ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ގޮތް ނިންމަނީ ހަމަ ގާސިމް ބާ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް -- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބޮޑު ބަދަލުތަކާއި ސަރުކާރަށް ފާޑުކިޔާ ކިޔުންތަކުގެ ވާހަކަތަކަކީ މިއަދު މަޝްހޫރުވެފައިވާ ވާހަކަތަކެކެވެ. ސިޔާސީ ކުޅިގަނޑުގައި ފާއިތުވި ދުވަސްތަކުގައި ފެނިގެން ދިޔައީ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ އަޑުގަދަކުރުންތަކާއި އިދިކޮޅު މެމްބަރުން އަޑުގަދަކުރުމާއި، އަމިއްލަ ޕާޓީ އެތެރޭގެ ޒުވާބުތަކެވެ.

ކޮންމެއަކަސް ރާއްޖޭގެ ސިޔާސީ މަޝްރަހް މިއަދު މިދަނީ ތަފާތު ހަލަބޮލިކަމެއްގައެވެ. ރައީސްކަމުގެ ތަހުތު ދެމެހެއްޓުމަށް އެއްބަޔަކު މަސައްކަތް ކުރާއިރު އަނެއް ބަޔަކު މަސައްކަތްކުރަނީ ތަހުތު ހޯދަންށެވެ. ހަލަނބޮލިކަމާއި ދުރަށް ގޮސް ދެކެވުނު ވާހަކައެއްގައި އަޑުއިވުނީ މުޅިން އެހެން ވާހަކަތަކެކެވެ.

މީގެ ތެރޭގައި އެއްބަޔަކު އަންނަ ރިޔާސީ އިންތިހާބަށް އައު ޕާޓީތައް އުފައްދުމާއި، ވެރިކަން އަލުން ހޯދުމަށް ދެކެވުނު ވާހަކަތައް ވެސް ހިމެނެއެވެ.

ރާއްޖޭގެ ބަދަލުވަމުން އަންނަ ސިޔާސީ މަސްރަހުގައި އެއް ގޮތަކުން ބުނާނަމަ އޮތީ އެންމެ ދެ ފިކުރެއްކަން ޝައްކެއް ނެތެވެ. އެއީ އެމްޑީޕީއަށް ތާއީދުކުރާ މީހުންގެ ފިކުރަކާއި ޕީޕީއެމްއަށް ތާއީދުކުރާ މީހުންގެ ފިކުރެވެ.

ފާއިތުވި ރިޔާސީ އިންތިހާބަށް ބަލާއިރު، ވޯޓު ހޯދި މީހުންގެ ތިންވަނައިގައި އަބަދުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހިމެނިފައިވުމަކީ، ރާއްޖޭގައި އޮތް ފިކުރުތަކުގެ ފަހަށް ބަޔަކު ތާއީދު ކުރާ މީހެއްވާނަމަ އެއީ ގާސިމްކަން ހާމަކޮށްދޭ ހެއްކެކެވެ.

އެހެންނަމަވެސް ދުވަސްތައް ފާއިތުވެ އަހަރުތަކެއް ފަހުން އެ މަގާމަށް އައު މީހަކު ނެތްކަމެއްވެސް ނޭނގެއެވެ. ސަބަބަކީ ރާއްޖޭގައި މިވަގުތު އާ ލީޑަރުން ތިބުމެވެ. އެހެންކަމަށް ވާނަމަ މިއަދު ގާސިމަށް ތިން ވަނަ ނަމްބަރު ލިބުން ނާދިރެވެ.

އެހެންނަމަވެސް ވެރިކަމަށް ކުރިމަތިލާ ކޮންމެ މީހެއްގެ ފަހަތުގައިވެސް ގާސިމް އިބްރާހިމް ހުރުމަކީ އެބަޔަކު އެންމެ އެދޭނެ ކަމެއްކަން ޔަގީނެވެ. މިކަމާއި ގުޅޭގޮތުން “ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރަކާއި ހަމައިން ކާމިޔާބީއާއި ހަމައަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތުގައި ހިފައިގެން ނޫން ގޮތަކަށް ދެވޭނެ އެއްވެސް މަގެއް ނޯންނާނެކަމަށެވެ. 

އޭނާ މިހެން ވިދާޅުވާއިރު، ބަހުގައި ބުރަދަނެއް ވެސް އެބަހުއްޓެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަނީ ގާސިމްގެ ތާއީދު ލިބޭ ބޭފުޅެއްކަމަކީ މިކަން ހެކިދޭ ކަމެކެވެ. އަދި މިފަދައިން ފާހަގަކުރައްވައި ޞާލިހް ވިދާޅުވީ ގާސިމް ވެފައިވަނީ އިންތިހާބުގައި ގޮތް ނިންމާ ބޭފުޅެއްގެ ގޮތުގައިކަމަށެވެ.

މިސާލެއްގެ ގޮތުގައި 2008 ވަނަ އަހަރު މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބުގައި، ގާސިމް ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދައި އެކަށީގެންވާ ނަތީޖާއެއް ހޯއްދެވި ކަމަށެވެ. އެއަށްފަހު އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސް، ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ ގާސިމްއާއި އެކު ކޯލިޝަންހަދައި އެމަނިކުފާނުގެ ތާއީދާއި އެކުއެވެ.

އޭގެ ފަހުން ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީއަށް ފުރުސަތު ގެއްލުނީ، ދެހާހެއް ހާ ވޯޓުގެ ތަފާތަކުންކަން ފާހަގަކޮށެވެ. އެ ފަހަރުވެސް ގާސިމް ނިންމެވީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރެއްވުމަށް ކަމަށެވެ. މިގޮތުން ރައީސް ޔާމީން އެމަނިކުފާނާއިއެކުގައި ކޯލިޝަން ހައްދަވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. ގާސިމް ވާދަކުރެއްވި ދެ އިންތިހާބުގައި ވެސް، ފުރުސަތު ގެއްލިގެން ދިޔައީ ވަރަށް ކުޑަތަފާތަކުންނެވެ. އަދި ޖޭޕީގެ މެމްބާޝިޕްގެ އަދަދު ދަށްކަމަށް ގަބޫލު ކުރެވުނަސް، ގާސިމް ގައުމަށް ކުރެއްވި ހިދުމަތް ހިތުގެ އަޑިން ބަލައިގަންނަ އެތައް ބަޔަކު މުޖްތަމައުގެ ތެރޭގައި އެބަހުއްޓެވެ.

ގާސިމް ވަނީ ސިޔާސީ ގޮތުން ކުރިއަށްދިޔަ ކޮންމެ މީހަކުވެސް، އޭނާގެ ސަޕޯޓު އޮތްނަމަ އެމީހަކަށް އެ މަގު ކޮށައިދީފައެވެ. ނަތީޖާއަކީ ގާސީމްގެ އެހީއާއި އެއްބާރުލުމާއިއެކުގައި އިންތިހާބު ކާމިޔާބުކުރެއްވުމެވެ. ޖޭޕީއަށް އެ ލިބިގެން ދާ ފުރުސަތުތަކުގައި ހިންގުމުގެ ދާއިރާއަށް ޕާޓީގެ ސްލޮޓުގައި ތަޖުރިބާ ހުރި އިލްމީ ގާބިލު ބަޔަކަށް ފުރުސަތު ދެވިގެންދެއެވެ. އަދި އޭގެ ނަތީޖާއަކީ މިއަދު ވެސް އެންމެ ފާހަގަކުރެވޭ، ބޭފުޅުންގެ ތެރޭގައި ޖޭޕީގެ ސްލޮޓުގައި މަގާމުތައް ފުރުއްވަމުން ދާ ބޭފުޅުން ހިމެނުމެވެ.

މިހެން މިކަން ވާއިރު، ކޮންމެ ރިޔާސީ އިންތިހާބަކަށް ގާސިމް ހާޒިރުވެ ހުންނަވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ރިޔާސީ އިންތިހާބުގެ ނިންމެވުން އެމަނިކުފާނުގެ އަތްފުޅުގައިވާ ކަމެކޭ އެއްފަދަވެއެވެ. ދެބޭފުޅެއް ވާދަ ކުރައްވައިގެން ދެވަނަ ބުރަކަށް ނުގޮސް ހޮވުމަށްޓަކައި ނޫނީ، ދެވަނަ ބުރަކަށް ނުގޮސް ހޮވުމަށްޓަކައިވެސް ގާސިމްގެ އެހީތެރިކަމަށް ބޭނުންޖެހުމަކީ ވެރިކަން އެމަނިކުފާނުގެ ހިތްޕުޅު ޖެހޭ ބޭފުޅަކަށް ދިނުން ކަހަލަ ކަމަކަށް ވާއިރު، ސިޔާސީ އިންތިހާބުތަކުގައި ގޮތް ނިންމަވަން ހުންނަވަނީ އެމަނިކުފާނުތޯ ސުވާލުއުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: