ނިމުނު 2021 ވަނަ އަހަރުގެ ތެރޭގައި ހިޔުމަން ޓްރެފިކިންގެ 23 މައްސަލައެއް ހުށައެޅިފައިވާއިރު، މިއިން އެއްވެސް މައްސަލައެއްގައި ކުށުގައި ޝާމިލްވާ މީހުންނާއިމެދު ފިޔަވަޅެއް އަޅާފައިނުވާކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓުގައި ފާއިތުވި އަހަރު ތެރޭގައި ހިނގާފައި ހުރި ބޮޑެތި ކަންކަމަށާއި ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ. އަދި މުޖުތަމައުގައި ހުރި ތަފާތު އެކި މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކަށް އެކަން ހައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލާފައެވެ.
ބިދޭސީ މަސައްކަތްތެރިންނާއި ގުޅުންހުރި ހިޔުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރީގެ 23 މައްސަލައެއް ހުށައެޅިފައިވާއިރު މީގެ ތެރޭގައި ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށެއްގައި 198 ބިދޭސީ މުވައްޒަފުންތަކަކަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ ހިޔުމަން ޓްރެފިކިންގެ އަމަލު ހިންގާފައިވާ މައްސަލަ ވަކިން މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިމައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައިލާއިރު، ބިދޭސީންގެ އަތުގައި ޕާސްޕޯޓު ނުވަތަ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެތައް ގޮންޖެހުންތަކެއް ވަނީ ދިމާވެފައެވެ. އެގޮތުން ސިއްހީ މައްސަލަތައް ދިމާވުމުން ސިއްހީ ފަރުވާ ހޯދުމުގައި ދަތިތައް ދިމާވެ، ހާލަތު ވަރަށް ގޯސްވާ ހިސާބަަށް ދާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ސިއްހީ ފަރުވާ ހޯދުމުގެ ސަރުކާރުގެ އެހެނިހެން ހިދުމަތްތައް ހޯދުމަށްވެސް ތަފާތު އެކި ދަތިތަކާއި ކުރިމަތިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އިންޝުއަރަންސް ނެތުން ނުވަތަ އިންޝުއަރަންސް ލިމިޓް ހަމަވެފައި އޮތުމުގެ ސަބަބުން މަޖުބޫރު ހާލަތްތަކުގައި ބައެއް ހިދުމަތްތައް ހޮސްޕިޓަލުގެ ހަރަދުގައިވެސް ދޭންޖެހޭކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމަށް އެހީވެދޭ އެޖެންޓުން އެފަރާތްތަކަށް ވިސާއަކާ ނުލައި ރާއްޖެއަށް އައިސް މަސައްކަތްކުރެވޭނެކަމުގެ މައުލޫމާތު ދޭ ކަމަށާއި އެހެންނަމަވެސް ރާއްޖެ ގެނައުމަށްފަހު ދޭން ބުނާ އުޖޫރަ ނުދޭތީ ދިމާވަ ތަފާތު އެތައް މައްސަލަތައް ހުންނަކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ރާއްޖެ ގެންނައިރު ރާއްޖޭގައި ތިބޭ ”އެޖެންޓުން“ގެ ގޮތުގައި މަސައްކަތްކުރާ މީހުން ކޮމިޝަންގެ ގޮތުގައި ލައްކައިން ފައިސާ ނަގާކަމަށް ރިޕޯޓުގައިވެއެވެ. މިފައިސާ ބިދޭސީން ހޯދަނީ އެމީހުންގެ އަތުގައި ހުންނަ ބިމާއި، ރަން ވިއްކައިގެން ކަމަށާއި އެހެންނަމަވެސް ރާއްޖެ އައުމަށްފަހު ދޭން ބުނާ އުޖޫރައިގެ އެއްވެސް މިންވަރެއް ނުލިބޭކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. ކޮމިޝަންގެ ގޮތުގައި އެމީހުން ދެއްކި ފައިސާ ހޯދުމަށް އެމީހުން ކޮންމެ މަސައްކަތެއްވެސް ކުރަން މަޖުބޫރުވާ ކަމަށާއި އެގޮތުން ފިލައިގެން އެހެން ވަޒީފާތަކަށް ދިޔުމާއި މަގުމަތީގައި ސަލާންޖަހަން އުޅޭކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ބިދޭސީން އެކި މަސައްކަތްތައް ހޯދުމަށް އަތޮޅުތެރެއަށް ދާން މަޖުބޫރުވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ހުށައެޅޭ މައްސަލަތަކުގައި އެމީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުން އެމީހުންނަށް އެހީތެރިވުމުގައި ފަރުވާކުޑަކުރާކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލައިލާއިރު ބިދޭސީންގެ ޕާސްޕޯޓު އެމީހުންގެ ރުހުމަކާއިނުލައި ނުވަތަ އެމީހުންނަށް އޮޅުވާލައިގެން އަތުލައެވެ. އަދި ބައެއް ބިދޭސީންނަށް މައްސަލަތައް ހުށައަޅާނެ ސަރުކާރުގެ އިދާރާއެއް ނޭނގުމާއި ވިސާ ނުވަތަ އެކްޓިވް ވޯކް ޕަރމިޓް ނެތުމުގެ ސަބަބުން އެމީހުންގެ މައްސަލަތައް ހުށައަޅަން ފަސްޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
ޚާއްސަކޮށް ނުރަސްމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންނަށް އިޖްތިމާއީ ރައްކާތެރިކަން ނުލިބޭ ކަމަށާއި އެމީހުންގެ ނާޖައިޒް ފައިދާ ވަރަށް ފަސޭހައިން ނެގޭކަމަށް ރިޕޯޓުގައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ހިޔުމަން ޓްރެފިކިންއަށް މަގުފަހިވާކަމަށް ރިޕޯޓުގައި ވެއެވެ.
ނުރަސްމީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އާންމު ދިރިއުޅުމުގެ ހާލަަތު ވަރަށް ދަށްކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން ވައި ދައުރުނުވާ ގޮތަށް ފަރުމާކޮށްފައިވާ ކޮޓަރިތަކުގައި އުޅެން ޖެހުމުން ތޮއްޖެހުމުގެ މައްސަލައާއި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތައް ފެންމަތިވާކަން ވަނީ ފާހަގަކޮށްފައެވެ.
ބިދޭސީ މަސައްކަތްތެރިން ކޮންމެ ތިން މަހަކުން އެމީހުންގެ ”އެޖެންޓުން“ނަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް ފައިސާދޭކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ވިސާގެ ކަންކަން ހަމަނުޖެހޭ ކަމަށާއި އިންޝުއަރަންސް ހެއްދުމުގެ ފައިސާ ބިދޭސީން އަތުން ނަގާއިރުވެސް އިންޝުއަރަންސްވެސް އާކޮށްދީފައިނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ސައްހަ ލިޔެކިޔުމެއްނެތި 63000 ބިދޭސީ މަސައްކަތްތެރިން ތިބިކަމަށް އެޗްއާރްސީއެމްއިން ލަފާކުރެއެވެ. ނޭޝަނަލް އެންޓި ހިޔުމަން ޓްރފެކިން ސިޓިއަރިން ކޮމެޓީއިން 2016 ވަނަ އަހަރު ފާސްކޮށްފައިވާ ވިކްޓިމް އައިޑެންޓިފިކޭޝަން އެސްއޯޕީސް ފުލުހުންނާއި ހިއްސާ ކޮށްފައިވީނަމަވެސް އެސްއޯޕީއާއި އެއްގޮތަށް ހުރިހާ ފަހަރަކު އަމަލުކުރަމުންނުދާކަންވެސް ކޮމިޝަނުން ފާހަގަކުރެއެވެ.
ހިޔުމަން ޓްރެފިކިންގެ މައްސަލަތައް ބޮޑަށް ފެންމަތިވާން ފެށީ ކޮވިޑްގެ ޕެންޑަމިކްގެތެރޭގައެވެ. މުސާރަ ނުދީ އެތައް ދުވަހެއް ވަންދެން ގެންގުޅުމާއި ކެއިންބުއިމުގެ އެެއްވެސް ހަރަދެއް ނެތި ބިދޭސީން ގެންގުޅުމުގެ ސަބަބުން އެތައް އިހުތިޖާޖުތަކެއްކޮށް އޭގެ ސަބަބުން ދިވެހިންނާއި ބިދޭސީންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔައެވެ. އެއަށްފަހު ކަންކަން އިސްލާހުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

