ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ކޭސްތައް ގިނަވެ ގުރައިދޫ މަރުކަޒު ލޮކްޑައުން!

ގުރައިދޫގައި ހުންނަ މަރުކަޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް-19 ފެތުރެމުންދާތީ އެ މަރުކަޒު މިއަދު ލޮކްޑައުން ކޮށްފިއެވެ.

ޖެންޑާރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ގުރައިދޫ މަރުކަޒުގައި މުވައްޒަފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މަރުކަޒުގައި ތިބީ ހައިރިސްކު މީހުންކަމަށް ވުމާއި އެކު، އިއްޔެގެ އިރުއޮއްސި 18:00 ފެށިގެން މަރުކަޒު ލޮކްޑައުން ކޮށް ތަނަށް ވަދެ ނިކުތުން ވަނީ މަނާކޮށްފައެވެ.

މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރަށުގެ ސިއްހީ މަރުކަޒުގެ ލަފާގެ މަތިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މަރުކަޒުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ ޓީމުން ދަނީ ފިޔަވަޅިތައް އަޅަމުންނެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިން ތަކަށް އަމަލު ކުރަމުންދާކަމަށް މީޑިއާތަކަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެގޮތުން މަރުކަޒުގައި އުޅޭ އެންމެހާ ފަރާތްތައް ކޮވިޑަށް ޓެސްޓް ކުރުމުގެ އިތުރުން ސިއްހީ ހާލަތު މޮނީޓަރ ކޮށްފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވެއެވެ. އަދި ހަމައެއާއި އެކު ޕޮޒިޓިވް ވެފައިވާ ފަރާތްތައް ފެސިލިޓީއަށް ގެންގޮސްފައި ވާއިރު އެނޫން ފަރާތްތައް މަދުކަޒުގައި އައިސޮލޭޓް ކޮށްފައިވެއެވެ.

ގުރައިދޫ މަރުކަޒުގެ ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އަނބުރާ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވަނީ މިއަދު ހެނދުނު މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތް ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. 

އަދި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓާއި ކޮންޒިއުމަބްލްސް އަދި އެނޫންވެސް ވަސީލަތްތައް ގުރައިދޫއަށް ޖަމާކުރުމުގެ މަސައްކަތް އިންތިޒާމު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވާ، އިތުރަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ. 

މަރުކަޒުގެ މުވައްޒަފުން ލޮކްޑައުން ގެ މުއްދަތުގައި ބޭނުންވާ ހުރިހާ ސަމާނެއް މިއަދު މަރުކަޒަށް ގެންގޮސްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޭނުންވެދާނެ ވަސީލަތްތައް މާދަމާ ގެންދެވޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ގުރައިދޫގެ ސިއްހީ މަރުކަޒާއި ހާއްސަ އެހިާއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދަނީ މަރުކަޒަށް ބޭނުންވާ ސިއްހީ އިތުރު ހިދުމަތްތައް ދޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. އަދި މަރުކަޒުގައި ތިބި ފަރާތްތަކަށް ދޭން ޖެހޭ ސޯޝަލް ސަޕޯޓް ދިނުމަށް މި މްރުކަޒުގެ ސޯޝަލް ވޯކަރުން ހަރަކާތްތެރި ވަމުންދާނެކަން ވެސް ފާހަގަ ކުރެވެއެވެ.

ދިވެހި ރެޑް ކްރެސެންޓް ގެ ފަރާތުން ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދޭނެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިބި ބަލިމީހުންނަށް، ކޮންމެ ދުވަހަކު އެއް ފަހަރު މިނިސްޓްރީގެ ޓީމެއްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބަލިމީހުންނާއި ބެހޭ ތަފާސް ހިސާބުތައް ދެއްވާނީ އެޗް.ޕީ.އޭ އިންނާއި ގުރައިދޫގެ ސިއްހީ މަރުކަޒުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: