ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަށް އޮތީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރައިގެން ތިބުންބާވައެވެ؟

މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއްފަހަރު ދިރުނބާކޮޅަށް އަރާ މީހާ ކިތަންމެ ވަރަށް ކިޔައިދިނަސް ހުންގާނުގައި ހުންނަ ކައްޕި ނުވަތަ މާލިމީ މާ މޮޅުވެ، އޭނާއަށް ފެންނަ ގޮތަކަށް ކަންތައްތައް ކުރެއެވެ. އެހެން މީހަކު ބުނާ އެއްޗެއް ގަބޫލު ނުކުރެވެނީ އޭނާއަށް ކަންކަން އެނގޭ މިންވަރު ބޮޑުކަމުންނާއި، ޔަގީންކަން ބޮޑު ކަމުންކަމަށް އޭނާއަށް ހީކުރެވެއެވެ. ނަތީޖާއަކަށް ވެގެން ދަނީ މާލިމީގެ މޮޅު ކަމުންގޮސް ގިނަފަހަރަށް ކަނު އަނދިރީގައި ދޯނި ނެރުމައްޗަށް، ނޫނީ ފަރުމައްޗަށް އެރުމެވެ. އެއަށްފަހު އޮޑި ފަރަށްއެރީމަ އެކަމުގެ ޒިންމާ ގިނަ ފަހަރަށް ނަގަން ޖެހެނީ ދިރުނބާ ކޮޅަށް އެރި މީހާއެވެ.

މިހާރު އަޅުގަނޑުމެންގެ މި ގައުމުން ވެސް މިފެންނަނީ މިކަހަލަ މަންޒަރު ތަކެކެވެ. މީހުން ދައްކައިއުޅޭ ވާހަކަތަކުންނާއި ލޯތަކަށް ފެންނަ މަންޒަރުތަކުން ފެނިގެންދަނީ މި ހަގީގަތެވެ. މި ގައުމީ އޮޑީގައި، އޮޑި ހަވާލުކުރި މީހާ ހަމަ ރީތިކޮށް އަރާ އެބައިނެވެ. އޮޑި ފަރަށް އެރިޔަ ނުދީ އޮޑިވެރިން އެ އޮޑި އޭނާއާއި ހަވާލުކުރީ ރަނގަޅަށް އޮޑި ބަލައި، ފަރަކަށް އެރިޔަ ނުދީ ސަލާމަތުގެ އައްސޭރިއަށް ގެންގޮސް އޮޑިވެރިންނަށް ފައިދާއާއި މަންފާ ހޯދައިދިނުމަށެވެ. 

އެހެންނަމަވެސް މި ފެންނަނީކީއެއް ކޮންމެހެން އޮޑިވެރީންނަށް ފައިދާއެއް ހޯދައިދީ އޮޑިވެރީންނަށް ހެވާއި މޮޅާއި ލާބަ ހޯދައިދޭން، އުޅޭ މަންޒަރުތަކެއް ނޫނެވެ. އޮޑި ހަވާލުކޮށްފައިވާ މީހާ އޮޑީގެ ބާރުވެރިކަން ބޭނުންވާހިނދު، ދެން ތިބި ފަޅުވެރިންވެސް އުޅެނީ އެމީހުންގެ އަމިއްލަ އަންބޮނޑި ބޮޑުކޮށް، އޮޑީގެ ވެރިކަން ނުލިބިގެންނެވެ. އޮޑިވެރިން ބުނާ ގޮތް ހަދައި އެވެރިންނަށް ލިބޭ މަންފާއަށް ކޮޅުފައިން ޖަހާއިރުވެސް، އޮޑިވެރިން ތިބެންވީ ހަމަ ހައްޕު ކިޔައިގެންނެވެ.

މިކަމާއި އޮޑިވެރިން ކިތަންމެ ހިތާމައެއްކޮށް ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނަސް ފިކުރެއް ނެތެވެ. އެމީހުންނަށް އޮތީ އެގޮތުގައި ތިބުމެވެ. އޮޑި ފަރަށް އަރުވާލުމުން ލިބޭ ގެއްލުން އޮޑިވެރިން ތަހައްމަލްކުރާ ފަދައިން، ގައުމަށް ލިބޭ ގެއްލުމުގެ ސަބަބުން ދަތިހާލުގައި މިޖެހެނީ ނިކަމެތި ރައްޔިތުމީހާއެވެ.

ކޮންމެ ފަދަ ހާލަތެއް ދިމާވިނަމަވެސް މި ފެންނަނީ ރައްޔިތުންނަށް ބަލައިލުމެއްނެތި ފިޔަވަޅުތައް އެޅޭތަނެވެ. ރައްޔިތުންނަށް ލިބޭ ގެއްލުންތަކަކަށް އެއްވެސްކަހަލަ ވިސްނާލުމެއްވެސް ނެތިއެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ކުއްލި ނުރައްކަލުގައިވެސް، އިންޑިޔާގައި ބަލީގެ އައު ވޭރިއެންޓްތައް ފެނިފެނި، ފެތުރެމުން ގޮސް އޮއްވައިވެސް، އެމީހުންގެ ގިނަ ބަޔަކު ކަރަންޓީނުވާން ބެހެއްޓީ ރާއްޖޭގެ އަތޮޅު ތެރޭގެ އެކި ކަންކޮޅުތަކުގައެވެ. އެއީ ރައްޔިތުން އެހެން ނަހަދާށޭ، ގޮވަ ގޮވަ އޮއްވައެވެ. ސިއްހީ ގޮތުން ތަނަވަސްކަމެއް ނެތްތާނގައި އެމީހުންގެ އަނބި ދަރިން ހިމާޔަތް ކުރުމަށްޓަކައި އުފުލި އަޑު ވެގެން ދިޔައީ ބޭކާރު ކަމަކަށެވެ. ބަސް ނުވިކޭ އޮޑިއެއްގައި ހުރުމެއް ކަހަކަ ކަމަކަށްށެވެ.

ނުބައި ކަމެއްވާނަމަ ތިމާގެ ހިއްސުތަކަށް އެކަން އެހެން ވާން އުޅޭކަމަށް ވަހުމް ވެޔޭ މީހުން ބުނެ އުޅެއެވެ.

ގިނަ ބަޔަކަށް އިންޑިޔާ ސަރުކާރާއި ރާއްޖެއާއި ދެމެދުގައި ސިއްރީޔާތުގައި މިހިނގާ ކަންކަމަކީ ގައުމީ ނުރައްކަލަކާއި، ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ރައްޔިތުން އެކި ޕްލެޓްފޯމްތަކުން ދަނީ އަޑު އުފުލަމުންނެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމްކުރުމަށާއި، އިންޑިޔާއިން ގިނަ އަދަދަކަށް ސިފައިން އައުމާއި އެކި ކަންކަމަށް ގިނަ އާންމުން ކަންބޮޑުވުން ފާޅުކުރާއިރު، ހައިރާންވަނީ އެމީހުންނަށް އެއީ ކިހިނެއްވާކަމެއް ކަމަށާއި، ކަމުގެ ހަގީގަތް އޮޅުވާލައި ކިޔައިނުދޭން އުޅޭތީއެވެ. މިކަމާއިވެސް ކިތަންމެ ބަޔަކު ވަނީ އަޑު އުފުލާފައެވެ. ކުޑަމިނުން މިހިނގާ ކަންތައްތަކުގެ ހަގީގަތް ހާމަ ކޮށްދިނުމަށްށެވެ. އެފަދައިން އެކަން ނުކުރުމަށްށެވެ. ނަމަވެސް މިކަންވެސް މިވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އެރުމެކޭ އެއްފަދަ ކަމަކަށްށެވެ.

މި ގައުމީ އޮޑި ބެލެހެއްޓުމަށް ރައްޔިތުން އޮޑި ހަވާލުކުރީ އެތަކެއް އުންމީދުތަކަކާއި އެކުގައެވެ. އޮޑި ބާވެ ހަލާކުވާން ވާއިރަށް އައު އޮޑިއެއް ބަނދެވޭ ވަރަށް އާމްދަނީ ހޯދައިދީގެން އޮޑިވެރީންނަށް ފައިދާއާއި މަންފާ ހޯދައި ދިނުމަށެވެ. ނަމަވެސް މިކަން މިވަނީކީއެއް މިހެންނެއް ނޫނެވެ. އޮޑިވެރިންނަށް މަންފާ ނުލިބޭއިރު، އޮޑީގެ ބޭނުން ހިފައިގެން އޮޑިއާއި ހަވާލުވި މީހާ އަތުލީ އޮޑިވެރިންގެ ހައްގެވެ.

މިސާލަކަށް ބަލާލާނަމަ، ދާދި ފަހުން މި ސަރުކާރުން ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރެއިންވާ ހއ. ދައްޕަރު އެރަށުގެ އިހްތިޞާޞްއިން ވަކިކޮށްލީ ރައްޔިތުންނާއި އޭގެ ހިލަމެއްވެސް ނެތިއެވެ. ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫ ރައްޔިތުންނަށް އެތަކެއް ގިނަ ފައިދާތަކެއް ކުރި ތަނެއް ކަމަށް ވާއިރުގައި އެއީ އާމްދަނީ ހޯދަމުން އައިސްފައިވާ ފިއްލަދޫގެ ރައްޔިތުންނާ، ގުޅިލާމެހިފައިވާ ތަނެކެވެ.

މިހެން މިކަން ވާއިރު، އެރަށުގެ ރައްޔިތުންނަށް އަންގައިލުމެއް ހިލަމެއް ނެތި އެރަށުގެ މީހުން، އާމްދަނީ ހޯދާ މައިގަނޑު ވަސީލަތެއް އެފަދައިން، ހަމަ ހުރެލާފައި އަތުލުމަކީ އެންމެ ބުއްދިވެރިގޮތްވާވައެވެ؟ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ވަނީ އެރަށް ރިސޯޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންނަމަވެސް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ އެތަނުގައި އެހެން ޕްލޭންތަކެއް ހުރިކަން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައެވެ. އެގޮތުން އެރަށުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިފަދައިން އަދި މަސައްކަތްތަކެއް ކުރެވުނު ކަމުގައިވީނަމަވެސް، އެ މަސައްކަތްތަކަށް ބުރޫއެރުމެއް ނެތި، ފިއްލަދޫ ރައްޔިތުންނަށް ފައިދާވާހެން ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަށް އެރަށު ރައްޔިތުން ވަނީ އެދިފައެވެ. މިކަމާއި ކަންބޮޑުވުން ފާޅުކޮށް އެރަށުގެ ރައްޔިތުން ވަނީ މިމައްސަލަ މުރާޖައާ ކޮށްދިނުމަށް އެދި ރަށު ރައްޔިތުންގެ ޕެޓިޝަނެއް ސަރުކާރަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައެވެ. މައުލޫމާތު ލިބޭގޮތުންނަމަ، މި ޕެޓިޝަންއަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރެވިގެންދާ ޕެޓިޝަންއެކެވެ.

މިކަމާއި ގުޅިގެން ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޒީފް ވިދާޅުވީ، ދަޕަރު ފިއްލަދޫގެ އިހްތިޞާޞްއިން ނަގާފަދަ ވާހަކަތަކެއް އެރަށު ކައުންސިލަށް އެއްވެސް ގޮތަކަށް ލިޔުމަކުންވެސް، ނުވަދަ ފޯން ކޯލަކުން ނަމަވެސް އަންގާފައިނުވާކަމަށެވެ. އަދި ކައުންސިލުން އެކަމާއި ޝަކުވާ ހުށަހަޅާފައިވާނެކަމަށާއި، އެހެންނަމަވެސް ސަރުކާރުން މިފަދައިން ކަންތައްތައް ކުރުމަށް ނިންމެވީ ކީއްވެކަން މިހާތަނަށް ހާމަކުރައްވާފައިނުވާކަމަށް އޭނާ ވިދާޅުވެއެވެ. ހަމައެހެންމެ ދައްޕަރު ފިއްލަދޫގެ އިހްތިޞާޞްއިން ނުނެގުމަށް ހުޅުވާލި ޕެޓިޝަންގައި އެރަށު ރައްޔިތުން ފިޔަވައި ރާއްޖޭގެ އެކި ހިސާބުތަކުން ސޮއިކުރުމަށް އޭނާ ވަނީ އެދިފައެވެ.

ރާއްޖޭގެ ހާލަތު މިހާހިސާބަށް ދިއުމުން އުފެދެނީ އެތަކެއް ގިނަ ސުވާލުތަކެކެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ހައްގަށާއި، ގައުމުގެ ދިފާއުގައި ރައްޔިތުން އުފުލާ އަޑު، ކޮންމެފަހަރަކުވެސް ބަސް ނުވިކޭ އޮޑިއެއްގައި ހުރުމެކޭ އެއްފަދަވެގެންދަނީ ކީއްވެބާވައެވެ؟ މިއަދު މިމުޖުތަމައުގައި ދިމާވާ ކޮންމެ ކަމަކަށްވެސް ހައްލެއް ނުލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއީބާވައެވެ؟ އަދި ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ކަންތައްތައް ވުން އޮތީ މިހެންތޯއާއި މިއީ ހައްލެއް ނުވާ ކަމެއްތޯ ގިނަ ސުވާލުއުފެދެއެވެ. ނޫނީ ދިވެހިންނަށް، ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރަ އަރަ ތިބުން ނޫން ގޮތެއް ނެތް ބާވައޭ ހިތަށް އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: