ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 17 ގެ ކުރިން ރިޒާވު 34 މިލިއަނަށް ވެއްޓިދާނެ: ސައީދު

ޕީއެންސީގެ ނައިބުރައީސް ސައީދު : ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ދައުލަތުގެ ރިޒާވު 34 މިލިއަން ޑޮލަރަށް ވެއްޓުމުގެ ފުރުސަތު އޮތްކަމަށް ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “2023ގެ ރައީސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދުވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ކޮންމެ އަހަރެއްގައި ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް އަހަރު ނިމޭއިރު ދެކޮޅު ނުޖެހުމުގެ ސަބަބުން އައު ބަޖެޓެއް ފާސްކުރުވާފައިކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމުގެ ނަތީޖާއަކީ ރާއްޖޭގެ ބަޖެޓު 50 ބިލިއަނަށް އަރައިގެންދިއުންކަމަށެވެ. ސައީދު ވިދާޅުވީ، އެ މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން އިންތިހާބީ ރައީސް ޑރ މުއިއްޒު ކުރައްވާފައިވާ އެއްކަމަކީ ބަޖެޓު 48 ބިލިއަނަށް ކުޑަކުރެއްވުންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ލިބިވަޑައިގެންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިންތިހާބީ ރައީސް ޑރ މުއިއްޒު ބަޖެޓު ކޮމިޓީއާއިއެކު ކުރައްވާފައިވާ މަސައްކަތްތަކުގެ ނަތީޖާކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ޓެކްނިކަލް މީހުންވެސް ބައިވެރިވިކަމަށާއި އެހެންކަމުން އެއް މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅިފައިވާކަމަށް ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރާއި އެމްއެމްއޭގެ އިސްވެރިންވެސް ނުދައްކާ ބައެއް ވާހަކަތައް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެ ވާހަކަތައް ނުރައްކާތެރިވުމުންކަމަށެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވު ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތުގައި ބޭނުންކުރަން ހުރި ފައިސާކޮޅު ނުވަތަ ދައުލަތުގެ މުހިންމު އަސާސީ ހިދުމަތްތަކަށް ބޭނުންކުރަންހުރި ފައިސާގެ އަދަދުތައް އޮކްޓޯބަރު މަހުގެ ކުރީ ކޮޅު ހިސާބުގައި 64 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެންވެސް އެއްވެސް ގަވަނަރަކާއި ފިނޭންސް މިނިސްޓަރަކު ރާއްޖެ ގެންދިޔަ ހިސާބެއް ނޫންކަމަށާއި އަބަދުވެސް 125 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއްގެ ރިޒާވެއް ބައިންދާކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ އެ އަދަދުތައް 64 މިލިއަނަށް ތިރިކޮށްފައިކަަމަށާއި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޑރ މުއިއްޒުގެ ވެރިކަން ފެށޭއިރު އެ އަދަދުތައް 34 މިލިއަނަށް ކުޑަކުރާނެކަމުގެ ބިރުހީވެފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރަނީ އިތުރު އެއްވެސް އެހެން ގޮތެއް ނުފެނުމުންކަމަށެވެ. އެހެންނަމަވެސް 34 މިލިއަނަށް ދަށްވުމަކީ ރާއްޖެއަށް ބޭނުންވާ މިންގަނޑަށް ހަކަތަށް އުފެއްޓުމަށްޓަކައި ބޭނުންވާ ތެޔޮ ގަންނާނެ ފައިސާވެސް ނެތުންކަމަށް އޭނާ ވިދާޅުވިއެވެ./

ސައީދު ވިދާޅުވީ، ފަލަސްތީނާއި އިސްރާއީލު ދެމެދު ހަނގުރާމަ ހިނގަމުންދާކަމަށާއި ޔޫކްރެއިންގައިވެސް ހަނގުރާމަ ކުރެވެމުންދާއިރު، އެހެން ސަރަހައްދެއްގައި އެފަދަ ހާލަތެއް މެދުވެރިވެދާނެކަން އަންދާޒާވެސް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. ސައީދުވަނީ އެފަދަ ދަތި ދުވަސްތަކެއް ކުރިމަތިވެއްޖެ ނަމަ ދިވެހިރާއްޖެއިން ވަންނާނެތަނާއިމެދު ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ރިޒާވުގައި ހުރި ފައިސާކޮޅު ހުސްކޮށްލާފައިކަމަށެވެ.

