ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރަންޖެހޭ: ނިޔާޒް

މެމްބަރު ނިޔާޒް މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ސަރުކާރުން ކޮންޓްރެކްޓް ކޮށްގެން ގާއިމުކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓު ތަކުގެ މަސައްކަތުގެ ސްޕީޑު އަވަސްކުރުން މުހިންމު ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ނިޔާޒް ވިދާޅުވީ، ގިނަ ބަޔަކު ރައީސް ސޯލިހުގެ ސަރުކާރުން ހައުސިން ޔުނިޓު ގާއިމުނުކުރާކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށެވެ. އެގޮތުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ގާއިމުކުރެވިފައިވާ 7000 ހައުސިންގ ޔުނިޓު ކަމަށްވާ ހިޔާ ފްލެޓު ޖެހިގެން ގާއިމުކުރަމުންދާ ހައުސިންގ ޔުނިޓަަކީ ރައީސް ސޯލިހުގެ ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނިޔާޒް އިޝާރާތްކުރައްވާފައި އެވަނީ ވިނަރެސް މަޝްރޫއަށެވެ. ވިނަރެސް މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއާއިއެކީ ފެށި މަޝްރޫއެއްކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ވިނަރެސް މަޝްރޫއަކީ މިސަރުކާރުގެ މަޝްރޫއަކަށް އެމަޝްރޫއު ނުހެދޭނެކަމަށް ގޮވާލަމުންނެވެ.

މާލެ ސަރައްހައްދުގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ހައުސިން ޔުނިޓުތައް ގާއިމުކުރުން ކަމުގައި ވީއިރު މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި 5000 ހައުސިންގ ޔުނިޓު ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. މިކަމާއި ބެހޭގޮތުން ރައްޔިތުން ގެ ޝަކުވާތަކާއި، އެއްވެސް ޔުނިޓެއްގެ ބިންގަލެއް އެޅިފައިނުވާ ކަމަށް ބުނެ ރައްޔިތުން ކުރަމުންދާ ޝަކުވާތަކަކީ ހަގީގަތާއި ދެކޮޅު ޝަކުވާތަކެއް ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ފާޑު ކިޔާ މީހުން މި ސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަމަށް ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫންކަމަށް ވިދާޅުވެ ނިޔާޒް ވަނީ ނައިފަރުގައި ގާއިމްކުރެވިފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި، އެތަނަށް ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

“ފާޑު ކިޔާ ފަރާތްތަކުން އެންމެ ހައުސިން ޔުނިޓެއްގެ ވެސް ބިންގާ އެޅިފައިނުވާ ކަމަށް ބުނާ ބުނުމަކީ އެއީ ދޮގެއް. އެއީ ފެންނަން އޮތް ހަގީގަތާއި ހިލާފު ވާހަކައެއް.” ނިޔާޒް

ނިޔާޒް ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހައުސިން ޔުނިޓުގެ ދަތިތައް ކަމަށް ވުމާއިއެކު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މާލެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ މި ސަރުކާރުން އަޅަން ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ރައީސް ސޯލިހުގެ ދައުރުގެ ތެރޭގައި ނިމި، އެތަނުގައި ރައްޔިތުންނަށް އާބާދު ވެވޭނެ ފަދަ އިންތިޒާމެއް ހަމަ ޖެހިގެން ދިއުންކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށައަޅާފައިވާއިރު، މި ބަޖެޓުން ކުރެވޭނެ ހަރަދުތަކުގެ ތެރެއިން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހޭދަކުރަނީ ކިހާ ވަރެއްތޯ ބެލުން މުހިންމުކަމަށް ނިޔާޒް ވިދާޅުވިއެވެ.  އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން 4000 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް ކަނޑައަޅާފައިވާ އިރު، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޖުމްލަ 11،000 ހައުސިންގ ޔުނިޓު ގާއިމުކުރެވޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ނިޔާޒް ވަނީ ފާހަގަކޮށްފައެވެ. އަދި 2022 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި، ބަޖެޓު ޑެފިސިޓު ބޮޑުނަމަވެސް، ކުރީއަހަރުގެ ބަޖެޓު ޑެފިސިޓަށްވުރެ ކުޑަވުމަކީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ހަރަދު ބޮޑުކަން ފާހަގަކުރައްވައި، އަދި ބަޖެޓު ޑެފިސިޓް ބޮޑުވުމުގެ ސަބަބުން އިދިކޮޅު މެމްބަރުންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށާއި ބަޖެޓަށް ވަނީ އަމާޒުވެފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށައަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ 2022 ވަނަ އަހަރުގެ ބަޖެޓު 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ވަނީ ބަޖެޓް ޑެފިސިޓް 15 ބިލިޔަނަށް އަރާނެކަމަށާއި، މުޅި ބަޖެޓު 25 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަށްފަހު އަލުން ބަޖެޓު ހުށައެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: