ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ދައުވާކޮށްފައި ވަނީ އޭރު އޭނާއާއި ގުޅުން އޮތުމުންކަމަށާއި، ޝީރީންގެ މަރާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭކަމަށް މުހައްމަދު ނަޖާހު ބުނެފި އެވެ.
މީގެ 10 އަހަރު ކުރިން، ޑިސެމްބަރު 2009 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މާފަންނުގައި ހުރި އިމާރާތެއްގެ ތެރޭގައި ކުނިވެފައި އޮއްވައެވެ.
އެ މައްސަލައިގައި ޝީރީން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު، ލ. ކަލައިދޫ، އޯޝަންވިލާ މުހައްމަދު ނަޖާހު ހައްޔަރު ކުރިއެވެ. އަދި މައްސަލައިގައި ދެ މީހުންގެ އާއިލާއާއި ވެސް ސުވާލުކޮށް، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު ނަޖާހުގެ މައްޗަށް ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތު ކުރި އެވެ.
މައްސަލައިގެ ޝަރީއަތް ހަ އަހަރު ދުވަހަށް ދިގުދެމިގެން ދިއުމަށްފަހު، އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޝީރީން މަރާލިކަމަށް ނަޖާހުގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ލަފާދިންނަމަވެސް އެފަދަ ރިޕޯޓެއް ހަދާފައި ނެތްކަން ހުކުމުގައި ފާހަގަ ކުރި އެވެ.
ޝީރީން ހަށިގަނޑު ބެލި ތިން ޑޮކްޓަރުން ވެސް ބުނެފައި ވަނީ، ޝީރީންގެ ހަށިގަނޑު ގެނައިއިރު އޮތީ، ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އަދި އޭނާގެ ކަންފަތުން ދިޔާ އެއްޗެހިތަކެއް ފައިބާފައި ހަށިގަނޑުގެ ބައެއް ތަންތަން ވަރަށް ކަޅުވެފައި ހުރި ކަމަށެވެ. އެހެންވެ، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން ހުރި ކަންކަމަށް ބަލައި މަރުގެ ސަބަބު ނުހޯދޭ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ދަށު ކޯޓުގެ ހުކުމް ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ނަޖާހުގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް، ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް ”ގަސްދުމަރާއި ވައްތަރުގެ މަރު“ ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ.
ނަޖާހުގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިއަދުގެ ޖެނުއަރީ މަހު އެވެ. އަދި އޭނާ ވަނީ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ޝީރީން ގެއްލުނު ދުވަހުގެ ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދީ، އެކަމުގައި އޭނާގެ އެއްވެސް އަތެއް ނެތްކަމަށް ބުނެފަ އެވެ.
Sangu News | Your News. Zero lies straight to your eyes. ހުލާސާ ބަޔާނަށް އިއްވުމަށް ފަހު މިއަދު ދިން ފަހު ފުރުސަތުގައި ނަޖާހު ވަނީ، ޝީރީން އާއި އޭނާއި ދެމެދު ގުޅުމެއް އޮތުމަކީ، މަރުގެ ތުހުމަތު އޭނާއަށް އަންނަން ޖެހޭ ސަބަބެއް ނޫންކަމަށް ބުނެފަ އެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދެއްކި ވާހަކަ ތަކުރާރުކޮށް، ނަޖާހު ބުނެފައި ވަނީ ދަށު ކޯޓުގެ މަރުހަލާގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިފީ ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުން އޭނާއަށް މަޖުބޫރު ކުރާތީ ކަމަށެވެ.
ނަޖާހުގެ ފަރާތުން ހުލާސާ ބަޔާން އިއްވައި އޭނާގެ ވަކީލު އަހުމަދު ޝިފާއު ވިދާޅުވީ، ޝީރީން މަރުވާން މެދުވެރިވި ސަބަބާއި އެ އަނިޔާތަކުގެ ތަފްސީލުތައް ދެނެގަނެވިފައި ނުވާ ކަމަށެވެ. ”ކޯސް އޮފް ޑެތް“ ނޭނގި، ނަޖާހުގެ މައްޗަށް ތުހުމަތުތަކެއް ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. ނަޖާހުގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ދައުވާތަކާއި މެދު ސުވާލު އުފައްދައި، އޭނާގެ ވަކީލު ވިދާޅުވީ ފަހުން އައި ދައުވާގައި އޮތީ ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ދައުވާ ކަމަށެވެ.
ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވޭ މީހަކީ، އެ ކުށަކުން ބަރީއަވުމަށްޓަކާ ފުރުސަތު ދޭން ޖެހޭ މީހަކަށްވާއިރު ކޯޓު މަރުހަލާފައި ނަޖާހުއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަން ހުލާސާ ބަޔާނުގައި ފާހަގަ ކުރި އެވެ. ޝިފާއު ވިދާޅުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ހައްގުތައް ނަޖާހުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށެވެ. އެގޮތުން މައްސަލައިގެ ތަހުގީގު މަރުހަލާއިން، ޝަރުއީ މަރުހަލާއަށް އަދި ހުކުމް އިއްވުމާއި ހަމައަށް އައިއިރު ވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ނޫން އިތުރު ދައުވާއެއް އޮތްކަން ނަޖާހުއަށް އެނގިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
”ހަމައެކަނި ހުކުމް ކުރި ދުވަހު ”ސަޕްރައިޒް ހުކުމެއް“ ގެ ގޮތުގައި އެ ފަރާތަށް މި އޮތީ ހުކުމް އެނގިފައި…“ ޝިފާއު
ނަޖާހުގެ ވަކީލު ވިދާޅުވީ ކުށުން ބަރީއަވުމަށްޓަކައި، އެކަށީގެންވާ ވަސީލަތްތަކާއި ވަގުތު ލިބިފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އެ މީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއި، މަޝްވަރާ ކުރުމުގެ ފުރުސަތު ދޭން ޖެހޭއިރު، ނަޖާހުގެ ކިބައިން އެ ހައްގު ވެސް ނިގުޅައިގެންފައިވާކަމަށް ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ، މަރުގެ މައްސަލައެއްގައި އެ މީހަކު މަރުވި ގޮތް ހާމަވާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ދަށު ކޯޓު މަރުހަލާގައި ދައުލަތަށް އެކަން އެއްވެސް ވަރަކަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ހައިކޯޓުގެ އިސްތިއުނާފުގައި ވެސް އެ ނުކުތާ ފާހަގަކޮށްފައިވާނެކަމަށް، ވަކީލު ވިދާޅުވި އެވެ.
”އެހެންކަމުން ޖުމްލަކޮށް މި ހުރިހާކަމަކަށް ރިއާޔަތް ކުރާއިރު، މަރުވެފައިވާ ޝީރީން… ޝީރީން މަރުވެފަ ނުވަތަ މަރާލެވިފައިވާ ސަބަބު މިހާތަނަކަށް ސާފެއް ނުވޭ.. އެހެންކަމުން ސާފު ނުވާކަމަކަށް އެގޮތަށް މަރާލިކަމަށް ތުހުމަތުކޮށް، އެކަމާއި ގުޅޭގޮތުން ހުކުމް ކުރާއިރު އެކަށީގެންވާ ޝައްކެތް ނެތްމިންވަރަށް ސާބިތުވާން ޖެހޭނެކަމަށް ގާނޫނު އަސާސީގެ އަސާސްތަކަށް ބެލުމުން ވެސް އެބަ އެނގޭ..“ ވަކީލު
އެހެންވެ، ނަޖާހުގެ ފަރާތުން އެދުނީ މިކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލުކަމަށް ކަނޑައަޅައި ދިނުމަށެވެ.
މައްސަލައިގައި ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލު އަހުމަދު ތައުފީގް ވިދާޅުވީ ޝީރީން މަރުވެފައި އޮއްވާ ފެނުނު ސަރަހައްދާއި، ވަގުތުތަކާއި އަދި ނަޖާހުގެ އަމަލުތަކަށް ބަލާއިރު މަރުގެ ފަހަތުގައި ވަނީ ނަޖާހުކަމަށް ނުވަތަ އޭނާގެ އަމަލުތަކެއްގެ ސަބަބުންކަމަށް ގަރީނާތަކުން ސާބިތު ކުރެވޭކަމަށް ދެކޭކަމަށާއި، އެއީ އެކަށީގެންވާ ހެއްކެއްގެ ގޮތުގައި ދައުލަތުން ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން ޝީރީން މަރުވީ ނަޖާހުގެ ފަރާތުން ލިބުނު އަނިޔާތަކަށްކަން ސާބިތު ކުރެވޭ މިންވަރަށް ކާފީ ހެކި ލިބިފައިވާކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.
ދައުވާގެ ސިފަ ބަދަލު ކުރުމުން، ނަޖާހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ރައްދަށް ދައުލަތުން ވިދާޅުވީ އެކަން ހައިކޯޓު މަރުހަލާގައި ހިނގީ ރަނގަޅަށް ކަމަށެވެ. އެއީ ގަސްދު މަރުގެ ކުށް ސާބިތު ނުކުރެވޭ ހާލަތުގައި ގަސްދަކާ ނުލައި މަރާލުމުގެ ކުށަށް، އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާނަމަ ސާބިތު ކުރެވިދާނެ ކަމަށް އެނާ ވިދާޅުވި އެވެ.
ކުށުގެ އަދަބެއްގެ ގޮތުން ނަޖާހުގެ މައްޗަށް ތައުރީޒީ އަދަބެއް އިއްވާފައިވަނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމެސް އެހާ ހިސާބުން މައްސަލަ ބެއްލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ދާދި ފަހުން ސުޕްރީމް ކޯޓުން ތައުޒީރީ އަދަބެއް ދޭނަމަ، އެ ތައުޒީރީ އަދަބު އޮންނަން ވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވާ ގާނޫނުކަން ކަނޑައެޅިފައިކަމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ވާހަކައަށް ތާއީދު ކުރާނަމަ، އެއްވެސް ފުށުއެރުމެއް އަންނާނެތޯ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ، ތައުޒީރީ އަދަބު ކަނޑައެޅުއްވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ގާނޫނުލްއުގޫބާތުގެ 111 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އެއީ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށެވެ.
ޝީރީންގެ މަރުގެ މައްސަލައިގައި ދައުލަތުން ބުނެފައިވަނީ، ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުނު އުޅުމުގައި ޝީރީން މަރާލާފައިވާ މައްސަލައިގައި ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައި، ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުން ދިޔަ މ. އަންގާގިރީގައި ހުރި ކުނިތަކުގެ ތެރޭގައި އޭނާ ބޭއްވީ ކަމަށެވެ.
ފުލުހުން ނަޖާހާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، އޭނާ ޝީރީންއަށް އަނިޔާ ކުރާކަމަށް ބުނެ ބަޔަކު ދީފައިވާ ބަޔާންތަކާއި، އަންގާގިރި ކައިރިއަށް ފޮއްޓެއް ހިފައިގެން ނަޖާހު ދިޔަކަމަށް ބުނާ ޓެކްސީ ޑްރައިވަރަކާއި ނަޖާހާއި މިރުފަތުގެ ބަސް ހިމެނެއެވެ. މުޅި އެ މައްސަލަ ބިނާވެފައި އޮތީ ފޮރެންސިކް ހެކިތަކުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ނަޖާހުގެ ފަރާތުން ވަނީ، ޝީރީންގެ މަރުގެ ސަބަބު ދައުލަތަށް ނުދެއްކޭކަމަށް ބުނެފައެވެ. އަދި އަދި އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިނުވާކަމުގެ ނުކުތާ ނަގާފައި ވެއެވެ.
މައްސަލާގެ އަޑުއެހުން މިއަދު ނިންމާލައްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލު ކުރައްވާނެ ކަމަށެވެ.
މި މައްސަލާގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒު އަލީ އެވެ.

