ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދުފުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް އެއްކޮށް ހުއްޓާލާފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދުފުމަށް ކުރާ ހޭދަ އެއްކޮށް ހުއްޓާލިކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭތީ، އެކަން ސާފު ކުރުމަށް މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއުއަށް ގުޅާލުމުން ވިދާޅުވީ އަދި އެއްކޮށް އެ ހަރަދުތައް ހުއްޓާލާފައި ނުވާ ކަމަށެވެ. އެކަމަކު ފާއިތުވި މަސްތަކުގައި މެމްބަރުންގެ ދުފުމަށް ކުރި ހަރަދު 90 އިންސައްތައިން ދަށްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވީ އަމާޒަކީ، އެކަމަށް ކުރާ ހޭދަތައް އެއްކޮށް ހުއްޓާލުން ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމާއި، ސައި، އަދި ދުފުމަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. އެއީ މެމްބަރުންގެ ކޮއްތަށް ދުވާލެއްގެ މައްޗަށް ހޭދަ ކުރާ 159 ރުފިޔާ އެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންނަށް ދުވާލެއްގެ މައްޗަށް ޖުމްލަ 13،909 ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ. މި ތަފާސް ހިސާބުތައް ވިދާޅުވެ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމު އުސޫލުން ކުރިޔަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. ބައެއް ފަހަރަށް ކުއްލި މައްސަލަތަކާއި އަދި އެ ނޫން ވެސް ކަންކަމާއި ގުޅިގެން ދައުރުން ބޭރުން ޖަލްސާތައް ބާއްވަ އެވެ. ނުވަތަ ޖަލްސާ ނޯންނަ ދުވަސްތަކަށް ވެސް، ބަހުސްތަކާއި ބިލުތައް ފާސް ކުރުން އެޖެންޑާ ކުރެ އެވެ. އެހެން ކަމުން މަހެއްގެ މައްޗަށް ކޮއްތަށް އެކަނި ވެސް ދައުލަތުގެ ބަޖެޓުން މަޖިލީހުގެ މެމްބަރުންނަށް އެއްލަކައަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދުފުމަށް މަހަކު ގާތްގަނޑަކަށް 30،000 ރުފިޔާ ހަރަދު ކުރެ އެވެ. މީގެ ތެރޭގައި ބިލެތުގެ ހަރަދާއި ކަރަންފޫގެ ހަރަދު ހިމެނެ އެވެ.