އޭނާ ވިދާޅުވީ، އިސްވެ ދެންނެވީ ޑރ މުއިއްޒުއަށް ހުވާކުރައްވާއިރު ކުރިމަތިލާންޖެހިފައިވާ ހާލަތުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ އޮތީ ގާތްގަނޑަކަށް ސްރީލަންކާވެސް އޮތްފަދަ ހާލަތެއްގައިކަމަށާއި އެއީ ރަށްތަކުން ކަރަންޓު ހަދާ ހާލަތުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޑރ މުއިއްޒު ގެންގުޅުއްވަނީ އެ އަދަދުތައް ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު 500 މިލިއަން ޑޮލަރަށް ޖެއްސުމުގެ ވިސްނުންކަމަށެވެ.

ސައީދު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ކުރުމާއި ހިއްސާވާ ކުންފުނިތައްވެސް ރަނގަޅު އުސޫލެއްގެ މަތިން ހިންގުމަކީ ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ، ނޮވެމްބަރު މަހާއިއެކު ކުރިއަށް އޮތް ތިން މަހު ރާއްޖެއަށް 200 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ފައިސާ ބޭނުންވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ފައިސާ ބޭނުންވަނީ އިތުރު އާމްދަނީ ގޮތުގައިކަމަށާއި އެގޮތަށް ނުލިބިއްޖެ ނަމަ ހޯދަން ޖެހޭނެކަމަށެވެ.

ސައީދު ވިދާޅުވީ، ޓްރެޝަރީ ބޮންޑެއް ވިއްކައިގެން ނުވަތަ ބައިނަލްއަގުވާމީ މާކެޓަށް ނުކުމެގެން ނަމަވެސް އެ ފައިސާ ހޯދަންޖެހޭކަމަށާއި ރާއްޖޭގެ ޑޮމެސްޓިކް މާކެޓުގައި އެ ފައިސާ ނެތްކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ބައެއް ކަންކަމަކީ މަޑުކޮށްލައިގެން ތިބެވޭނެ ކަހަލަ ކަންކަން ނޫންކަމަށާއި ޑރ މުއިއްޒަށް އެ ފައިސާ ހޯއްދަވަން މަޖުބޫރުވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ބަނޑަށް ނުޖެހި ކަރަންޓު ކަނޑާނުލާ ކުރިއަށްދާން ބޭނުންވާ ކަމަށްވާނަމަ ޑރ މުއިއްޒުއަށް އެ ފައިސާ ހޯއްދަވަން މަޖުބޫރުވެވަޑައިގަންނަވާނެކަމަށެވެ. ސައީދު ވިދާޅުވީ، ސައީދު ވިދާޅުވީ، ގައުމު މި އޮތީ އެ ހާލަތުގައިކަމަށާއި އެ އާއިއެކު ކުރިއަށް ގެންދަން ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނަމަވެސް ރާއްޖޭގެ އިގްތިސާދު ހީނަރުވެގެންދާނެކަމަށެވެ. އަދި ފެނަކަ ފަދަ ކުންފުނިތަކުން ނުދައްކާހުރި ދަރަނީގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތީ 6 ބިލިއަނާއި ގާތްކުރާ ޖީޑީޕީއެއްކަަމަށެވެ. އަދި މީރާއަށް ދުވާލަކު 4 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ވަންނައިރު، ސަރުކާރުގެ ހަރަދުތައް ހުންނަނީ 12 މިލިއަން ޑޮލަރުގައިކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިވަގުތު ދިވެހިރާއްޖެއަކީ ކޮންމެ ދުވަހަކު 8 މިލިއަން ޑޮލަރުގެ ޑެފިސިޓެއް އުފައްދާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: