ފައިވް ސްޓާ ހޮޓަލެއްގެ ހިދުމަތެއް ދޭނެކަމަށް ބުނެ އޮޅުވާލައިގެން ބުކިން ފައިސާ ނެގުމަށްފަހު، އާދައިގެ ގެސްޓް ހައުސްއަކަށް ބޭރު ބައެެއް ގެނެސް އެ މީހުން މަގުމަތިކުރި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރޭގެ ވަގުތެއްގައި މާލޭގެ މަގެއްގައި އިންޑިއާ ބައެއް މުޒާހަރާ ކުރަމުންދާކަމަށް ބުނެ އަޑު ފެތުރު ނަމަވެސް، ހާދިސާ ހިނގައިދިޔަ ގޮތް ސާފު ކުރުމުން އެނގިގެން ދިޔައީ އެ މީހުންނަކީ ބައެއްގެ ސްކޭމްއެއްގެ މަޅީގައި ޖެހުނު ބައެއް ކަމެވެ.
މާލޭގައި ހިންގަމުންދާ ފެންވަރު ރަނގަޅު ހޮޓަލަކުން ހިދުމަތް ދޭނެކަމަށް ބުނެ އެ މީހުންގެ އަތުން ޖުމްލަ 32،000 ޑޮލަރު ނަގާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. މަގުމަތިވެފައި ތިބި މީހުންގެ ތެރޭގައި އަހަރު ނުފުރޭ ތުއްތު ކުދިންނާއި، ޅަ އުމުރުގެ ކުދިން ހިމެނެ އެވެ.
I’ve always raised concern over this issue. We are not ready for a lock down due to irresponsible management and allowing tourists in different names inside local houses during a Pandemic. A little ease must not be misused. This has to be stopped @MoTmv @PoliceMv @HPA_MV @MoHmv pic.twitter.com/sheneQYz0d
— Highrise Issey (@highriseissey) August 15, 2021
އާއިލާއާއި އެކު މާލެ އައުމުން އެ މީހުން ހުންނާނެ ތަނެއްގެ ގޮތުގައި ދެއްކީ އިންސާނުން އުޅެން ހެޔޮވާވަރު ވެސް ނުވާ، ބަންކު ބެޑު ޖަހާފައި ހުރި ކުޑަ ގޮޅި އެކެވެ. އަދި އެއީ ދެއްކި ފައިސާއާއި ނުބައްދަލުތަނެއްކަމާއި، އެތަނަށް ވަންނަން ދެކޮޅު ހެދުމުން އެކަމަށް އަޅާނުލައި އެ މީހުން މަގުމައްޗަށް ދޫކޮށްލީ އެވެ.
މި މީހުން ރާއްޖެ ގެނައުމުގައި އިސްކޮށް އުޅުނީ، އިންޑިއާގެ އޭޖެންޓެއްކަމަށް ވެއެވެ. އަދި މާލެއިން އެ މީހުންނާއި ބަޔަކު މުއާމަލާތް ކުރި އެވެ. ދާގޮތަށް ހަމަޖެހިފައި އޮތީ މާފުއްޓަށެވެ. މިއީ އެހެން މީހުންނެކޭ ވެސް އެއް ގޮތަށް ޓްރާންސިޓެއްގަައި ރާއްޖެ އައި މީހުންނެވެ. އަދި ދަތުރު ކުރަން ހަމަޖެހިފައި ސައުދީއަށެވެ.
ގިނަ އަދަދެއްގެ ބައެއް، ފޮށިތަކެއް ހިފައިގެން އެހެން މަގުމަތީ ތިބުމުން ވާނުވާ ބަލައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ މައްސަލަ ފުލުހަށް ހުށަހެޅީ އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނެވެ. މިއީ އިންސާނީ ވަގުފާރީގެ އަމަލެއްކަމަށް ވުމުން ފުލުހުން ވެސް އެ ސަރަހަށްދަށް ދިޔައިރު އާއްމުންގެ ނުރުހުން ސޯޝަލް މީޑިއާއިން ފާހަގަ ކުރެވުނެވެ. އަދި ކުޑަ ކުދިން ހިމެނޭ އާއިލާތަކެއްވުމާއި އެކު ހުޅުމާލޭގައި ގެސްޓު ހައުސްތައް ހިންގާ ބައެއް މީހުން އެ ސަރައްހަށް ދިޔަ އެވެ.
5⭐️hotel kamah bune quarantine vaan meehun genes, van iru insaanun ulhen heyova varu thaneh ves nun. Konme dhemeehakah room eh kamah bune , ai iru bunk bed thah jahaa furaalaafa. Bidheyseen athun bodu adhadhun vany faisaa nagaafa , pic.twitter.com/Kbmvk9nqnz
— AHMED ASH-HAADH (@kudameedhaa) August 15, 2021
މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ. އަދި ޓްރެވެލް އޭޖެންސީތަކުގެ ނަމުގައި ހިންގާ މިފަދަ އެކި އަމަލުތައް ހުއްޓުވައި ފިޔަވަޅެއް އެޅިފައި ނުވެ އެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ގިނައިން މިފަދަ ހާދިސާތައް ހިނގާކަން ފާހަގަ ކުރެވެ އެވެ.
ރޭ މެންދަމު ގިނަ އިރުތަކެއް ވަންދެން، އެ މީހުން މަގުމަތީ ތިބިއިރު އާއްމުން ވަނީ އެ ސަރަހައްދަށް ގޮސް ފެނާއި އަދި ކާބޯތަކެތި ފޯރުކޮށްދީފަ އެވެ. އަދި އެތަނުގައި ތިބި ކުޑަކުދިން ބޭނުންވާ ކާނާ ވެސް ދިނެވެ.
މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެ މީހުން އެހެން ގެސްޓްހައުސްއަކަށް ގެންދެވޭތޯ ބެލި އެވެ. އެހެން ނަމަވެސް މާލޭގެ އަތޮޅުގެ ހުރިހާ ގެސްޓް ހައުސްއެއް ފުރިފައި ހުރުމުންނާއި، ވަގުތު ހޭދަވާ މިންވަރު ދިގުލައިގެންދާތީ އެ މީހުންނަށް ވަގުތީ ހިޔާއެއް ދިނީ ހުޅުމާލެއިންނެވެ. އެނގިފައިވާ ގޮތުން އެއީ ހުޅުމާލޭގައި އެންމެ ފަހުން ކޮވިޑުގެ ތެރޭގައި ހާލުގައި ޖެހުނު މީހުން ވެސް ބޭތިއްބި ފުޓްބޯޅަ ސްކޫލެވެ.
މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށްދާއިރު، އެ އިދާރާއިން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި މީހަކު ހައްޔަރު ކުރިކަން ވެސް ސާފެއް ނޫނެވެ. ނަމަވެސް އެ މީހުން ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ރޭގެ ހިނގައިދިޔަ ހާދިސާ ކުށްވެރި ކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ހުއްދަ ނެތި ޓޫރިސްޓުން ބޭތިއްބުން އެއީ ފަތުރުވެރިކަމެއް ނޫން ކަމަށެވެ. އަދި އޮޅުވާލައިގެން މިހެން ބަޔަކު ރާއްޖެ ގެނައުމަކީ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެއްގެ ގޮތުގައި ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ މިއީ އިންސާނީ ވަގުފާރީގެ އަމަލެއް ކަމަށެވެ. މައްސަލަ ކަމާއި ބެހޭ އިދާރާތްތަކުން ތަހުގީގު ކުރަމުން ދިއުމަކީ ލިބޭ ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ އިންޑިއާގެ މީހުން ވެސް ޓޫރިސްޓު ވިސާގައި އަންނަ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އެ މީހުން ރާއްޖެ އަންނަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް، މެދު އިރުމަތީގެ ގައުމުތަކަށް ދަތުރު ކުރުމަށެވެ. މީގެ ތެރެއިން ވެސް ގިނަ މީހުންނަކީ ވެސް ސްކޭމްގެ މަޅިއެއްގައި ޖެހި ރާއްޖެ އަންނަ މީހުންނެވެ.
މާލޭގެ ސަރަހައްދުގެ ގިނަ ގެސްޓު ހައުސްތައް ފުރި، ރަށްތަކުގެ ގެސްޓު ހައުސްތައް ވެސް ވަނީ ފުލްވުމާއި ގާތްވެފަ އެވެ. އެހެންވެ، އަލަށް ފެންމަތިވީ މައްސަލައެއްގެ ގޮތުގައި، ފާހަގަ ކުރެވެނީ މިގޮތަށް މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެ ގެނެސް ގެ ތަކުގައި ބެހެއްޓުމެވެ.
މި މައްސަލަ ރަނގަޅަށް ބަލައި ތަހުގީގު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

