ސިވިލް ސާވިސްގެ ގަވައިދަށް ގެނައި އިސްލާހާއި ގުޅިގެން މީޑިއާތަކުން ގެނައި ހަބަރެއްގެ ސަބަބުން އާއްމުން ކެކިގެން ދިޔަ އެވެ. ސަރުކާރަށް އެތައް ފާޑުކިއުމެއް އަމާޒުކޮށް، ”ގަދަކަމުން ހިފަހައްޓައި“ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާކަމަށް ބުންޏެވެ.
2014 ވަނަ އަހަރު އެކުލަވާލި ސިވިލް ސާވިސް ގަވާއިދަށް މީގެ ކުރިން އެކި ފަހަރު މަތީން އިސްލާހުތަކެއް ގެނެސްފައި ވެއެވެ. އެންމެ ފުރަތަމަ އެކުލަވާލި އެ ގަވާއިދުގައި މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ވަޒީފާ ދިނުމާއި ވަޒީފާ ބަދަލު ކުރުން އަދި ވަކު ކުރެވޭނެ ހާލަތްތަކުގެ އިތުރުން އޮފީހަށް ނިކުތުން މަނާ ކުރެވޭނެ ގޮތްތައް ހިމަނާފައި ވެއެވެ.
ސިވިލް ސާވިލް ސާވިސް ގަވައިދުގައިވާ ގޮތުން މުވައްޒަފުންނަކީ އެއީ ހަރުދަނާ އުސޫލުތަކެއް ދަމަހައްޓާ ބަޔަކަށް ވާން ޖެހޭނެ އެވެ. ކޯޑް އޮފް ކޮންޑަކްޓަށް އަމަލު ކުރުން، އޭގެ ދަށުން މުވައްޒަފުންގެ މައްޗަށް ލާޒިމް ވެގެން ވެއެވެ. އެ ގާވައިދުގެ 17 ވަނަ މާއްދާގައި ވާ ގޮތުން، މުވައްޒަފެއް ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެއްޖެ ނަމަ، ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ވާ ގޮތުގެ މަތީން އެ މުވައްޒަފަކާއި މެދު ފިޔަވަޅު އަޅަން ވާނެ އެވެ. އަދި ދިވެހި ސިވިލް ސާވިސް ކޮންމެ މުވައްޒަފެއް ވެސް ވަކި ފަރާތަކަށް ޖެހުމެއް ނެތި، ރައްޔިތުންގެ އިތުބާރާއި، ޔަގީންކަން ހޯދޭނެ ގޮތަކަށް ހިދުމަތްތައް ދޭންވާނެކަމަށް ވެއެވެ.
ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކި ކުރެވޭނެ ހާލަތްތައް މީގެ ކުރިން ވެސް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ. 273 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މުވައްޒަފަކު މަސައްކަތުގެ އަހުލާގުން ބޭރުވުމުން، އޭނާ ވަޒީފާގައި ބެހެއްޓުމަކީ އެކަށިގެންވާ ކަމެއްގެ ގޮތުގައި ނުފެންނަ ނަމަ ވަޒީފާއާއި ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން ނޯޓިސްއެއް ދިނުމަކައި ނުލައި އެ މުވައްޒަފެއް ވަޒީފާއިން ވަކި ކުރެވިދާނެ އެވެ. އެ މާއްދާ ބުނާ ގޮތުން، އެ ހާލަތެއްގައި މުވައްޒަފު ވަޒީފާއިން ވަކި ކުރެވޭނީ އެއްވެސް ނޯޓިސްއެއް އަދި ޖަވާބުދާރީ ވުމުގެ ފުރުސަތެއް ދިނުމެއް ނެތި އެވެ.
އިސްލާހުކުރި ގަވާއިދު: މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އެޅުން
ސިވިލް ސާވިސް ގަވައިދުގައި ތަފްސީލީ ގޮތެއްގައި މުވައްޒަފުން ވަޒީފާގެ މާހައުލެއްގައި އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތް ބަޔާންކޮށްފައި ވެއެވެ. މި ގަވައިދުގެ 272 ވަނަ މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގެ ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި މުވައްޒަފަކު ބައިވެރިވެގެން ނުވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްއޫލިއްތު އަދާ ކުރުމުގައި، ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަކަށް ނުވަތަ އޭނަގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމަށެވެ. މާއްދާގެ (ނ) ގެ ދަށުން މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތު ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން އެއީ ކުށެކެވެ.
ކުށުގެ ދަރަޖަތައް ބަޔާންކުރާއިރު އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ހިމަނާފައި އޮތީ މަސައްކަތު ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމެވެ. އެ ކުށުގެ އަދަބަކީ އަނގަ ބަހުން ނުވަތަ ލިޔުމުން އިންޒާރު ދިނުމެވެ. އަދި ސިޔާސީ ބަހުސް ކުރުން ނުވަތަ ދެ ބަސްވުންތަކަށް ދިއުން އެއީ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ އަމަލަކަށް އެ ކުށް ނުކުރުމަށް ނަސޭހަތް ދޭނީ ލިޔުމަކުންނެވެ.
މި އިސްލާހަށް އެކި ގޮތްތަކުން ފާޑުކިއުން އަމާޒުވި އެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް މަސައްކަތް ކުރާކަމަށް ބުންޏެވެ. މައުލޫމާތު ސާފު ކުރުމުން ސީއެސްސީން ބުނީ، މީގެ އިސްލާހުގައި ވާކަންކަން އިތުރަށް ފުޅާގޮތެއްގައި މާނަކޮށް، ތަފްސީލު ކުރީކަމަށެވެ.
”ސަންގު“ އާއި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާ ވިދާޅުވީ، މީގެ ކުރިން ގެޒެޓުގައިވާ އިސްލާހުން ވަޒީފާއިން ވަކި ކުރެވޭނެކަމަށް ބަޔާން ކުރާ ހާލަތްތައް އެހާ ސާފެއް ނޫން ކަމަށެވެ. އެހެން ކަމުން މިއީ ކުރީގެ ގަވައިދަށް ވުރެ ރަނގަޅު އިސްލާހެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
”ދެން ސިވިލް ސާވިސް ގަވައިދަކީ އޭގެ ތަޖުރިބާގެ އަލީގަ ބަދަލުވަމުން އަންނަ އެއްޗެއް. ދެން ކޮންމެ ކޮންމެ ދުވަހަކު އާއްމު ނުކުރަން އައިސް، ވަކި މުއްދަތެއް ވީމަ ޕަބްލިޝް މި ކުރަނީ. އެއީ ކުއްލިއަކަށް ބޮޑު މޭޖާރ ޗޭންޖެއް ގެނަން ކުރިކަމެއް ނޫން….. ހެޔޮ ބަދަލުތައް ގެންނަމުން މިދަނީ، ދެން ތި ގަވައިދުން މާބޮޑަށް ސާފުވެފައި އޮންނާނީ…. ކުރީގަ އެހާ ތަފްސީލުކޮށް ލިޔެފައި ނެތް އެއްޗެއް ތަފްސީލު ކުރުމާ..“ އާމިރާ
މީގެ ކުރިން އޮތީ ކިހިނެއް؟
ރާއްޖޭގައި ސިވިލް ސާވިސްގެ ގާނޫނެއް އެންމެ ފުރަތަމަ އެކުލަވާލީ 2007 ގަ އެވެ. މި ގާނޫނުގެ ދަށުން ސިވިލް ސާވިސް ގަވައިދު އެކުލަވާލީ 2014 ގަ އެވެ. ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދަށް ވޭތުވެ ދިޔަ އަހަރުތަކުގައި އިސްލާހުތަކެއް ގެނެވިފައި ވެއެވެ. އެއީ ގާނޫނަށް 06 ފަހަރެއްގެ މަތީން ގެނައި އިސްލާހާއި، ސިވިލް ސާވިސްގެ ގަވައިދު (2014) އަށް ގެނައި އަށް އިސްލާހެވެ. ގާނޫނަށް އަހަރުތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެސް، ބައެއް ބައިތައް އުނިކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުން ދިޔަ އެވެ.
ގާނޫނު އެކުލަވާލި އިރު އެންމެ ފުރަތަމަ އޭގައި އޮތީ، ”“ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ“ ކަމަށެވެ. އެއީ އެ ގާނޫނުގެ 53 ވަނަ މާއްދާގަ އެވެ. އެ މާއްދާއާއި މެދު ހިތް ހަމަ ނުޖެހި ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ މ. ފުސްތަޅާގެ، މުހައްމަދު ހާނިމް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. މައްސަލަ ހާނިމްގެ ފަރާތުން ކޯޓަށް ހުށަހެޅީ، ޑީއާރުޕީގެ ހަރަކާތެއްގައި ބައިވެރިވީކަމަށް ބުނެ ޔޫތް މިނިސްޓްރީގައި އޭނާ އަދާ ކުރަމުން ދިޔަ މަގާމުން ވަކި ކުރުމުންނެވެ.
ހާނިމްގެ މައްސަލައިގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ”ސިޔާސީ ޕާޓީ އުފައްދާ، ހިންގައި، ޕާޓީތަކުގެ ހަރަކާތް ތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ލިބިގެންވެއެވެ.“ މިފަދައިން ބަޔާން ކޮށްފައި އޮތްހިނދު، ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ”ދިވެހި ސިވިލް ސާރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.“ މިހެން އޮތުމުން ގާނޫނު އަސާސީން ލިބިދޭ ހައްގެއް ސިވިލް ސަވިސް ގާނޫނުގެ 53 ވަނަ މާއްދާއިން ނިގުޅައި ގަނެފައިވާ ކަމަށް ބުނެ، އެއީ ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް
އެދި އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ ސިވިލް ސާވިސް ގަނޫނުގެ 53 ވަނަ މާއްދާ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 16 މާއްދާއާ ހިލާފު ކަމަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރި އެވެ.
ގަވައިދަށް ބަދަލު އައީ ސުޕްރީމް ކޯޓުގެ އަމުރާއި އެކު
ސިވިލްސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާގައިވާ ގޮތުން ސިޔާސީ އެއްވެސް ހަރާކާތެއްގައި ސިވިލް ސާވިސްގެ މުވައްޒަފަކަށް ބައިވެރިނުވެވޭނެ ކަމަށް ބުނެފައި އޮތް އޮތުމުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގުން ސިވިލް ސާވިސްގެ މުވައްޒަފުން މުޅިން މަހްރޫމްވެ، އެ ހައްގުން އެ މީހުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް ކޯޓު ހުކުމުގައިވެ އެވެ. ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ އުވާލުމަށް ސުޕްރީކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ ވަނީ ތާއިދުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި، ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަބްދު އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲ، އެވެ. އަދި ބެންޗުގައި މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނޭއިރު، ތަފާތުވީ އެމަނިކުފާނުގެ ރައުޔު އެކަންޏެވެ.
ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުންނަށް ބައިވެރި ނުވެވޭނެ ކަމަށް ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައި އޮތް މާއްދާ އިސްލާހު ކުރުމަށް ހައި ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 3، 2008 ގަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރީ ސެޕްޓެމްބަރު 19، 2011 ގަ އެވެ.
އޭގެ ފަހުން ކަންތައް ވީގޮތް
ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެކު ސަރުކާރުގެ ފަރާތުން އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އޭރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ. އެ އިސްލާހުގައި ވާ ގޮތުން ސިވިލް ސާވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް އަދާ ނުކުރެވޭނެ އެވެ. އަދި ސިވިލް ސާވިސްގެ މުވައްޒިފަކަށް ޕާޓީއެއްގެ މެންބަރުކަން ފިޔަވައި އެހެން އެއްވެސް މަގާމެއް ނުވަތަ ހަރަކާތްތެރި ނުވެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިއީ 2015، މާޗު 31 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރި އިސްލާކެވެ. މިދިޔަ ހަފްތާގައި އިތުރަށް މާނަކޮށް ގެޒެޓު ކުރި އިސްލާހަކީ މިއީ އެވެ.
ކުރީގެ ގަވައިދާއި އައި ބަދަލު: އެނގުން މުހިންމު
މީގެ ކުރިން އޮތީ ސިވިލް ސާވިސް ގަވައިދުގައި ކަނޑައަޅާފައިވާ ތިން ވަނަ ދަރަޖައިގެ ކުށެއްކޮށްފި ނަމަ އެ މުވައްޒަކަށް އެއްވެސް އިންޒާރު ދިނުމަކާއި ނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށެވެ. ތިން ވަނަ ދަރަޖައިގެ ކުށްތަކުގެ ތެރޭގައި ”ގަވައިދާއި ހިލާފަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން“ ކަމަށް ބުނެފައި ވެއެވެ.
އިސްލާހުކުރި ގަވައިދުގައި، މަސައްކަތުގައި އުޅޭއިރު ސިޔާސީ ވާހަކަ ދެއްކުން އޮތީ ތިން ވަނަ ދަރަޖައިގެ ކުށްތަކުގެ ތެރެއިން ވަނީ އުނިކޮށްފަ އެވެ. އެއާއި އެކު މިހާރު ކުށުގެ ދަރަޖަތަކަކީ އަޅާނެ ފިޔަވަޅުތައް ބަލާނެ މިންގަނޑެވެ. އަދި މި ތިން ދަރަޖައިގެ ދަށުން އިންޒާރު ދިނުމެއް ނެތި ވަގުތުން ވަޒީފާއިން ވަކި ނުކުރެވޭނެ އެވެ.
މިހާރު އޮތީ ”ސިވިލް ސާވަންޓުން ކޮށްގެން ނުވާނެ ކަންކަން“ ގާނޫނުގައި އޮތް ގޮތަށް ބަޔާންކޮށް އެއީ ވަޒީފާއިން ވަކިކުރެވިދާނެ އަމަލުތައް ކަމަށް ބަޔާންކޮށްފަ އެވެ. ސިޔާސީ ހަރަކާތް މާނަކޮށްދީ އެކަމުގައި އިމެއް ކަނޑައެޅޭ ގޮތަށް އޮތް އިސްލާހުން ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަން މަނައެއް ނުކުރެ އެވެ. އޭނާއަށް ނުހިންގޭނެ އަމަލަކީ ވަޒީފާގެ ވަގުތު ނުވަތަ ވަޒީފާގެ ޒިންމާ އަދާކުރަން ޖެހޭ ވަގުތަކު ސިޔާސީ ހަރަކާތެއްގައި އުޅުމެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ސިވިލް ސާވަންޓުން ސިޔާސީ ކަންކަމުގައި ބައިވެރިވުން
އިނގިރޭސިވިލާތުގެ ކެބިނެޓް ސެކްރެޓަރީ ގުސް އޮޑޮނެލް ވަނީ ”ސިވިލް ސާވަންޓުގެ ވަޒީފާއަކީ އަދުލުވެރި، އެކަމަކު ނިއުޓްރަލް ވަޒީފާއެއް ނޫން“ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގޮތުން ރެފްރީއެއް ”ކުލަބުތަކަށް ނުނަގާނެ“ އެވެ. އަދި ”ގަވާއިދު ތައް ހިނގާ ގޮތާ މެދު އެ ރެފްރީން މުޅިން ވެސް ސާބިތުވުމަކީ ވެސް ވަރަށް މުހިންމު ކަމެއް“ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުގައި ސިވިލް ސަވިސްގެ މުވައްޒަފުންނަށް ”ހަގީގަތްތަކާއި ކަމާގުޅޭ މައްސަލަތައް ތެދުވެރިކަމާއެކު ހާމަކޮށްދިނުމާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެނޫންވެސް ފަރާތްތަކަށް އޮޅުވާލައިގެން ނުވަތަ އޮޅުވާލައިގެން“ މަސައްކަތް ނުކުރުމަށް ލާޒިމުކޮށްފައިވެއެވެ. ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްތައް މިހާރަށްވުރެ ސާފުކޮށް، މެސެޖުތައް ”އޮބްޖެކްޓިވް އެންޑް އެކްސްޕްލެނޭޓިވް، ވަކި ފަރާތަކަށް ނުޖެހޭ، ނުވަތަ ޕޯލިމިކަލް“ އަކަށް ވާން ޖެހެއެވެ.

