ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހިއްކައި ޕިކްނިކް އައިލެންޑު ހުޅުވުނު އެކަމުގެ ރައްޔިތުންގެ ގޯތިތައް ނުދެވުނު؟

ރާއްޖޭގެ ސަރުކާރުން ތަރައްގީކުރަމުންދާ ފްލެޓެއް: ފޮޓޯ/ އުމައިރު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އަވަސް ހައްލަކަށް ބޭނުންވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ހުރިހާ ސިޔާސީ ވެރިންވެސް ލިބޭ ކޮންމެ ފުރުސަތެއްގައި މި މައްސަލަ ހައްލުކޮށްދިނުމުގެ ވާހަކަތައް ދައްކަނީވެސް އެ ސަބަބާއި ގުޅިގެންނެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފޮނި ހުވަފެންތައް ދެއްކި އެކި މީހުން ރާއްޖޭގެ ވެރިކަމަށްވެސް ގެނައީވެސް ރައްޔިތުން އެކަމަށް ފެންބޮވައިގަނެފައިވާ ވަރު ބޮޑުކަމުންނެވެ. އެކި ފަރާތްތަކުން ގިނަ މަސައްކަތްތަކެއްވެސް ކޮށްފިއެވެ. އެހެންމަވެސް އެ މައްސަލައާއި ގުޅުވައި ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއް ނާދެއެވެ. އަދިވެސް އިވެމުންދަނީ ޝަކުވާގެ މައްޗަށް ޝަކުވާއެވެ.

މި ފަހުންވެސް ވެރިކަމެއް ނިމިގޮސްފައިވާއިރު، އެންމެ ބޮޑު ވައުދެއްގެ ގޮތުގައި އޭރުގެ ސަރުކާރުން ވިއްކަމުންދިޔައީ ބިމާއި ފްލެޓުތައް ލިބޭނެކަމުގެ ވާހަކައެވެ. ސިޔާސީ ވެރިން ދައްކަމުންދިޔައީ ބިމާއި ޖާގައިގެ ދަތިކަމުގެ ވާހަކައެވެ. އެހެންނަމަވެސް ފެންނަ މަންޒަރުތަކުގެ ސަބަބުން މިވަރަށް ހޭލުންތެރި ޒަމާނެއްގައި މި އަސާސީ މައްސަލައަށް ހައްލެއް ގެނެވިފައިނުވަނީި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ރައްޔިތުންގެ ހައްގުތަކެއް ހިފަހައްޓައިގެން ބަޔަކު މީހުން ތިބުމުންކަމަށްވެސް ބުނުމަށް ފުރުސަތު އެބަ އޮތެވެ.

މިދިޔަ ދައުރުގައި ރައްޔިތުނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ބިން ހިއްކައި ގޯއްޗާއި ފްލެޓު ދޫނުކުރެވުނުއިރު، މާލެ ސަރަހައްދުގައި ކުޑަ ރަށެއް ހިއްކައި ޕިކްނިކް ދިއުމަށް އެތަން ހުޅުވާލިއެވެ. އެހެންކަމުން ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަވަސްވެގަނެ ގޯތިތައް ހިއްކާ ނުދެވުނީ ކޮން ސަބަބަކާއި ގުޅިގެންކަމާއިމެދުވެސް ސުވާލު އުފެދެއެވެ. އެއް ފަސްގަނޑު ހިއްކައި އެތަނުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ރައްޔިތުންނަށް ހުޅުވާލެވުނު ގޮތަށް ގުޅީފަޅާއި ގިރާވަރު ފަޅު ފަދަ ތަންތަނުގައި މަސައްކަތް ފުރިހަމަ ނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ހެޔޮ ވެރިކަމެއްކަމަށް ބުނަމުންދިޔަ ވެރިކަން ރައްޔިތުން ނިމުމަކަށް ގެނައީވެސް މިކަންކަން ފެންނަމުންދާތީކަމަށްވުން އެކަށީގެންވެއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ދިނުމުގައި ގެންގުޅޭ އެހެނިހެން ބަލައިގަންނަން ދަތި އުސޫލުތައްވެސް ފާހަގަކުރެވެއެވެ. ރައްޔިތުންގެ މައްޗަށް ތަންފީޒުކުރާ ގާނޫނާއި ގަވައިދުތައް އެކުލަވާލުމާއި ޑިމޮކްރެސީ ފަދަ ކަންކަމުގައި ވެރިންގެ ގޮތުގައި ތިބޭ މީހުން އަބަދުވެސް މިސާލު ނަގަނީ އެމެރިކާ ފަދަ ގައުމުތަކުންކަމަށްވާއިރު، ބޯހިޔާވަހިކަން ދިނުމުގައި މުޅިހެންވެސް މިސާލުތައް ނަގަނީ ޗައިނާ އާއި އިންޑިއާއިން ކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މިހާތަނަށް ނިންމާފައިވާ އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓުކަމަށްވާ ހިޔާ ފްލެޓުތަކަށް ބެލުމުންވެސް އެކަން ފެނިގެންދެއެވެ.

އެމެރިކާ ޖަޕާން މެލޭޝިއާ ފަދަ ކުރިއަރައި ރައްޔިތުން ހަމަޖެހިގެން ދިރިއުޅޭކަމަށް ބުނާ ގައުމުތަކުގައި ސޯޝަލް ހައުސިންގް ޔުނިޓުތަކުގެ ސައިޒު ހުރީ އެވަރެޖްކޮށް 1000 އަކަފޫޓަށްވުރެ ބޮޑުކޮށްކަމަށްވާއިރު، ރާއްޖޭގައިވެސް އެފަދަ ސްޓޭންޑާރޑެއް ގާއިމުކޮށް ހިފެހެއްޓިގެންދާނެކަމަށް އުންމީދުކުރެވުނު ޒަމާނެއް ދިޔައެވެ. ތާރީހަށް ބަލާއިރު، ރާއްޖޭގައި ބަންޑާރަ ބިން ދޫކުރުން މެދުކަނޑާލައި ފްލެޓު ސިސްޓަމް ތައާރަފްކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.

އެމަނިކުފާނު އޭރު ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، ބިނާކޮށްފައިވަނީ ޖާގަ ތަނަވަސް ދިރިއުޅުމަށް ލުއި ފަސޭހަ މޮޑެލްއަކަށް ރިއާޔަތްކޮށް އިމާރާތްކޮށްފައިވާ ފްލެޓުތަކެކެވެ. އެމަނިކުފާނު އެ މަސައްކަތްތައް ކުރެއްވީ މިހާރާއި އަޅާބަލާއިރު ރާއްޖޭގެ މާލީ ތަނަވަސްކަން ކުޑަ، ވަސީލަތްތައްވެސް މަދު ދުވަސްވަރެއްގައެވެ. އެމަނިކުފާނުވެސް އެކަން ކުރެއްވީ ލޯނާއި ހިލޭ އެހީ މެދުވެރިކޮށް ކަަމަށްވާއިރު، އިހުލާސްތެރި މަސައްކަތްތަކެއްގެ ނަތީޖާއަކަށް ވެގެންދިޔައީ އަތް ފޯރާ ފަށުގައި އެއް ބަޔަކަށް ނަމަވެސް ބޯހިޔާވަހިކަން ކަށަވަރުވެގެންދިއުމެވެ. އެހެންނަމަވެސް މި ފަހުން  ރާއްޖެގައި ގާއިމުކޮށްފައިވާ ތަންތަނާއި ގާއިމުކުރަމުންދާ ތަންތަނުގެ އެޕާޓުމެންޓުތައް އެވަރެޖުކޮށް ހުންނަނީ ޗައިނާ އާއި އިންޑިއާގައި އެޕާޓުމެންޓުތައް ހުރި ސައިޒުގައެވެ. އެއީ 500އެއް ހާ އަކަފޫޓެވެ. ޒަމާނާއިއެކު ކުރިއަރައި ކަންކަން ރަނގަޅުވަމުންދިއުމުގެ ބަދަލުގައި ސޮއްސި ފަހަތަށް ދަމުންދާކަމަށް ފެނިގެންދިއުމަކީ ހިތާމަހުރި ކަމެކެވެ.

އެހެންނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަން ޖެހޭ ހައްގު މިންގަނޑުތޯއެވެ. ފޭސް ދެއެއްގެ އެކި ސަރަހައްދުތަކުގައި ހަދަމުންދާ އެޕާޓުމެންޓުކުގައި ހުރި ރޫމުތަކަށްވުރެ ބޮޑެތި ގުރާކޮށިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހުއްޓެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ގާއިމުކުރެވެމުންދާ ސްޓޭންޑަރޑްތައް މިއީ ދިވެހިންގެ ކުރިމަގަށާއި ބަދަލުވަމުންދާނެ ވިސްނުމާއި އިތުރުވަމުންދާނެ ބޭނުންތަކަށް ރިއާޔަތްކުރެވި ގާއިމުކުރެވެމުންދާ މިންގަނޑުތަކެއް ކަމާއިމެދުވެސް މިއަދު ރައްޔިތުން ވިސްނަން ޖެހިފައިވާކަން ކަށަވަރެވެ. ބަރި ބަރިއަށް ޖަހަންޏާ ޖަހަންވީ ސަރުކާރުގެ އޮފީސްތަކެވެ. ފުޅާކޮށް ދެންޏާ ދޭންވީ ރައްޔިތުންނަށް ދިރިއުޅުމުގެ ޖާގައެވެ. މި ދަންނަވަނީ އެއަރޕޯޓު ރަންވޭ ނާޅާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ޑިޖިޓަލް ޒަމާނެއްގައި 3000 އަކަފޫޓު ޓިކެޓު ކައުންޓަރެއް މުހިންމު ނުވާނެ ވާހަކައެވެ.

އެއްކަމެއް ޔަގީނެވެ. ރާއްޖެ ފަދަ އިސްލާމީ މުޖުތަމައެއް އޮންނަ ގައުމެއްގައި ވިސްނުންތެރިކަމާއިއެކު މިފަދަ ސިޔާސަތުތައް އެކުލަވާލުމަކީ ދީނީ އަސާސްތައް ނެގެހެއްޓުމަށްވެސް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އިސްލާމް ދީނުގައި އާއިލީ ގުޅުމަކީ މާތްވެގެންވާ އެއްޗެއްކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ސިޔާސަތުތައްވެސް އެކުލަވާލަންޖެހޭނީ އެކަން ދެމެހެއްޓުމުގައި ބާރުލިބިގެންދާ ގޮތެއްގެ މަތިންނެވެ. ބޭރު ގައުމުތަކުގައި ކުރަމުންދާ މަސައްކަތްތައް ކުރެވޭ އުސޫލުތަކަށް ބެލި ނަމަވެސް ހަގީގަތުގައި އެކީ އެކައްޗަކަށް ކޮޕީކުރުމަކީ އެއްވެސް ގައުމަކުން ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން ރާއްޖޭގައިވެސް މި އުސޫލުގެ މަތިން އަދި ސިޔާސަތެއް އެކުލަވާލެވުނު ނަމަވެސް ބޯހިޔާވަހިކަމަށްވެސް ހަރަދުކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ހިލޭ އެހީގެދަށުންކަމަށްވާއިރު، ދޭ ހިދުމަތް ރައްޔިތުންނަށް ދޭން ވާނީ ހިފެހެއްޓުމެއް ނެތިކަމާއިމެދު ޝައްކެއްވެސް ނެެވެތެވެ. ބިނާކުރަންވީ ވީހާވެސް ބޮޑުކޮޮށް ވީހާވެސް ގިނަ ލުއިތައް ލިބިގެންދާ ގޮތަކަށް ވީހާވެސް ކުޑަ ކުއްޔެއްގައި ނުވަތަ އަގެއްގައި ދޫކުރެވޭނެ ގޮތަކަށެވެ.

އެކަށީގެންވާ ގޮތުގެ މަތިން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ސަބަބުން އާއިލީ ގާތްކަން ދެމެހެއްޓުމުގެ އިސްލާމީ އަސާސް ނެގެހެއްޓުމުގައި ބާރުލިބިގެންދާއިރު އިޖްތިމާއީ ބޮޑެތި މައްސަލަތައްވެސް ކުޑަވެގެންދެއެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ދިރިއުޅެމުން އައިސްފައިވަނީ އާއިލީ ދިރިއުޅުންތަކެއް ނަމަވެސް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވެގެންދާ ދަތިތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކަށް ވަކިވުމަށް މަޖުބޫރުވެފައިވާއިރު، އެކަށީގެންވާ މިންވަރަށް ޖާގަ ތަނަވަސް ގޯތިތަކާއި އެޕާޓުމެންޓުތައް ބިނާކޮށް ދޫކުރުމުން އެކުގައި ދިރިއުޅެން ނުވަތަ ގާތް ގާތުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ އުފާވެރިކަން ހާސިލުކުރުމަށް މަގުފަހިވެގެންދެއެވެ.

ތުއްތުކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރެވޭނީ މުޅި މުޖުތަމައުގެވެސް އެއްބާރުލުމާއިއެކުކަމަށް ބުނެއެވެ. އެހެންކަމުން އާއިލާގެ ލޮތްބާއި އަޅާލުމާއި އިރުޝާދު ބޮޑުވަމުންދާ ސިކުނޑިތަކަށް ބޭނުންވާނެ މިންވަރާއިމެދު ސުވާލު އުފެއްދުމަށް ޖާގައެއްވެސް ނެތްކަމަށްވާއިރު، އާއިލާތަކަށް އެކުގައި ދެމިތިބެވޭނެ މަގު ފަހިވެގެންދާނެ ގޮތަކަށް ބޯހިޔާވަހިކަމުގެ އުސޫލުތައް އެކުލަވާލުމުން މިކަމުގެ ސަބަބުން ނުކުމެގެން އަންނަ މައްސަލަތައްވެސް ފެންމަތިވާ މިންގަނޑު ދަށްވެއެވެ. އަދި ތުއްތުކުދިން ޑޭކެއަރ އަށް ލުމާއި ބަލާނެ މީހުން ހޯދަންޖެހުމުގެ ސަބަބުން މައިންބަފައިންގެ އަތުން ހިނގާ ހަރަދުތައް ކުރަން ނުޖެހުމުން އަތްމައްޗަށްވެސް ލުއިތައް ލިބި، އާއިލީ ދުޅަ ހެޔޮކަންވެސް އިތުރުވެގެންދެއެވެ.

ބޯހިޔާވަހިކަމުގެ އަގު ބޮޑުވުން ފަދަ ސަބަބުތަކާއި ގުޅުވައި އާއިލާ އެކި ތަންތަނަށް ބެހުމުން މުސްކުޅި މައިންނާއި ބަފައިން އިސްރަށްވެހިންގެ ނަމުގައި ގާއިމުކުރަމުންދާ ސެންޓަރުތަކާއި ހަވާލުކުރުމަކީވެސް ބޮޑުވެގެންދާނެ މައްސަލައެކެވެ. އެހެންނަމަވެސް އެންމެނަކީވެސް އެ ބައެއްގެ މައިންނާއި ބަފައިން ހެޔޮ ހާލުގައި ގާތުގައި ބޭތިއްބުމަށް އެދޭނެ ބައެއްކަމަށްވުމުން، އެކަށީގެންވާ ޖާގަ ރައްޔިތުންނަށް ލިބިގެންދާފަދަ ގޮތަކަށް ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އެކުލަވާލުމުން މުޖުތަމައުގެ ތެރޭގައި އެފަދަ ފިޔަވަޅުތައް އަޅައި ހިދުމަތްތައް ލިބިގަތުމަށް މަޖުބޫރުވާ މީހުންގެ އަދަދުތައް ގިނަވުން ހުއްޓުމަކަށް އައުން އެކަށީގެންވެއެވެ. ބަދަހި މުޖުތަމައެއް ބިނާކުރެވޭނީ އެކަމަށް ފަހި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްތަކުގެ މިސްރާބުވެސް ބަދަލުކޮށްގެނެވެ.

މިހުރިހާކަމަކާއިމެދު ވިސްނާލާއިރު ނަފްސާއިކޮށް ޖަވާބު ހޯދަންވީ މުހިންމު ސުވާލެއްވެސް ކޮށްލާނަމެވެ. އެއްވެސް ރައްޔިތަކަށް މަގުމަތީގައި ހުނަން ޖެހިފައިވާ ހާލަތު މެދުވެރިފައިވާއިރު، އަދާކުރަން ހުވާކުރި ޒިންމާތަކަށް އިހުލާސްތެރި ވެރިޔަކަށް ގަނޑުވަރެއްގައި އިންނަން ކެރޭނެތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: