ޕަބްލިކް އެކައުންޓްތައް އޯވަރ ޑްރޯކޮށް ފައިސާ ޗާޕްނުކުރިނަމަ ފާއިތުވެގެންދިޔަ ދެއަހަރު ދިވެހި ރައްޔިތުންގެ ހާލަތު ވެއްޓޭނެ ވަޅުގަނޑުގެ ފުންމިންވެސް ހިތަށް ނުގެނެވޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ މިހާލަތުގައި ޕަބްލިކް އެކައުންޓްތައް އޯވަރ ޑްރޯ ކުރުމާއި ފައިސާ ޗާޕްކުރުމަކީ ހަމައެކަނި ރާއްޖެއިން ގެންގުޅުން ސިޔާސަތުތަކެއް ނޫންކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ގައުމުތަކުން ގެންގުޅޭނީ ”ލޫޒް މަނިޓަރީ“ ސިޔާސަތުތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ ކަންކަން އާރާސްތުކުރަން ވިސްނާއިރު ރާއްޖެއިން ހޭދަކުރާ މިންވަރު އިތުރުކޮށް އިންވެސްޓްކުރާ މިންވަރު އިތުރުކޮށްގެން ނޫނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިނާރާނެ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ރާއްޖޭގެ މަނިޓަރީ ސިޔާސަތުތަކާއިމެދު ވިސްނުންކަމަށް ޝަރީފް ވިދާޅުވިއެވެ. އިގްތިސާދު ފުޅާވެގެންދާނެ ގޮތަކަށް މަނިޓަރީ ސިޔާސަތު ބައްޓަންކޮށް މަނިޓަރީ ސިޔާސަތާއި ފިސްކަލް ސިޔާސަތު ފައިހަމަވާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރަންޖެހޭކަމަށް މަވޯޓާ ޝަރީފް ވިދާޅުވިއެވެ. އަދި މިކަންކަން އެންމެ ރަނގަޅަށް މިވަގުތު ކުރިއަށްނުދާކަމަށް މެމްބަރު ވިދާޅުވިއެވެ.
“ އަޅުގަނޑު މިވަގުތުވެސް ގޮވާލަން މިރާއްޖޭގައި ހުރި ބޭންކްތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް އިންވެސްޓްނުކުރާ ފަރާތްތަކަށް ދީފައިވާ ލައިސަންސްތައް އަލުން ބަލުން އެމްއެމްއޭއިން ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ރާއްޖޭގެ ބޭންކިން ސިޔާސަތުތައް ދިރާސާކޮށް އެހެނިހެން ސެންޓްރަލް ބޭންކްތަނުން ބޭންކްތަކާއިމެދު އަމަލުކުރާ ގޮތަށް ރެގިޔުލޭޓްކުރަން ފެށުމަށް ގޮވާލަން!“
މީގެ އިތުރުން ޝަރީފް ވަނީ ފައިސާ ޗާޕްކޮށްފައިވަނީ ރައްޔިތުންނަށް ފައިދާއަކަށްކަމަށް ވިދާޅުވެފައެވެ. ސަރުކާރު ހިންގުމަށް ހަވާލުވެތިބި ބައެއްގެ މަސްއޫލިއްޔަތަކީ އިގްތިސާދު އަލުން އާރާސްތުކޮށް ހިދުމްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށްކަމަށް މެމްބަރު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ މުޅި އިގްތިސާދު 31 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ދައުލަތުގެ ދަރަނި ބިލިއަނުން މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދެގުނަ މިހިނގާ 2021 ވަނަ އަހަރުވެސް ހަރަދުކުރަންޖެހުނުކަމަށް މެމްބަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއަށް އިގްތިސާދީގޮތުން ކޮށްފައިވާ އަސަރުކުޑަކަން އުފަލާއިއެކު ފާހަގަކުރަންޖެހޭކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ. ރައްޔިތުންނަށް ދަތިކަންތައްތަކާއި ކުރިމަތިލާން ޖެހުނުކަން ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް އެދަތިތަކުން އަރައިގަތުމަށ އެހީވުމަކީ މަޖިލީހުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ފިނޭންސް މިނިސްޓަރުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

