ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ޝަރީއަތްތައް އަވަސް ކުރަނީ ހައިކޯޓުން ރައީސް ޔާމިން މިނިވަން ވާނެތީ: ސައީދު

ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީނަށް ހަމަޖެހިލާނެ އެއްވެސް ފުރުސަތެއް ނުދީ ދަށު ކޯޓުގައި އަވަސް އަރުވާލައިގެން ޝަރީއަތް ކުރިޔަށް ގެންދަނީ ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތަކަށް މަޑުޖެހުމެއް ގެނައުމަށްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ސިލްސިލާކޮށް ޕާޓީ އޮފީހުގައި ކުރިޔަށް ގެންދާ ޖަލްސާތަކުގައި ޕާޓީގެ އިސް ބޭފުޅުން ކޮންމެ ރެއަކު ވެސް ބައިވެރިވެ ސަރުކާރާއި މެދު ހުރި ހިތްހަމަނުޖެހުންތައް ހާމަކުރައްވަ އެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް، 2023 ގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ވަނީ ގޮވާލާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން، މަނީ ލޯންޑްރިން އާއި ރިޝްވަތު ނެންގެވިކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ކްރިމިނަލް ކޯޓުގައި ހިޔާނާތުގެ މައްސަލައިގެ އިތުރު އަޑުއެހުންތައް ދަނީ ކުރިޔަށެވެ. މި ޝަރީއަތްތަކާއި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތަކާއި ފުށުއަރާތީ އެކަން ރައީސް ޔާމީންގެ ފަރާތުން ވަނީ ގާޒީއަށް ވެސް ހުށަހެޅުއްވާފަ އެވެ. އެކަމަކު މި ފެށޭ ހަފްތާއަށް ވެސް ރައީސް ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި ތާވަލުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވައި ސައީދު ވިދާޅުވީ، އެންމެ ފުރަތަމަ އެމަނިކުފާނު ބަންދުގައި ބެހެއްޓީ ރައްޔިތުންގެ މަޖިލީގެ އިންތިހާބުގެ ދުވަސްވަރަށް ކަމަށެވެ. އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށް ފަހު، އެމަނިކުފާނުގެ ފަރާތުން ތަހުގީގަށް ނުފޫޒެއް އައިސްދާނެކަމަށް ބުނެ ބަންދުގައި ބަހައްޓައިގެން ދިނީ އަނިޔާކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ސަރުކާރުން ނުހައްގުން ރައީސް ޔާމީނަށް އަނިޔާތައް ދީ ސިޔާސީ ގޮތުން ޖެއްސުންތައް ކުރުމަށް އެތައް މަސައްކަތައް ކުރިކަމަށެވެ. ވޮޑަމުލާގެ މައްސަލަ ސާބިތުވާކަމަށް ނިންމައި އިއްވި ޖަލު ހުކުމަކީ ވެސް، އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް އެޅި ހުރަހެއްކަމަށް ސައީދު ސިފަ ކުރެއްވި އެވެ.

އެ މައްސައިގެ އިސްތިއުނާފީ މަރުހަލާގައި ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވީއިރު، އިންސާފުވެރިކަމެއް ނެތް ޝަރީއަތެއްގެ ސަބަބުން ޖަލުގައި އެ ހޭދަ ކުރެއްވި ދުވަސްތަކަށް ބަދަލު ލިބޭނެތޯ ސައީދު ސުވާލު ކުރެއްވި އެވެ.

އެ އުސޫލުން 2023 ގެ ރިޔާސީ އިންތިހާބު ގާތްވަމުންދާ ވަރަކަށް، ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ކުރަމުން ދަނީ 11 އަހަރުގެ ހުކުމުން ހައިކޯޓުން މިނިވަންވާނެކަން އެނގޭތީކަމަށް އޭނާ ވިދާޅުވި އެވެ.

މި އަނިޔާވެރި ސަރުކާރުން.. ޖުމްލަކޮށް އާއްމު ރައްޔިތުންނަށް އަނިޔަލެއް، ކުރަމުން ދާތާ ލައްކަ ދުވަސްވެއްޖެ… އާއްމުވެގެން ފާޅުވެގެންވާ އަނިޔާތައް…

ސައީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އެތައް ސަތޭކަ ދުވަސްވީކަމަށާއި، އެ އަނިޔާތައް ދީގެން އެމަނިކުފާނު ފަސް ޖެހޭނެކަމަށް ގަބޫލު ކުރެވޭނަމަ އެއީ ސަރުކާރަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

ރައީސް ޔާމީނަށް ހަމަޖެހިލާނެ އެއްވެސް ފުރުސަތެއް ނުދީ ދަށު ކޯޓުގައި ޝަރީއަތްތައް ކުރިޔަށް ގެންދާއިރު، އަވަސް އަރުވާލައިގެން މައްސަލަ ކުރިޔަށް ގެންދަނީ ހައިކޯޓުގެ އަޑުއެހުންތަކަށް މަޑުޖެހުމެއް ގެނައުމަށްކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.

ސައީދު ވިދާޅުވީ އިންސާފުވެރި ޝަރީއަތަކާއި އެކު ރައީސް ޔާމީން މިނިވަންވާނެކަމަށާއި، އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަލި ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: