ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގެވި ޖޯޝާއި ފޯރީގައި މަޖިލިސް ހިންގެވި ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް އައިސްފައި ނުވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޓީއެއް ފޮނުވާފަ އެވެ. ސިޓީގައި ރައީސް ނަޝީދު ވަނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ޝާމިލްވާ މީހުން އަދިވެސް އިންސާފުގެ ކުރިމައްޗަށް ގެނެވިފައި ނުވާތީ، އެމީހުން ހައްޔަރުކުރުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމަކީ އާއިލާއާއި އަދި އެނޫންވެސް އެތައް ބަޔަކު ޖެހިލުންވާ ކަމެއްކަމަށެވެ. އެހެންކަމުން، އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުމަށް ސިޓީގައި ވަނީ ދަންނަވާފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އިމްތިޔާޒް ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށިގެންދާއިރު، ދައުރުގެ ފުރަތަމަ ޖަލްސާވެސް ފެނިގެންދަނީ އާދައިގެ އާންމު ދުވަހެއްގެ ޖަލްސާއެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، މިއީ މިކަން ވެގެންވާނެ ގޮތް ނޫންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަގުތުވެސް ރާއްޖެއިން ބޭރުގައި ހުންނެވިއިރު، މަޖިލީހުގެ ޖަލްސާތައް މިހާ އާދައިގެ އާންމު ޖަލްސާތަކެއްގެ ގޮތުގައި ގެންދެވިގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.
”އަޅުގަނޑަކީވެސް މަޖިލީހުގައި މިހާރު ދެތިން ދައުރެއް އަދާކޮށްފައިވާ މީހެއް. މިސްޕީޑްގައި މަޖިލީސް ހިންގެވި ރައީސަކު އަޅުގަނޑު ގައިމުވެސް ނުދެކެން. އެ ޖޯޝުގައި މަޖިލިސް ހިންގެވި ބޭފުޅަކުވެސް ނުދެކެން. ރިޔާސަތުގައި އިންނަވާއިރު އެމަޖާކަންވެސް އަޅުގަނޑު ދުވަހަކުވެސް ނުދެކެން.“ އިންތި
މީގެ އިތުރުން ކޮމެޓީތަކުގެ މަސައްކަތްތައްވެސް އެހާ ގާތުން ބެއްލެވި ރައީސެއް ވެސް މަޖިލީހުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ދެކިވަޑައިގެންފައި ނުވާކަމަށް އިންތި ވިދާޅުވިއެވެ. އެމަނިކުފާނު މަތިން ވަރަށް ހަނދާންވާ ކަމަށާއި ސަރުކާރެއްގެ ހައިސިއްޔަތުން މަޖިލީހުގައި ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމަށް އިންތި ވިދާޅުވިއެވެ. ރައީސް ނަޝީދު މަޖިލީހަށް ހާޒިރުވެވަޑައިނުގަނެ، ރާއްޖެއިން ބޭރުގައި ހުންނަވާ ކޮންމެ ދުވަހަކީ އެކަމުގެ ގެއްލުން މަޖިލީައހަށް ވެސް އަދި އާންމުންނަށް ވެސް ކުރާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރެއްވިނަމަވެސް، ޕާޓީގެ ޗެއަޕަސަން ހަސަން ލަތީފް ވަނީ މިވަގުތު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ ކުރުން ރަނގަޅުކަމެއް ނޫންކަން ވިދާޅުވެފަ އެވެ. ހަސަން ލަތީފްގެ މި ވާހަކަތަކަށް ތާއީދުކުރައްވައި ރައީސް ނަޝީދު ވަނީ ޗެއަޕަސަން އެމަނިކުފާނަށް ދެރަ ގޮތެއް ވުމަށް ނޭދޭނެކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް ނަޝިދު ރާއްޖެ ވަޑައިގަންނަވާނީ މަޖިލީހުގެ 241 ކޮމެޓީއިން ހުށައަޅާފައިވާ ރިކޮމެންޑޭޝަންތަކަށް އަމަލުކުރަން ފެށުމުންކަމަށް ފާހަގަކުރައްވާފައިވެ އެވެ. އަދި ހަމަލާ ދިނުމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނަމަ، ރައީސް ނަޝީދަށް ރާއްޖެ އަމާން ތަނަކަށް ނުވާނެކަމަށް ރައީސް ނަޝީދުގެ އާއިލާއިންނާއި ތާއީދުކުރައްވާ މެމްބަރުން ފާހަގަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުންވެސް މިރިކޮމެންޑޭޝަންތަކަށް އަމަލުކުރުމަށް ކުރަންޖެހޭ ކަންކަން ބެލުމަށް ކަމާއި ގުޅޭ މުއައްސަސާތަކާއެކީ ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ. އަދި ފުލުހުންވެސް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ކުރިއަށްވުރެ ރަނގަޅަށް ރައީސް ނަޝީދަށް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

