އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކައުންސިލްތަކުގެ ބަޖެޓު ބޮޑު ކުރަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި އިރު ތިބީ އެންމެ ތިން ކައުންސިލަރުން ކަަމަށާއި އަދި ސެކެޓްރީ ޖެެނެރަލުންނާއި އަދި ވަކި އަދަދަކަށް އަންހެން މެމްބަރުން ވެސް ކަނޑައަޅާފައި ނެތް ކަމަށެވެ.
ވައްޑެ ވިދާޅުވީ ބަޖެޓަށް ވާހަކަ ދައްކާނީ ރައްޔިތުންގެ ވިސްނުމުން ކަމަށާއި ހުރިހާ ކަމެއް ބަލަންޖެހޭނީ ސަރުކާރުގެ ލޮލުން ނޫނީ ސަރުކާރުގެ ވިސްނުމުން ނުވަތަ ވަޒީރުންގެ ނަޒަރިއްޔާތުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލުތަކަށް ހާއްސަކުރަންޖެހޭނެ ކަމަށް ހިމަނާފައިވީ ނަމަވެސް އެކަން އެހެން ނުވާތީ ހުރިހާ ކައުންސިލަކުންހެން އެ ކަމާމެދު ޝަކުވާ ކުރަމުންދާ ކަމަށެވެ.
ވައްޑޭ ވިދާޅުވީ ބަޖެޓުގެ 8 ޕަސެންޓުން ނޫނީ ކައުންސިލްތަކުގެ އަސާސީ ހަރަދުތައް ވެސް ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

