެން ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބަޔަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފިކުރު ގެންގުޅޭ ބައެއްގެ ދެމެދުގައި 2010 އަދި 2011 ގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އޭނާ މަރާލީ އެއީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމްކުރުމަށް ފަހު ކަމަށް ވެސް ބުންޏެވެ. ކޮމިޝަނުން ބުނީ، ރިޟްވާން މަރާލި ވަގުތު، އޭނާ ދިޔައީ ޝަހާދަތުގެ ދެކަލިކަ ކިޔަމުން ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް އެންމެ މުހިންމު އެއް ހެއްކެއްގެ ގޮތުގައި ކޮމިޝަނުން މިއަދާއި ހަމައަށް ވެސް ފާހަގަކުރަމުން އަންނަނީ ރިޟްވާން ރަހީނުކޮށް ގަދަކަމުން ކާރަ އެރުވުމުގެ ތެރޭގައި ގެންގުޅުނު ވަޅި އެވެ. އަދި ދާފިފަހުން ވެސް އެ ވަޅިއާއި ބެހޭ މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ ފައިސާގެ އިނާމަކަށް އެކަން ހިއްސާކޮށްދޭން އެދި ކޮމިޝަނުން ހުޅުވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: