އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށް ފުލުހަކު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އިން މިރޭ ބުނީ މިރޭ 11:09 ގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އެމީހާ އަކީ ފުލުހެއްކަންވެސް ކަށަވަރުކޮށް ދިނެވެ.
މިކަމުގެ ތުހުމަތު ކުރެވިފައިވާ ފުލުސް މީހާ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއް، އެކުއްޖާގެ އުމުރުން 16 އަހަރާއި ހަމައަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި އެ ފުލުސް މީހާ އެގޭގެ ފާހަނާއިގައި ކެމެރާ ހަރުކޮށްގެން އެކުއްޖާގެ ވީޑިއޯކޮށް ބްލެކްމެއިލްވެސް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާ ގުޅިގެން ރޭ އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި ފުލުސް މީހާއަށް ހިމާޔަތް ދީގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައިވެސް ވެއެވެ.

