ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްފަރި ފަރަށް އެރި ބޯޓާއި މެދު އީޕީއޭގެ ނިންމުން ބަދަލުކުރަން ނުޖެހޭ: މިނިސްޓަރ

ކ. ރަސްފަރި ފަރަށް އެރި އެމް.ވީ ނަވިއޯސް އަމަރިލިސް ބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

‘އެމް.ވީ ނަވިއޯސް އަމަރިލިސް’ ނަމަކަށް ކިޔާ ކާގޯ ބޯޓު ކ. ރަސްފަރީ ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް ނިންމާފައިވާ ނިންމުން ބަދަލު ކުރަން ނުޖެހޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މި މައްސަލައާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީން އާއްމު ކުރި ބަޔާނުގައި ބޯޓުގެ ވެރިފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޝައުނާއަށް އިސްތިއުނާފު ކުރުމާއި އެކު މިނިސްޓަރު އެ މައްސަލަ ބައްލަވައި އީ.ޕީ.އޭ ގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށް ނިންމަވައިފައި ވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރ މިގޮތަށް ނިންމާފައިވަނީ ބޯޓު ފަރަށް އެރުމުގައި ބޯޓު ދުއްވަން އިން ފަރާތުގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރައްވަމުންނެވެ. މިނިސްޓްރީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ބޯޓުގެ އިންޖީނެއްގެ ޓެމްޕްރޭޗަރ މަތިވެގެން ކެޕްޓަނަށް އެކަން ފާހަގަކުރެވިފައި ވަނީ 18 އޮގަސްޓް 2021 ގެ މެންދުރު 13:00 ގައެވެ. ދިމާވި މައްސަލަ ބެލުމަށް ބޯޓުގެ އިންޖީނު ނިއްވާލާފައި ވަނީ ހަމަ އެ ދުވަހު މެނދުރު 14:30 ގައެވެ. ބޯޓު ފަރަށް އަރާފައި ވަނީ 19 އޮގަސްޓް 2021 ގެ ފަތިހު 03:00 ގައި ކަމަށް ވީ ނަމަވެސް، މި ހާދިސާ ހިނގިކަން ރަސްމީކޮށް ސަރުކާރުގެ މުއައްސާސާތަކަށް ބޯޓުގެ ވެރިފަރާތުން ރިޕޯޓުކޮށްފައި ވަނީ 19 އޮގަސްޓް 2021 ގެ ރޭގަނޑު 21:00 ގައެވެ. އަދި ބޯޓު ފަރަށް އެރިކަން އީ.ޕީ.އޭ އަށް ލިޔުމުން އަންގާފައި ވަނީ 21 އޮގަސްޓް 2021 ގައެވެ.

އޭގެ ކުރިން، ބޯޓު ފަރަށް އަރައިގެން އުޅޭކަން އީޕީއޭ އަށް އަންގާފައި ވަނީ ރަސްފަރި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުވާސަލާތީ ކުންފުނި ދިރާގު ގެ މުވައްޒަފުންނެވެ. ދިރާގު އިން މި މައްސަލަ އީޕީއޭ އަށް ރިޕޯޓުކޮށްފައި ވަނީ 19 އޮގަސްޓް 2021 ގެ މެންދުރު 13:27 ގައެވެ. އެހެންކަމުން ބޯޓުގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައި އެއްބާރުލުން ދިންކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއި އެކު އިމަރޖެންސީ ހާލަތެއްކަމަށް ގަބޫލުކޮށް، ވަގުތު އޮއްވައި ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ އެހީތެރިކަން ބޯޓުން ހޯދިނަމަ، ބޯޓު ފަރަށް އެރުމުން ސަލާމަތްކުރެވުނީސް ކަމަށް ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުން ދެކޭކަމަށްވެސް  މިނިސްޓަރގެ ނިންމުމުގައި ހިމަނާފައިވެއެވެ.

މިނިސްޓަރުގެ ނިންމެވުމުގައި، ދިވެހިރާއްޖެއަށް ލިބިފައިވާ ގުދުރަތީ އެންމެބޮޑު ރައުސްމާލަކީ ދިވެރިރާއްޖޭގެ ފަރުތަކުގެ ނިޒާމްކަން ފާހަގަކުރައްވައި ފަރުގެ ނިޒާމަކީ އޭގެ މައްޗަށް ރާއްޖޭގެ މުޅި އިގްތިސޯދު ބިނާވެފައިވާ، ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި މަސްވެރިކަން އެއާއި ނުލާ ދެމެހެއްޓެނިގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ނިޒާމުތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމުގެ އިތުރުން ތެޔޮ ލީކުވުން ފަދަ ހާދިސާއެއް ހިނގިނަމަ، ރާއްޖޭގެ ތިމާވެއްޓަށާއި، މަސްވެރިކަމަށާއި، އާއްމު ސިއްހަތަށާއި، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު އަހަރުތަކެއް ވަންދެން ކުރާނެކަމީވެސް ޝައްކެއްނެތް ކަމެއްކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ބޯޓު އެރި ފަރަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު) ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުކަމަށާއި މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ “ކްލީނިންގ ސްޓޭޝަން” އެއްވެސް ހިމެނޭ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: