ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމު މިނިވަން ވާނީ މިހާވަރަކަށް!

ޖޭއެސްސީގެ ބައެއް މެމްބަރުން، ކޮމިޝަންގެ ރައީސް ހިސާން އާއި، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ-19 ގެ މެނިފެސްޓޯގައި ވާ ގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރާނީ އެންމެ ހާއްސަ އިސްކަމެއް ދީގެންނެވެ. ދައުރު ދެބައިވެގެން ދިޔައިރު ސުވަލަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މަސައްކަތެއް ކުރެވުނުތޯ އެވެ. ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ގާއިމު ކުރެވުނު ތޯ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުން ހިމެނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގަ އެވެ. ސުލޫކީ މައްސަލަތަކާއި، އަދި އެ ނޫންވެސް ތުހުމަތުތަކެއް ކުރެވޭ ފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ވައުދުވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު، އަލީ ވަހީދުގެ ޝަރީއަތް ކޯޓުގައި ފަށާފައިވަނިކޮށް ބޭސްފަރުވާއަސް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އޭނާއަށް ދިން ގާޒީ ހަސަން ސައީދު މަތީން އެންމެން ވެސް ހަނދާން ހުންނާނެ އެވެ. މި ދެންނެވި ހަސަން ސައީދަކީ ދިވެހި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަށާއި އާއްމުންނަށް ހުޅުވާލައި ލައިވްކޮށް އޭނާގެ މައްސަލައެއް ޖޭއެސްސީން ކުރިޔަށް ގެންދިޔަ މަންޒަރު ގެނެސްދެވުނު ބޭފުޅެކެވެ.

މަގާމުން އެކި ގާޒީންނާއި، ފަނޑިޔާރުން ބާރު ސްޕީޑެއްގައި ވަކި ކުރަމުން ގޮސް ގާޒީ ހަސަން ސައީދާއި ހަމައިން ޖޭއެސްސީން އޭނާގެ ބުރަކަށީގައި ފިރުމާލުމަށް ފަހު ދިނީ ޕްރޮމޯޝަނެކެވެ. ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވަމުން، ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތު ފަނޑިޔާރު ހަސަން ސައީދަށް ކުރެވުނެވެ. މީޑިއާތަކާއި، އާއްމުންނަށް ހުޅުވާލައިގެން އެ ”ތަހުގީގު“ ކުރިޔަށް ގެންދިއުމަށް ފަހު ޖޭއެސްސީން ނިންމީ ހަސަން ސައީދު ފަނޑިޔާރުކަމުން ވަކި ކުރާށެވެ.

އޭގެ ފަހުން ކުއްލިއަކަށް އޭނާއަށް ދޭ އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރާކަމަށް މީޑިއާތަކަށް އެންގި އެވެ. އުފުލަންޖެހޭ ޒިންމާއާއި، ދަރަޖައަށް ބަލާނަމަ މިއީ ދިން ޕްރޮމޯޝަނެއްކަމަށް ބުނެ ނޫސްވެރިންނާއި ގާނޫނީ އެތައް ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

ކްރިމިނަލް ކޯޓުގައި މުސާރަ އާއި އިނާޔަތްތައް ފެމިލީ ކޯޓަށް ވުރެ މަތިވާނެ އެވެ. އެ ނިންމުމާއި އެކު ޖޭއެސްސީގެ އެހެން ނިންމުމެއްގައި ވަނީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބެލުމުގައި މެދުވެރިވި ހުރަސްތައް ނައްތާލެވިފައި ނުވަނީ ގާޒީ ހަސަން ސައީދު އަމަލުކުރެއްވި ގޮތުން ކަން ވެސް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.

މިއީ ދޭ އަދަބެއް، ނުވަތަ ޑީމޯޝަނެއްގެ ގޮތުގައި ޖޭއެސްސީން ކަނޑައެޅި ގޮތެއް ސާފެއް ނޫނެވެ. ހަސަން ސައީދުގެ އިތުރު މައްސަލައެއް އަނެއްކާ ވެސް އޮތީ ޖޭއެސްސީގަ އެވެ. އެއީ ސީލައިފް ގްލޯބަލްގެ އައްމަޓީގެ އާއިލާގެ ދެ މެމްބަރަކު ޖާމިނުކޮށް އޭނާ ދޫކޮށްލި މައްސަލައިގަ އެވެ.

ޖޭއެސްސީ ބަދަލު ކުރަންޖެހޭ ކަމާއި، ޖޭއެސްސީއަކީ ކޯޓުތަކަށް އަތް ބާނަން ގެންގުޅޭ ބައެއްގެ ގޮތުގައި ހަރު އޮޑުން ގޮވީ އެމްޑީޕީ އެވެ. އޭރު ބުނަމުން އެއީ އެ ޕާޓީގެ ވެރިކަމެއްގައި ޖޭއެސްސީއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެކަން ނުވެ މިއަދާއި ހަމައަށް ސަރުކާރު ފިނިހަކަ ސްޕީޑެއްގައި ކުރިޔަށްދާއިރު ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ ކޮމިޝަނަށް ގެންނަން ޖެހޭ އިސްލާހުތައް ތަންފީޒު ކުރެވޭނެ ކަމަށެވެ

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ގިނަ ނުފޫޒުތަކެއް ފޯރުވާފައި އެބަހުއްޓެވެ. ފާއިތުވެ ދިޔަ އެކި އަހަރުތަކުގައި ގިނަ މީހުންނަށް ކުރެވިފައިވާ ތުހުމަތުތަކެއް ވެސް އެބަހުއްޓެވެ. ވަކި މީހަކު ބޭނުންވާ ގޮތަކަށް ހުކުމްތައް ނެރުމާއި، ނަޒާހަތްތެރިކަމާއި މެދު އުފެދޭ ސުވާލުތަކާއި އެކު މަގާމުން ވަކި ކުރި ފަނޑިޔާރުންގެ އަދަދު މަދެއް ނޫނެވެ. މިއީ ނުހިނގާކަމެއްގެ ގޮތުގައި، ބަޔަކު ދައްކަން މަސައްކަތް ކުރި ނަމަވެސް މިއީ ޒަމާނުއްސުރެން ފެށިގެން ކަން ހިނގަމުން އައި ގޮތެވެ.

ގާނޫނުގައި ފަހަރެއްގައި ޝަރުއީ ދާއިރާ އެއީ މިނިވަންވާންޖެހޭ ދާއިރާއެއްގެ ގޮތުގައި ލިޔެފައި އޮވެދާނެ އެވެ. ނަމަވެސް އެއީ އިބާރާތް ރީތި، ދުލުން ބުނެލަން ފަސޭހަ ބަހެކެވެ. ޝަރުއީ ދާއިރާގެ ގިނަ ނިންމުންތަކާއި މެދު އުފެދޭ ސުވާލުތައް އެބަހުއްޓެވެ. ދޭތެރެއަކުން މި އަޑު ގަދަވެފައި، މަޑުވަނީ ކޮންމެވެސް އެހެން އާ ކަމަކާއި ދިމާވެގެންނެވެ.

ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފަސް އަހަރުގެ ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ތިން ފަނޑިޔާރުންކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް ވަނީ ލީކުކޮށްލާފަ އެވެ. އެއީ ގާޒީ ހުސައިން ފާއިޒް ރަޝާދުއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ތިން އޯޑިއޯއެކެވެ. މައްސަލައިގައި ޖޭއެސްސީން ބުނީ ލީކްވި އޯޑިއޯ ތަކުގެ ތަހުގީގު އިތުރަށް ކުރިއަށްގެންދިއުމަށްޓާކައި، ދައުރުވަމުންދާ އޯޑިއޯތަކިގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުން އެދުނު ކަމަށެވެ.

ލީކްވި އޯޑިއޯތަކާއި ގުޅިގެން ފަނޑިޔާރުންގެ އަޑުގެ ސާމްޕަލް ދިން ނަމަވެސް އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި، އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެ ކަަމަށް ފަނޑިޔާރުންނާއި ހަވާލާދީ ޖޭއެސްސީން ބުނެ އެވެ. މީގެއިން އެއް އޯޑިއޯގައި ހިމެނޭ ގާޒީ ފާއިޒު ވިދާޅުވަނީ އެ މައްސަލާގައި ހުކުމް އިއްވީ ގާޒީން ރަހީނުކޮށްގެން ކަމަށެވެ.

ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވެސް ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީގައި ޖޭއެސްސީއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތަސް އެއީ ”ސިޔާސީ“ މުއައްސަސާއެއް ކަމަށެވެ. އެ ތަނުގައި ތިއްބަވަނީ ސިޔާސީ ބޭފުޅުން ކަމަށާއި އެ ތަން މެދުވެރިކޮށް ޝަރުއީ ނިޒާމު ބައްޓަން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ބާތިލު ކުރައްވާފަ އެވެ. އެހެން ނަމަވެސް ލީކުވި އޯޑިއޯތަކާއި އެއާއި ގުޅުވައި އައި މައްސަލަތައް ބަލަން ޖެހެ އެވެ. މީގެ ތެރޭގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ކުރެވުނީ އާދައިގެ ތުހުމަތެއް ނޫނެވެ. އެއްބަސްވި ގޮތާއި އެއްގޮތަށް އަމަލު ނުކުރާކަމުގެ ޝަކުވާތަކާއި އެކު، މަގާމުގެ ކުރިއެރުން ދޭން ބުނެ އެހެން މީހުންނަށް އެ ކުރިއެެރުން ދީފައިވާތީ އެ ވާހަކަތައް ދައްކަވަ އެވެ. މައްސަލަ ކުރިޔަށް ގެންދަންވީ ގޮތް ވިދާޅުވަނީ އަލީ ޒާހިރުކަމަށް އޯޑިއޯތަކުގައި ބުނެ އެވެ. މި އޯޑިއޯތަކުން ދޭހަވާ ގޮތުން އެއްފަހަރާ މުއާމަލާތް ކުރުމުގެ ބަދަލުގައި، ފަނޑިޔާރުންނާއި މުއާމަލާތް ކުރީ ވަކިވަކީންނެވެ. ސަބަބަކީ އެއް ބަޔަކު އަނެއް ބަޔަކަށް ހުށަހެޅުންތަކުގެ ތަފްސީލު ނޭނގުމެވެ.

ކަންބޮޑުވާން ޖެހެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. ހާއްސަކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކުރަނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. ދައުރުވާ އޯޑިއޯއެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލީ ޒާހިރު ވަނީ ބައެއް ފަނޑިޔާރުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ ބައެއް ކަހަލަ ހުށަހެޅުންތައް ވެސް ހުށަހަޅުއްވާފަ އެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މަސައްކަތް ކުރެވުނުކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. އެ ވިދާޅުވާ އުސޫލުން މަސައްކަތް ކުރެވުނު ނަމަ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވީހެވެ. ކޯޓުން އިއްވާ ހުކުމްތަކަށް ރައްޔިތުންގެ މަޖިލީހުން ބަސް ބުނެ، އެ ހުކުމްތައް ރިވިއު ކުރުމަށް ވެސް ވިދާޅުނުވީހެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމު އޮތްގޮތަކީ ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލް ވެސް މައްސަލައެއް ނާކާމިޔާބު ވާ ހިސާބުން ޓްވީޓުތަކެއް ކުރެއްވުމެވެ. ކޯޓުގެ ނިންމުމަށް ނުސީދާ ފާޑުކިއުންތަކެއް އަމިއްލަ ބްލޮގުގައި ލިޔުއްވުމެވެ. މިފަދަ އެތައް މަންޒަރެއް ދަންނަނީ ފެންނަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: