ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި އަވަށްޓެރި އިންޑިއާއަށް ފާޑުކިޔުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ”އައްޑަނަ“ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ އިންޑިއާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑާމީސް ބަސް ރައްދުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
”އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވެދޭ ގައުމު. އަދި އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމަށް އެންމެ އިސް ދައުރެއް ކުޅޭ ގައުމު.” ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އަވަށްޓެރި އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ އަޅުވެތި ކުރަން ނޫޅުމަށާއި، ރާއްޖެ އަށް ހެލިކަޕްޓަރެއް ވެސް ބޭނުން ނުވާކަމަށް ވިދާޅުވެ އަދުރޭ ވަނީ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ވެސް ގޮވާލާފައެވެ.

