ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށް!

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެ ކުއްޖާގެ ބޮޑުބޭބެ 20 އަހަރަށް ޖަލަށް ލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ 2015 ވަނަ އަހަރުގެ ތެރޭގައި ހަތަރު އަހަރުގެ ކުއްޖަކަށް، ކުއްޖާގެ ބޮޑުބޭބެ ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާއާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެމްބަރަކާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގައި ބުނެފައިވަނީ ހަސަން ރަޝީދު ކިޔާ މީހެއް އޭނާގެ ކޮއްކޮގެ ކުރިމަތި ފަރާތުގައި އަތްލައި އެކި ދުވަސް މަތީން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ. މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާކަމަށް ބުނެ އެވެ.

ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ބުނީ، ހަސަން ރަޝީދު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން އެކި މީހުން ގާތު ބުނެފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ކުއްޖާގެ މެޑިކަލް ރިޕޯޓު ހުށަހަޅާފަ އެވެ.

މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައި ވަނީ، ބޮޑުބޭބެ ގޯނާ ކުރިކަން އެކި މީހުން ގާތު ކުއްޖާ ބުނެފައިވާއިރު އެއީ އުމުރުގެ ގޮތުން ވަރަށް ތުއްތު ކުއްޖެއް ކަމަށެވެ. އަދި އެކަން ދިމާވުމުން ނޫނީ، އެފަދަ ވާހަކައެއް ކިޔާދޭން ތުއްތު ކުއްޖަކަށް ނޭނގޭނެ ކަމަށެވެ.

މީގެ އިތުރުން ކުއްޖާގެ އުޅުމަށް އައި ބަދަލުތަކާއި، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ވެސް އަނިޔާ ލިބިފައިވާކަން އެނގެން އެބައޮތްކަމަށް މައްސަލަ އިސްތިއުނާފުކޮށް ދައުލަތުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ހިމެނޭ ކުއްޖާއަކީ ބަޔާން ނެގޭ ވަރަށް ވުރެ ކުޑަކުއްޖަކަށް ވުމުން ހުށަހަޅާފައިވަނީ، މައްސަލައިގެ ތަހުގީގުގައި ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކުގެ ވީޑިއޯ އަދި އޯޑިއޯ ރިކޯޑިން އެވެ. 2015 ވަނަ އަހަރުގެ މޭއި 31 ގައި ނަގާފައިވާ އެ ބަޔާންތަކުގައި ކުއްޖާއަށް ބޮޑުބޭބެގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދޭކަމަށް ހުކުމުގައި ވެއެވެ.

އެގޮތުން އިންޓަވިއުގެ ތެރޭގައި، ބޮޑުބޭބެ ޖިންސީ ގޯނާ ކުރި ގޮތް ކިޔައިދީ އަތުގެ އިޝާރާތުން ދެއްކުމަށް ފަހު ފަސް ފަހަރު އަތްލިކަމަށް ބުނެފައިވާކަމަށް ހުކުމުގައި ވެއެވެ. އަދި އޭނާ ނޫން އިތުރު މީހަކު ގައިގައި އަތް ނުލާކަމަށާއި އޭގެ ފަހުން ފާހަނާ ކުރުމަށް އުނދަގޫވާކަމަށް ކުއްޖާ ކިޔައިދިންކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި އެ ތަފްސީލުތައް ހިމަނާފައި ވެއެވެ. ކުއްޖާ ވަނީ، އެ ވާހަކަތައް ކިޔައިދިނުމުން މަންމަ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށް ބުނެފަ އެވެ.

“ކުއްޖާގެ މި ވާހަކަތަކަށް ބަލާއިރު ކުއްޖާއާއި މެދު ކަންވީ ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާއިރު، މި އުމުރުގެ ކުއްޖަކު ހަދަހަދައިގެން ނުދައްކާނެފަދަ ތަފްސީލުކޮށް ކުއްޖާއާ މެދު ކަންވީގޮތް ކިޔައިދީފައިވާކަން ކުއްޖާގެ ބަހުން އެނގެ އެވެ.” ހުކުމުގަައި ވެއެވެ.

ހުކުމުގައި ވާގޮތުން ކުއްޖާ އެންމެ ފުރަތަމަ އެ ވާހަކަ ކިޔައިދެނީ، އެ ގޭގައި އުޅޭ އެއް އުމުރެއްގެ އެހެން ކުއްޖަކަށެވެ. އަދި އެ އަޑު އެ ގޭގައި އުޅޭ އެހެން މީހަކަށް އިވި، ކުއްޖާގެ މަންމައަށް އެކަން އަންގަނީ އެވެ. އެހާ ހިސާބުން ކުއްޖާ ވަގުތުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން، ކުއްޖާއަށް ހާނީއްކަކޮށްފައި ވާކަން ފާހަގަ ކުރެވުނު ކަމަށް ވެއެވެ.

ހުކުމުގައި ވަނީ ކުއްޖާ އެ ވާހަކަތައް ކިޔައިދޭއިރު އެއްވެސް ފުށު އެރުމެއް ނެތްކަން ފާހަގަކޮށްފަ އެވެ. އަދި އެއީ ބަޔަކު ކިޔަދީގެން، ބުނާ ވާހަކަތަކެއް ނޫންކަން ވެސް ސާބިތުވާކަމަށެވެ.

“ކުއްޖާ ހަސަންބެ ކިޔަނީ ހަސަން ރަޝީދުއަށެވެ… ހަސަން ރަޝީދުއަކީ، ކުއްޖާގެ މަންމަ އާއި އެއްބަނޑު މީހެކެވެ. ކުއްޖާއަކީ ވަރަށް ހަނގު، އުމުރުން 04 ހަތަރު އަހަރުގެ ކުއްޖެކެވެ. ކުއްޖާ ހަދަހަދައިގެން އެއްވެސް ވާހަކައެއް ދައްކަންޖެހޭ ސަބަބެއް ނެތެވެ. އަދި އެފަދަ އެއްވެސް މަގުބޫލު ސަބަބެއް ހަސަން ރަޝީދަށް ދެއްކިފައި ނުވެއެވެ.” ހުކުމް

ޖުމްލަ 31 ސޮފުހާގެ އެ ހުކުމުގައި ބުނީ، ހަސަން ރަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ހެއްކާއި، މިފަދަ މައްސަލަތަކުގައި ހެކި ބަލައިގަތުމާއި ހެކި ވަޒަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ މައްޗަށް ރިއާޔަތް ކުރާއިރު، އޭނާގެ މައްޗަށް ދައުވާލަތުން އުފުލާފާފައިވާ ދައުވާ ސާބިތުވާ ކަމަށެވެ.

މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 15 ވަނަ މައްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންކޮށްފައިވާ ދައުވާއަކަށް ވާތީ މި މައްސަލައިގައި އެ ގާނޫނުގައި ބުނާ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އާއިލީ ޒިންމާދާރު މަގާމެއްގައި ހުރެ، ތުއްތު ކުއްޖަކަށް މިފަދަ ބޮޑު އަނިޔާއެއް ދީފައިވާތީ ދައުލަތުން އެދުނީ އޭނާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ.

ހައިކޯޓުން ހަސަން ރަޝީދުގެ މައްޗަށް އިއްވީ 20 އަހަރުގެ ހުކުމެކެވެ. މައްސަލައިގައި އޭނާ ހަތަރު އަހަރު ވަންދެން ބަންދުގައި ހުރުމުން، ހުކުމުގެ މުއްދަތު ގުނާނީ 20 އަހަރުން އެ މުއްދަތު އުނި ކުރުމަށް ފަހު އެވެ.

ކުއްޖާއަށް ބޮޑު ބޭބޭގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. އެއީ 2015 އެވެ. މައްސަލައިގައި އިންސާފު ލިބިފައި ވަނީ އޭގެ ފަސް އަހަރު ފަހުން ކުއްޖާގެ އުމުރުން 09 އަހަރުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: