ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް!

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ، 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ މުހައްމަދު ނަމަކަށް ކިޔާ އެ މީހާ، 2020 އޭޕްރިލް 04 ގައި 03:00 ހާއިރު ކުއްޖާ ދިރިއުޅޭ ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ ކޮޓަރިތަކުން ކޮޓަރިއަކަށް ގެންދިއުމަށް ފަހު ކުއްޖާއާއި ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯޏާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން މުހައްމަދުގެ މައްޗަށް އުފުލި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރެ އެވެ.

ކުށަށް އިންކާރު ކުރި ނަމަވެސް، ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މުހައްމަދު ދައުވާއަށް އިންކާރު ކުރުމުން ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި ގަރީނާތަކަށް ބެލުމުން މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ކުއްޖާގެ ބަހަށް ބެލުމުން، ތެދު ހެކި ބަހެއްގެ ގޮތުގައި ޝަރީއަތަށް ގަބޫލު ކުރެވޭކަމަށް ހުކުމުގައި ވެއެވެ. އެހެންވެ، މުހައްމަދުގެ މައްޗަށް އުފުލި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައި ބުންޏެވެ. އެހެންވެ ކޯޓުން ހުކުރުން ކުރީ ކުށުގެ އުގޫބާތެއްގެ ގޮތުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

މައްސަލައިގައި އިއްވީ 10 އަހަރުގެ ހުކުމެއް ނަމަވެސް، ބަންދުގައި ތިން އަހަރު ހޭދަކޮށްފައި ވަތީ މުހައްމަދު ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެއިތުރުން 2020 ވަނަ އަހަރު ހިނގި އެ ހާދިސާގައި ކޯޓު އަމުރެއްގެ ދަށުން މުހައްމަދު ހައްޔަރު ކުރުމަށް ފަހު، އޭނާގެ ފޯނު ބަލައި ފާސް ކުރިއިރު ފޯނުން ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކެއްގެ ފައިލްއެއް ފެނިފައިވާތީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލި އެވެ. ނަމަވެސް އޭނާ ކުށަށް އިންކާރުކޮށްފައި ވާތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާތީ، ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށަށް ސާބިތުވާކަމަށް ވަނީ ހުކުމްކޮށްފަ އެވެ،

ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުގެ 622 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި ހަވާލާދީ، ގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 މަހާއި 06 ދުވަހުގެ މުއްދުގެ ޖަލު ހުކުމެއް މުހައްމަދަށް ވަނީ އިއްވާފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓުގައި ތާށިވެ، ދިގުލައިގެން ދާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ތާވަލެއް އެކުލަވާލި ނަމަވެސް ފަހުން އެއާއި އެއްގޮތަށް އަޑުއެހުންތައް ކުރިޔަށް ނުދެ އެވެ. އަދި ގިނަ ފަހަރަށް ދައުލަތުގެ ބޮޑެތި ގޯސްތަކާއި ހެދި، އެ މީހުން ދައުވާއިން ސަލާމަތްވާކަން ފާހަގަކުރެވެ އެވެ.

ކްރިމަިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޟީ ޙުސައިން ފާއިޒް ރަޝާދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: