ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ހާމިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބަންގްލަދޭޝްއަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ބޭއްވި ބައދަލުވުން ކުރިއަށް ދިޔައީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ.
މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލް އަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
ފައިސަލް ނަސީމް، ބަންގްލަދޭޝް އަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

