ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން ސްލޮޓުތައް ޑިސެމްބަރު 15 ގައި ބޭނުން ކުރަން ފެށޭނެ: މުއިއްޒު

ސޯސަން މަގުގައި ހުންނަ ޕާކިންގ ޒޯން/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ސްލޮޓުތައް ގާއިމުކޮށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހި، ސްލޮޓު ދޫކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ގައި ފަށާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓުތައް ބޭނުންކުރަން ފެށުމަށް ބާކީ ހުރި އައިޓީގެ މަސައްކަތްތަކެއް ކަމަށެވެ. އަދި ޕާކިން ސްލޮޓުތައް ދޫ ކުރުމުގައި ކަނޑައެޅިފައިވާ ސަރަހައްދުތަކާއި، ޕާކް ކުރާނެ ޖާގަ ހެދުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ސްލޮޓުތައް ކުރަހާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިސާލެއްގެ ގޮތުގައި މޭޔަރ ވަނީ އަމީނީ މަގުގެ ދެކުނަށް ހުރި ގޯޅިތަކާއި މަގުތަކުގައި ސްލޮޓު ކުރަހާފާއިވާކަން ފާހަގަ ކުރައްވާފަ އެވެ.

ކާނިވާ ސަރަހއްދުގައި، ތަން މަރާމާތު ކުރުމަށް ހިންގުނު ބޮޑު މަސައްކަތް ނިމުމަކަށް އައިސް، އެތަނުގައި ވެސް ސްލޮޓު ގައިމުކުރެވިފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. ކާނިވާ ސަރަހައްދުގައި އިވެންޓް ބާއްވާ ސްޓޭޖު ސަރަހައްދު ހިމަނައިގެން، ޖުމްލަ 500 ސައިކަލަށް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރަހައްދުގައި 100 ކާރު ނުވަތަ 4 ފުރޮޅުލީ އުޅަނދުތަކަށް ވެސް ސްލޮޓު ގާއިމުކުރެވިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ކާނިވާ ސަރަހައްދުން ކާރު ފަދަ 4 ފުރޮޅުލީ އުޅަނދުތައް ދޫކުރެވޭ ސްލޮޓުތަކުގެ ތެރެއިން 50 ސްލޮޓު ޓެކްސީތަކަށް ދޫކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މޭޔަރ ވިދާޅުވި ގޮތުގައި ޓެކްސީތަކަކީ ގިނަ އާއްމުން ބޭނުންކުރާ އުޅަނދަކަށް ވެފައި ގިނަ ޓެކްސީ ޑްރައިވަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްސީ ޕާކު ކުރާނެ ޖާގަ ނެތުމެވެ. އެހެންކަމުން މިހާރު ގާއިމުކުރާ ސްލޮޓު ތަކަކީ އެ ޑްރައިވަރުންނަށް ލިބޭ ފަސޭހައެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ގާއިމުކުރާ މި ސްލޮޓުތައް ދޫކުރެވޭނީ ހަމަ މީގެ ކުރިންވެސް ކައުންސިލުން ކަނޑައަޅާފައިވާ އަގުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ 1،500 ރުފިޔާގެ އަގެކެވެ. ކާނިވާ ސަރަހައްދުގައި އިވްނެޓެއް އޮވެއްޖެނަމަ، ވަގުތީ ގޮތުން ތަން ހުސް ކުރާ އުސޫލުން އެ ސަރަހައްދުގެ ސްލޮޓުތައް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވިޔަފާރި ވެރިންގެ މިސްކިތާއި މާލޭގެ އެހެން ސަރަހައްދުތަކުގައި ވެސް ޕާކިން ސްލޮޓު އިތުރު ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން 20 ފޫޓަށް ވުރެ ފުޅާ މަގުތަކުގައި، ޓްރެފިކްއަށް ދަތިނުވާ ފަދައިން، މަގުގެ އެއް ފަޅީގައި 4 ފުރޮޅުލީ އުޅަނުތައް ޕާކު ކުރެވޭނެ ގޮތަށް ސްލޮޓު ކުރަހަމުން އަންނަ ކަމަށްވެސް މޭޔަރ ފާހަގަކުރެއްވިއެވެ.

ހަމައެއާއި އެކު ކައުންސިލުން ގާއިމުކުރާ މި ސްލޮޓުތައް ގަރާޖު ސްޕޭސްގެ ގޮތުގައި ވެސް ބޭނުން ކުރޭވެނެ ކަން ފާހަގަކުރައްވައި މޭޔަރ ވަނީ އުޅަނދުތައް ދުއްވާ މީހުންނަށް ގަރާޖު ސްޕޭސް ނުލިބުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލާފައެވެ. މިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން 25،000 ރުފިޔާގެ އަގެއްގައި ކައުންސިލުގެ ސްލޮޓުތައް، އުޅަނދުގެ އުމުރަށް ކުއްޔަށް ނެގޭނެ ކަމަށް މޭޔަރ ވަނީ އިއުލާންކޮށްފައެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި އިތުރު ކުރެވޭ މި ޕާކިންގ ސްލޮޓުތައް ބުކް ކުރުމަށް އާއްމުން ބޭނުންކުރަން ޖެހޭނީ އޮންލައިން ޕޯޓަލް އެއްކަމަށެވެ. އޮންލައިންކޮށް ހުސް ސްލޮޓުތައް ހުރި ހިސާބުތަކާއި ސްލޮޓު ނަމްބަރުތައް ފަސޭހަ ކަމާއި އެކު ފެންނާން ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ އޮންލައިން ޕޯޓަލް ގެ މަސައްކަތް ނިމި، ޑިސެމްބަރު 15 ގައި މަގުމަތީީ އެކި ސަރަހައްަދުތަކުގައި ޕާކު ކުރުމަށް ދޫކުރެވޭ ސްލޮޓުތައް ދޫ ކުރުމުގެ މަސަައްކަތް ފަށާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: