ހެއްކާއި ބެހޭ ބިލުގައި ހިމަނާފައިވާ ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އޮތް މާއްދާއާއި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފުކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހެއްކާއި ބެހޭ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ޝަފީގް ވިދާޅުވީ ޖުމްލަގޮތެއްގައި ބިލުގައި ހިމަނާފައި ހުރި ކަންކަމަށް ތާއީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ބިލުގެ 136 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ، ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާއަށް ނުވަތަ ނޫސްވެރިޔާ މަސައްކަތް ކުރާ ތަނަކަށް މަޖްބޫރުކުރުމަށް އޮތް އޮތުމަށް ތާއީދުނުކުރައްވާކަމަށް ޝަފީގް ވިދާޅުވިއެވެ.
މިސަރުކާރުން ވަނި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް މިނިވަންކަން ދީފައި ކަމަށާއި ނިމިދިޔަ ސަރުކާރާއި އަޅާ ބަލާއިރު ނޫސްވެރިންނަށް ވަރަށް ބޮޑަށް މަސައްކަތްކުރުމަށް ޖާގަ ދީފައިވާކަމަށް ޝަފީގް ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބުރުގެ ގާނޫނެއް އެކުލަވާލައި ނޫސްވެރިން ހައްޔަރުކުރި މަންޒަރުވެސް ފެނިފައިވާކަމަށާއި އެހެންނަމަވެސް މިވެރިކަމުގައި އެފަދަ އެއްވެސް ކަމެއް ނުފެންނަކަމަށް ޝަފީގް ވިދާޅުވިއެވެ.
މިމާއްދާ މިހެން އޮތުމުން ގިނަ ބައެއްގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެހެންކަމުން އެމާއްދާ އިސްލާހުކުރާނެކަން ހާމަކޮށްފައިވާކަމަށް ޝަފީގް ވިދާޅުވިއެވެ. ނޫސްވެރިޔާއަށް މައުލޫމާތު ލިބުނު މަސްދަރު ހާމަކުރުމަށް އޮންނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަތައް ބަޔާންވެފައި އޮންނަ ގާނޫނު އަސާސީގެ މާއްދާ 28އާއި ކަނޑައެޅިގެން ޚިލާފު މާއްދާއެއްކަމަަށް ގަބޫލުކުރައްވާކަމަށް މެމްބަރު ޝަފީގް ވިދާޅުވިއެވެ.
މާއްދާ 28އަށް އިޝާރާތްކުރައްވައި ޝަފީގް ވިދާޅުވީ ކޮމެޓީ މަރުހަލާގައި ބިލު ދިރާސާ ކުރެވިގެންދާއިރު މިބިލަށް އިތުރު އިސްލާހުތަކެއް ހުށައެޅި ބިލު އިތުރަށް ފުރިހަމަވެގެންދާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ކޮމެޓީ މަރުހަލާގައި ކަމާއި ގުޅުންހުރި އެކި މުއައްސަސާތަކާއި ގުޅިގެން މުއައްސަސާތަކުން ބޭނުންވާ ކަންކަން ހިމެނިގެން ދިޔުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ ހެއްކާއި ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ. ބިލު މިހާރު އޮތްގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ.
އެ މާއްދާ އަނބުރާ ގެނައުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، ޓްރާންސްޕޭރަންސީ މޯލްޑިވްސް، އަދި ބައެއް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.
ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން ވަަކި ހާލަތްތަކެއްގައި މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތް މާއްދާ، ބަދަލުކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުންވެސް ވަނި ހާމަކޮށްފައެވެ. އޭޖީ އޮފީހުން އާންމުކުރި ބަޔާނުގައި ވަނީ ނޫސްވެރިންނާއި އާއްމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ބިލަށް ގެންނަން ޖެހޭ ބަދަލުތައް ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ބާރުދޭ މާއްދާ ހިމެނީ ގާނޫނުުއަސާސީގެ 28 ވަނަ މާއްދާއިން ދީފައިވާ މިނިވަންކަމާއި އެެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމަށް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ކަންތައްތަކަށް ރިއާޔަތް ކޮށްގެން ކަމަށް ބުނެފައިވެއެވެ. އަދި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ ހާލްތްތަކަށް ވެސް، އެމާއްދާ ހިމެނުމުގައި ރިއާޔަތްކޮށްފައި ވާނެކަމަށް ވެސް އޭޖީ އޮފީހުގައި ބަޔާނުގައިވެއެވެ.

