01 އަހަރު ދުވަހުގެ މުއްދަތަކަށް މަސްމާރުކޭޓު ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލް އިދާރާއިން އިއުލާނު ކޮށްފިއެވެ.
ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުން ގެންދާ ރޯމަސް މާރުކޭޓާއި ފުރަތަމަ ފަންގިފިލާގައި ހުންނަ ފިހާރަ ހިންގާ ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މަސަކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އިތުރުން އަގު ހުށައެޅުމަށް ކަނޑައެޅިފައިވާ ދުވަސްތަކެއް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވެއެވެ. އެގޮތުން ބީލަން ރަޖިސްޓްރީ ކުރުމަށާއި މައުލޫމާތު ސާފުކުރުމަށް، މި މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސާވިސް މިލްޑިންގ ގެ 4 ވަނަ ފަންގިފިލާއަށް އައުމަށް އިއުލާނު ކުރެވިފައިވެ އެވެ. އަދި އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 11 ގައިކަމަށް ވަނީ ބުނެފަ އެވެ.
މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ވާގޮތުން މައުލޫމާތު ސާފު ކުރުމަށް އަންނައިރު ކޮންމެ ފަރާތަކުންވެސް ފުރިހަމަ ކުރަންޖެހޭ ބީލަން ރަޖިސްޓްރީ ފޯމް ހުށައަޅަން ވާނެއެވެ. އަގު ހުށައެޅުމުގައި ބައިވެރި ވެވޭނީ ހުއްދައާއި އެކު ވިޔާފާރިކުރާ ފަރާތްތަކަށް އެކަންޏެވެ.
މިދިޔަ މޭއި މަހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، މާލެ ސަރަހައްދުގެ މާރުކޭޓޫތަކުގައި ސާފު ތާހިރުކަން ދަމަހައްޓައި ވަކި އުސޫލެއްގެ ދަށުން މާރުކޭޓުތައް ހިންގާ ބެލެއްހެއްޓުމުގެ އިންތިޒާމުކުރެވޭނެ ވާހަކަ، ސިޓީގެ މޭޔާރ، މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ތަނުގެ ސާފުތާހިރުކަން ރަނގަޅަށް ބެލެހެއްޓުމައި، އަދި ވަކި އުސޫލެއްގެ ދަށުން ތަން ހިންގުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަން މުއިއްޒުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

