ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އިންސާފުގެ ދަތުރުވީ، އަނިޔާގެ ދަތުރަކަށް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންސާފުގެ ދަތުރު” ގެ ނަމުގައި ރައްޔިތުންނަށް ސިޔާސަތުތަކެއް ވިއްކައިގެން ގެނައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވެގެން ދިޔައީ “އަނިޔާގެ ދަތުރަކަށް” ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ، މި ސަރުކާރަށް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. ރައީސް ސޯލިހު ސަރުކާރު ހިންގަނީ ގާނޫނާއި އެއްގޮތުގެ މަތީން ނޫންކަމަށް ވިދާޅުވެ ސައީދު ވަނީ މި ވެރިކަމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމަށް އައީ އިންސާފާއި ހަމަހަމަކަން ގާއިމު ކުރުމުގެ ވައުދާއި އެކު ނަމަވެސް، ރައީސް ސޯލިހު އިސް ކުރައްވަނީ އަނިޔާވެރިކަންކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ދިރިއުޅެއް އަލުން އަނބުރާ އިޔާދަ ކުރުމަށް ބޭނުންވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ އެންމެ “ޕްރޫވަން ލީޑަރު” ކަމަށާއި، 2023 ގައި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި އިންތިހާބުގައި ވާދަ ކުރާނީ ރައީސް ޔާމީންކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ މިއަދު މާލެ ވަށައި ޖަހާލާ އެންމެ ބުރަކުން ވެސް ފެންނާނީ ރައީސް ޔާމީންގެ ތަރައްގީ އާއި، ވިސްނުން ފުޅު ކަމަށެވެ. އެއީ ރައީސް ޔާމީންގެ ދުރު ވިސްނުމާއި، ގައުމަށް ގެނައި ކުރިއެރުންތަކުގެ މިސާލެއްކަން ފާހަގަކޮށް ސައީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވީ ކުރިއެރުމާއި މަންފާ ކަމަށެވެ.

ރައީސް ޔާމީންގެ ބައެއް މަސައްކަތްތަކަށް އިޝާރާތްކޮށް ސައީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ތެރޭގައި މާލޭގައި ކެމިކިކަލް ގުދަނެއްގައި ރޯވެ އެ ސަރަހައްދުގައި ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ވެސް އަލިފާން ނިއްވުމަށް ބޭނުން ކުރަން ޖެހުނީ އެއާޕޯޓުގެ ފަޔާރ ލޮރީ ކަމަށެވެ. އެ ވަގުތު ހާދިސާއަށް އެޓެންޑު ވެވޭނެ ވަރުގެ ފަޔާރ ލޮރީއެއް އޮތީ އެއާޕޯޓުގައި ކަމުން ފަސޭހަކަމާއި އެކު ރައީސް ޔާމީން އެޅުއްވި ސިނަމާލޭގެ ބްރިޖުން ފަޔާރ ލޮރީ މާލެ ގެނެވުނުކަމަށް އޭނާ ވިދާޅުވި އެވެ،

މީގެ އިތުރުން ސައީދު ވިދާޅުވީ ކޮވިޑު-19 ގައި ގައުމު ދަރަނިވެރި ނުވެ، ފަސޭހަކަމާއި އެކު ގައުމަށް އަރައިގަނެވުނީ ރައީސް ޔާމީން ރިޒާވް ކުރެއްވި ފައިސާގެ ސަބަބުން ކަމަށެވެ. އަދި އެމަނިކުފާނު ގެނައި ތަރއްގީ އާއި ގެނެސް ދެއްވި ސިއްހީ ވަސީލަތްތަކުގެ ސަބަބުން ކަމަށެވެ. ސައީދުގެ ވާހަކައިގައި އޭނާ ވަނީ އިދިކޮޅުގައި އޮވެ، އެމްޑީޕީން ދަރުމަވަންތަ ހޮސްޕިޓަލް އެއީ ހޮހޮޅައެއްގެ ގޮތުގައި ބުނަމުން ދިޔަސް އެންމެ ފަހު ވަގުތު އެންމެ ބޭނުން ޖެހުނު އިމާރާތަކީ އެއީކަން ފާހަގަ ކުރައްވާފަ އެވެ.

މިހުރިހާ ސަބަބުތަކާ ހުރެ ކޮންގްރެސް ކޯލިޝަނުން ވަނީ 2023 ގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދީފައިކަމަށާއި، ރައްޔިތުން ބޭނުންވާ ފަދަ ގޮތަކަށް ގައުމު ތަރައްގީ ކުރެވޭނީ ރައީސް ޔާމިން ހޮވައިގެންކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: