ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގަކަށް ބަޔަކާއި ސުވާލުކުރަން މަރު ކޮމިޝަން މެލޭޝިއާއަށް ދަނީ!

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އާއި. ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން. އަދި އަނިޔާވެެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މައްސަލައެއްގެ ތަހުގީގަށް މި ހަފްތާގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި ހަފްތާގައި މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ފުލުހުންގެ ޓީމަކާއި އެކު އެވެ. މިއީ ކޮން މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ދާ ޓީމެއްކަން ސާފެއް ނޫނެވެ. ނަމަވެސް ކޮމިޝަންގެ މެމްބަރަކަށް ގުޅާލުމުން ވިދާޅުވީ، އެކަމަށް ކޮމެންޓެއް ނެތް ކަމަށެވެ. ނަމަވެސް ޓީމު މެލޭޝިއާއަށް ދާކަން “ސަންގު” އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

މަރު ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާއި، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ތަހުގީގު ދަނީ ކުރިޔަށެވެ.

ވީނުވީއެއް ނެނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުން އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ކޮމިޝަނުން ކުރިޔަށް ގެންދާ ގިނަ މައްސަލަތައް މިވަގުތު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާއިރު އެ މައްސަލަތަައް ކުރިޔަށް ގެންދިއުމުގައި ވެސް ތަފާތު އެކި މައްސަލަތައް ވަނީ ދިމާވެފަ އެވެ. އޭގެ ތެރޭގައި ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލީކުވި ހިސާބުން، ކޯޓު މަރުހަލާގައި ހެކި ބަސް ދޭން ތިބި މީހުން އެކަމަށް އިންކާރު ކުރި އެވެ. އެ މީހުންނަށް އެކި ގޮތް ގޮތުން އިންޒާރުތަައް ލިބި، ބަޔަކު ސިއްރު ހެކީންނަށް ފާރަލާން ފެށީ ރިޕޯޓުގައި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ނަން އޮތުމުންނެވެ.

ކޮމިޝަނުން މައްސަލައެއްގެ ތަހުގީގެއް ނިންމައި މިހާތަނަށް އެއްވެސް މައްސަލައެއްގައި ދައުވާކޮށްދޭން އެދި ނުފޮނުވަ އެވެ. މި ކޮމިޝަނަކީ ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަނެކެވެ. އޭގެ ތެރޭގައި މައްސަލަތަކުގައި ސުވާލު ކުރުމަށް މީހުން ކޮމިޝަނަށް ހާޒިރު ކުރުމާއި، ކުރެވޭ ތުހުމަތުތަކަށް ބިނާކޮށް ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ އަމުރަކަށް އެދެވޭނެ އެވެ.

ސަރުކާރަށް ތިން އަހަރުވީއިރު، ވެސް ރިޔާސީ ކޮމިޝަންތަކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ މީޑިއާތަކާއި އަދި ހުދު އެމްޑީޕީގެ މެމްބަރުން ވެސް މަޖިލީހުގެ ތަޅުމުގައި އެންމެ ހޫނުކޮށް ބަހުސް ކުރާ އެއް މައުޟޫއު އެވެ. އެ ބޭފުޅުން މިހާރު ގޮވާލަނީ ދައުލަތުގެ ބަޖެޓުން ކޮމިޝަނަށް ކުރާ ބޮޑެތި ހޭދަތައް ހުއްޓާލައި، ރިޔާސީ ކޮމިޝަންތައް އުވާލުމަށެވެ.

މަރު ކޮމިޝަން އެންމެ ފަހުން އެކްޓިވްވީ މިދިޔަ އޮގަސްޓު މަހު އެވެ. ރިޟްވާންގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ހުރަސްއެޅުއްވިކަމަށް ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުކޮށްފައި އެވެ. އޭގެ ކުރިން ރިޟްވާން ވަގަށްނެގިކަމަށް ބެލެވޭ ގޮތުގެ ކުޅެފައިވާ ވީޑިއޯއެއް މި އަހަރުގެ ޖުލައި މަހު އާއްމުކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: