ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟުވާނާއި ޔާމިންގެ މައްސަލައިގައި ބައިނަލްއަގުވާމީ މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުން

ބްލޮގަރު ޔާމިން ރަޝީދު އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހިންގާ މީހުންނަށް އަދަބު ލިބިގެންދާކަން ކަށަވަރުކުރުމަށް ގުޅިފައިވާ މަދަނީ ޖަމިއްޔާތަކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިިޔޭގެ މަދަނީ ޖަމިއްޔާތަކުންވަނީ ރާއްޖޭގައި ނޫސްވެރިންނާއި ދެކޮޅަށް ހިންގޭ ޖަރީމާތަކުގައި ޝާމިލުވާ މީހުންނަށް އަދަބު ނުދެވިދާ ދިއުން ނިމުމަކަށް ގެނައުމުށް ގޮވާލާފައެވެ.

އެގޮތުން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނާއި، ޓްރާންސްޕެރެންސީ މޯލްޑިވްސްއާއި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްގެ އިތުރުން އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް އާއި ހިއުމަން ރައިޓްސް ވޮޗް އަދި ރިޕޯޓާސް ވިތައުޓް ބޯޑާސްއިންވެސް މި ބަޔާން ނެރުމުގައި ބައިވެރިވެފައިވެއެވެ.

ޖަމިއްޔާތަކުންވަނީ ނޫސްވެރިންނާއި ދެކޮޅަށް ހިންގޭ ޖަރީމާތަކުގެ ތަހުގީގުތައް އަވަސްކޮށް ފެންނަ ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުވާކޮށް އަދަބު ދިނުމުގެ މަސައްކަތްތައް ކުރުމަށް ރާއްޖޭގެ ސަރުކާރަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި ނޫސްވެރިންނާއި ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތައް ނިމުމަކަށް ގެނައުމަށްވެސް ގޮވާލާފައިވެއެވެ.

ބަޔާނުގައިވާގޮތުން، ނޫސްވެރިޔާ އަހުމަދު ރިޟުވާން އާއި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުރެވިފައިވާ ދައުވާތައް އަނބުރާ ގެންގޮސްފައިވުމާއިމެދު ކަންބޮޑުވާކަމަށާއި މީގެ ކުރީގެ ޝަރީއަތްތަކުގައި ކޯޓުންވަނީ މި ކޭސްގައި ތަހުގީގީ އަދި ތަންފީޒީ އިދާރާތަކުގެ އިހުމާލުތައްވާކަމަށް ފާހަގަކޮށްފައިކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެ މައްސަލަތަކުގެ ތަހުގީގުތައް ކުރުމަށާއި މައްސަަލަ ނިންމުމަށް ވައުދުވެފައިވާއިރު، މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ކޯޓުން ބޭރުކޮށްލާފައިވުމަކީ ކަންބޮޑުވުން އާލާވާ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތަހުގީގީ އިދާރާތަކުން ކޮށްފައިވާ މަސައްކަތްތަކާއި ނަގާފައިވާ ފިޔަވަޅުތަކާއިމެދު ގިނަ ސުވާލުތައް އުފެދިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ޖަމިއްޔާތަކުން ބުނެފައިވާގޮތުން، މިފަދަ އާންމުންގެ މަސްލަހަތާއި ޝައުގުވެރިކަން އުފެދިފައިވާ މައްސަލައެއްގެ ތަފްސީލުތައް ހާމަނުކުރުމަކީވެސް ކަންބޮޑުވުމެއްކަމަށާއި، ހާމަކުރާ މައުލޫމާތުވެސް ފުރިހަމަ ނުވާކަމަށްވުމުން ޖުމުލަ ގޮތަކަށް ތަހުގީގީ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސާފުނުވާކަމަށް ބުނެފައިވެއެވެ. އަދި އެކި ސަރުކާރުތަކުން ސިޔާސީ މަންފާ ހާސިލުކުރުމުގެ މަގުސަދުގައި މި ކޭސްތައް ބޭނުންކޮށްފައިވާކަމަށްވުމުން އާންމުންގެ ތެރޭގައި އެ ތަހުގީގުތަކަށް އޮތް އިތުބާރުވެސް ގެއްލިފައިވާކަމަށާއި ޝަރުއީ ދާއިރާއަށް އޮތް އިތުބާރުވެސް ގެއްލިގޮސްފައިވާކަމަށެވެ.

ބަޔާނުގައިވާގޮތުން، އިންސާފު ގާއިމުނުކުރެވުން ނުވަތަ ކުށަށް އަރައިގަތުމަށްފަހު އަދަބު ނުލިބިދާކަމަށް ފެނިގެންދާ ދިއުމުގެ މައްސަލަތައް މިފަދަ ބޮޑެތި ކޭސްތަކުގެ ތެރޭގައި ދިމާވުމުން ނޫސްވެރިކަން ކުރާ މީހުންގެ ހިތްތަކުގައި ބިރުވެތިކަން އާލާކުރާ ފަދަ މާހައުލެއް ގާއިމުވެގެންދާކަމަށާއި، އެފަދަ އަމަލުތައް ހިންގާ މީހުން ބާރުވެރިވެގެންދާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން 2018-2023 އަށް މަރުކޮމިޝަނުން ހިންގާފައިވާ ތަހުގީގުތަކުގެ ފުރިހަމަ މައުލޫމާތު ދީ ރިޕޯޓުތައް ހިއްސާކުރުމަށް ގޮވާލާކަމަށާއި އަވަސް މަސައްކަތްތަކެއްގެ ތެރެއިން ރިޟުވާނާއި ޔާމިންގެ މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގެ މަތިން ތަހުގީގުކޮށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރުމަށްވެސް ގޮވާލާކަމަށެވެ.

ޖަމިއްޔާތަކުންވަނީ މި މައްސަލައިގައި ތަހުގީގުގެ މަސައްކަތްތަކުގައި ވެފައިވާ އިހުމާލުތަކުގެ މައްސަލަވެސް ބެލުމަށް ސަރުކާރަށް ގޮވާލާފައިކަމަށްވާއިރު، ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ޕީޖީ އިން އިސްތިއުނާފުކޮށްފައިނުވާ ސަބަބު އާންމުކޮށް ހިއްސާކުރުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: