ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން ، އިންތިޒާމްކޮށްގެން ބާއްވާ ”އަންވެއިލިންގ ވިޝަންސް 2021″ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
އިއްޔެ ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ބޭއްވި މި މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ’މޯސްޓް ވައިބްރަންޓް އާޓިސްޓްސް“ އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން ”އަންވެއިލިންގ ވިޝަންސް 2021“ އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.
މީގެ އިތުރުން ހަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެހުމެއް ވެދުމަށް އަރުވާފައެވެ.
މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

