ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ކުރުމަށް ފޮނުވި މައްސަލައިގައި އުމަރު: “އަޅުގަނޑަކީ ހުދު ވަލެއް”!

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ބަޔަކަށް ނާޖާއިޒް ފައިދާ ވާގޮތަށް ބިޑެއް ހަވާލުކުރިކަމަށް ބުނާ މައްސަލަ އެއީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި މައްސަލައެއް ނޫންކަމަށާއި މި ސަރުކާރުން ޓެގު ބިޑުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެކަން ބެލި މިއީ ދެވަނަ ފަހަރުކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އުމަރު ނަސީރު އާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ޕީޖީއަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. ޕީޖީއަށް މައްސަލަ ފޮނުވައި އޭސީސީން ބުނީ އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކުރި އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލުކުރަމުން ދާ އުސޫލުގެ ބޭރުން ކަމަށެވެ. އަދި އެ މަރުހަލާ ކުރިޔަށް ގެންދިޔައީ އުމަރުގެ އިރުޝާދުގެ ދަށުންކަމަށް ވަނީ ބުނެފަ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އުމަރު ވިދާޅުވީ، އޭސީސީން އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވި މައްސަލައަކީ ހުޅުވާލެވިގެން ކުރިޔަށް ގެންދިޔަ ބިޑެއްގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ހޯމް މިނިސްޓްރީން ދިން ބިޑެއް ކަމަށެވެ. އަދި އެ ބިޑު ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައި، އޭސީސީގެ ކްލިއަރެންސް ވެސް ހޯދާފައިވާނެ ކަމަށެވެ.

ހަ އަހަރުވެފައިވާ މި މައްސަލަ ކުރިޔަށް ގެންދިއުމަށް އޭސީސީން އެކި ފަހަރު މަތީން މަސައްކަތްކުރިކަން ފާހަގަކޮށް އުމަރު ވިދާޅުވީ، އެއީ އަމިއްލައިން އެދިގެން ކްލިއަރެންސް ހެދުމާއި ބައެއްގެ ފަރާތުން ހުށަހެޅި ޝަކުވާއެއް އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްއްގަޔޫމްގެ ސަރުކާރުން ބެލި މައްސަލަ ކަމަށެވެ. އުމަރު ވިދާޅުވީ މި ސަރުކާރުން ޓެގުގެ މައްސަލަ ބެލި މިއީ ދެވަނަ ފަހަރު ކަމަށެވެ.

މިއީ އެއްވެސް ހާލެއްގައި ފޮރުވައިގެން ސިއްރުން ކުރިޔަށް ގެންދިޔަ މަސައްކަތެއްކަން ފާހަގަކޮށް އުމަރު ވިދާޅުވީ މައްސަލައިގައި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

“ދައުލަތަށް އެންމެ ފައިދާ އޮންނާނެ ގޮތަކީ އޯޕަން ބިޑެއްގައި މަސައްކަތް ހަވާލު ކުރުން، މިއީ ސަރުކާރުގެ ޕްރޮސީޖާ އިނގޭތޯ… ޕްރޮސީޖާއިން ބޭރަށް ގޮސްފައެއް ނޯންނާނެ އަޅުގަނޑު އެއްގޮތަކަށް ވެސް” އަމަރު

ހަ އަހަރަށް ފަހު މައްސަލައެއްގައި ދައުވާކޮށްދޭން އެދި ފޮނުވުމުން މިއީ ކިހިނެއް ހިނގާ ކަމެއްތޯ ބަލަން ޖެހޭކަމަށް އުމަރު ވިދާޅުވި އެވެ. 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަމަށް އިއުލާނު ކުރުމާއި އެކު، ރައީސް ޔާމީން ވެސް އޭނާގެ މައްސަލަތަކެއް އޮތްތޯ ބަލަން މަސައްކަތްތަކެއް ކުރިކަމަށާއި އެހެން ނަމަވެސް އެކަން ވީ ނާކާމިޔާބުކަމަށް އުމަރު ވިދާޅުވި އެވެ. މި ސަރުކާރުން ވެސް ހަމަ އެ މަސައްކަތް ކުރިކަމަށާއި، އެހެން ނަމަވެސް މިނިސްޓަރަކަށް ހުންނެވި ދޮޅު އަހަރުގެ ތެރޭގައި މަގާމުގެ ޒިންމާ އަދާކޮށްފައިވަނީ އިހުލާސްތެރިކަމާއި އެކު އެއްވެސް ބަޔަކަށް މަންފާއެއް ހޯދައިދިނުމުގެ ނިޔަތެއް ނެތިކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

“އެނގިވަޑައިގަންނަވާނެ އެމްއެމްޕީއާރުސީގެ ލިސްޓު ތައްޔާރުކޮށް ނެރުނުއިރު އުމަރު ނަސީރުގެ ނަމެއް ނެތް… މިނިވަން 50 ގެ މައްސަލައެއް އޮތޯ ބެލުމަށް ހުރިހާ ސަރުކާރުތަކުން ހަ އަހަރު ވަންދެން ބެލިއިރު ވެސް އެއްވެސް މައްސަލައެއް ނެތް.. އޭގެ ފަހުން ހޯމް މިނިސްޓްރީގެ ހުރިހާ ބިޑުތަކާއި ހޯމް މިނިސްޓްރީން ކުރި އިއުލާނުތަކާއި ކުރި މަސައްކަތް ހާވާ ބަލައިގެން މި ބޭފުޅުންނަށް ފެނުނީ އެންމެ މައްސަލައެއް.. މި މައްސަލައަކީ އާއްމުކޮށް އިއުލާނުކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށްދީފައި އޮތް މައްސަލައެއް.. ދެން ފެނުނީ އަޅުގަނޑުގެ ރައްޓެސެއް ހިމެނޭ ކުންފުންޏެއްގެ ޝެއާގެ ބައެއް ހޯލްޑު ކުރާ ކުރުން..” އުމަރު

މިނިވަން 50 އަދި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވެސް އެއްވެސް ބައިވެރުވުމެއް ނެތުމާއި އެކު ސަރުކާރުތަކުން ހޯމް މިނިސްޓްރީގައި އޭނާ ކުރި އެކި މަސައްކަތް ހޯދިއިރު، އޭގެ ތެރެއިން ޓެގުގެ މައްސަލަ ފެންމަތިވެގެން އައި ގޮތް އުމަރު ތަފްސީލުކޮށްދެއްވި އެވެ. ކުންފުނީގެ މަދު ޝެއާއެއް އޭނާގެ ރައްޓެއްސެއް ހިއްސާ ކުރާކަން އެނގުނު ހިސާބުން އެ މައްސަލައިގައި ހިފާ ދަމަން ފެށީކަމަށާއި އެއީ ގަނޫނީ ގޮތުން އެއްވެސް މިންވަރަކަށް އޭނާއާއި ގުޅުމެއް އޮތްކަމެއް ނޫންކަމަށް އުމަރު ވިދާޅުވި އެވެ.

“އަޅުގަނޑުގެ ރައްޓެހިން ތިބޭނެ ބައިވަރު… އަޅުގަނޑުގެ ރައްޓެއްސަކަށް ވެސް ބިޑަށް ކުރިމަތި ލެވޭނެ… ހުށަހެޅީ އެންމެ ކުޑަ އަގު ނަމަ އެ ބަޔަކަށް އެ ލިބޭނެ…” އުމަރު

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭސީސީގެ މައްޗަށް ނުފޫޒުތަކެއް ފޯރުވާކަން ފާހަގަކޮށް އުމަރު ވިދާޅުވީ، މެމްބަރުން އޭސީސީއާއި މެދު ހިތްހަމަނުޖެހެނީ އެ ބޭފުޅުން ބޭނުންވާ މައްސަލަތައް ޕީޖީއަށް ނުފޮނުވާތީ ކަމަށެވެ.

އުމަރު ވިދާޅުވީ އޭސީސީން މި މައްސަލަ ޕީޖީއަށް ފޮނުވުމުން އޭނާ ކަންބޮޑު ނުވާކަމަށެވެ. އެއީ ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނެތުމުންކަމަށާއި އޭނާއަކީ ސާފު “ހުދު ވަލެއް” ކަމަށް އުމަރު ވިދާޅުވި އެވެ.

މީގެ އިތުރުން އުމަރު ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އޭނާގެ މައްޗަށް ތަފާތު އެކި ތުހުމަތުކޮށް މައްސަލަތައް ކުރިޔަށް ގެންދަން މަސައްކަތްކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި މިނިވަން 50 އަދި ހަރުގަނޑު މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.

އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 މީހުންނަކީ ވެސް އުމަރުއާ ގާތްގުޅުން އޮންނަ ބައެއްކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ. އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެއީ އޭޏާ ކްލޯޒް އެސޯސިއޭޓުންކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން، ސްޓެލްވާޓަކީ އުމަރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏަކަށްވާއިރު، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަގެ ގޮތުގައި ބައިވެރިވީކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: