ގްރޭޓަރ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތަކުގެ އައިނެއް ހއ. އަތޮޅުގެ ރަށެއް ކަމަށްވާ ފިއްލައދޫގެ އަތިރި މަތިން ފެނިފައިވަނިކޮށް، އެ ހިފައި ބޮޑު އަގުގައި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ގުޑުގުޑަ ދޫނިތަކަކީ އާއްމުކޮށް ރާއްޖެއަށް ޒިޔާރަތް ނުކުރާ ދޫނިތަކެކެވެ. ރާއްޖޭގެ މޯސުން ގޯސް ވުމާއި ގުޅިގެން ޒިޔާރަތް ކޮށްފައިވާ މި ދޫނިތަކުގެ އިތުރުން އާއްމުކޮށް ރާއްޖެ ނާންނަ އިތުރު ދޫނިތަކެއް ޒިޔާރަތް ކޮށްފައިވެއެވެ.
މި ދޫނިތަކަކީ ދަތުރު ކުރާ ދޫނިތަކަށް ވުމާއިއެކު ރާއްޖެއަށް ކުރިމަތި ވަމުން ދާ މޫސުމީ ބަދަލުތަކުގެ ސަބަބުން ޒިޔާރަތް ކުރި ދޫނިތަކެއް ކަމުގައި ބެލެވެއެވެ. ދޫނިތަކުގެ ސަލާމަތަށްޓަކައި އައިނެއްގެ ގޮތުގައި ދަތުރުކުރާ މި ދޫނިތައް ރާއްޖޭގައި މަޑުކޮށްފައި ވަނީ އެ މީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ކަމަށް ފާހަގަ ކުރެވެއެވެ.
ކޮންމެ އަހަރެއްގެވެސް މިދުވަސްވަރާއި ދިމާކޮށް ގިނަ ހިޖުރަ ކުރާ ދޫނިތަކެއް ރާއްޖެ ޒިޔާރަތް ކުރާ ކަމަށް ފާހަގަ ކޮށް އެންވަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރެފައިވާ ނޫސް ބަޔާނުގައި ވެސް ބުނީ މި ދޫނިތަކަކީ ހިމާޔަތް ކުރެވިފައިވާ ދޫނިތަކެއްކަމަށެވެ. މި މަހުގެ 09 ވަނަ ދުވަހު އެ އެޖެންސީއިން ނެރެފައިވާ ނޫސް ބަޔާނުގައި ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފައި އަނިޔާ ކުރާކުރެވޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަން ފާހަގަ ކޮށް އެކަމަށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
Press release regarding the illegal capture of migratory birds. pic.twitter.com/3yemDdpmMq
— EPA Maldives (@EPAMaldives) October 9, 2021
ހއ. ފިއްލައިދޫ ގެ އަތިރިން ފެނިފައިވާ ގުޑުގުޑާ ދޫނިތައް ހިފައި ވިއްކާލުމަށް މަސައްކަތް ކުރަމުންދާކަން މީޑިއާތަކަށް މައުލޫމާތު ލިބިފައިވާއިރު، ދޫނި ވިއްކުމަށް ގެންގުޅޭ ވައިބަރ ގްރޫޕެއްގައި ”މުހުސިން“ ނަމަކަށް ކިޔާ މީހަކު މި ދޫނި ވިއްކުމަށް ޖަހާފައިވެއެވެ. ”ސަންގު ޓީވީ“ އިން ވައިބަރ ގުރޫޕުގައި ޖަހާފައިވާ ނަމްބަރަށް ދެ ފަހަރެއްގެ މަތިން ގުޅުމުން ވެސް ފޯނު ކޯލަށް ޖަވާބު ދީފައެއް ނުވެއެވެ. އޭނާ ގުޑުގުޑާ ދޫނި ވިއްކަން ޖަހާފައިވަނީ 30،000 ރުފިޔާ އަށެވެ.
އެންވަރަންމެންޓާލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނައީމް ”ސަންގު“ އަށް ވިދާޅުވީ، ގުޑުގުޑާ ދޫނި ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބިފައިވާކަމަށެވެ. އަދި އާއްމުންގެ މި އަމަލަކީ ނާތަހުޒީބު އަމަލެއް ކަމަށް ބުނެ މިއީ ހަރުކަށި ފިޔަވަޅުތަކެއް އަޅާނޭ ފަދަ އަމަލެއް ކަމަށް ނައީމު ވިދާޅުވިއެވެ. މައްސަލައިގެ ތަހުގީގުތައް ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދެވޭ ވާހަކަވެސް ނައީމު ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ނައީމް ވިދާޅުވީ، ގުޑުގުޑާ ދޫނި ހިފައި އޭގެ ފިޔަ ކޮށާލުމަށް ފަހު އެ ވިއްކަން މަސައްކަތް ކުރަނީ ރިސޯޓުތަކަށް ކަމަށެވެ. އަދި ސޯޝަލް މީޑިއާ ނުވަތަ ވައިބާ ގްރޫޕުތަކުގައި އެކަމުގެ ވާހަކަތައް އެ ހިފައި ވިއްކާ މީހުން ޕޯސްޓު ނުކުރާ ކަމަށެވެ.
މިފަދަ އަމަލުތައް ހިންގުމަކީ ދިވެހި ރާއްޖޭގެ ގަނޫނާއި ހިލާފު ކަމެއް ކަމާއި، އަމަލު ހިންގާ ފަރާތައް ހައްގު އަދަބު ލިބޭނޭ ފަދަ ކަމެއްކަން ފާހަގަކުރަންޖެހެއެވެ.
އީޕީއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި، ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހައްޔަރު ނުކުރުމަށާއި ދޫނިތަކަށް އަނިޔާ ނުވާނެ ގޮތަށް އަމަލުކުރުމަށް އާއްމުންނަށް ނަސޭހަތް ތެރިވެފައިވެއެވެ.

