ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑޭ ސިޓީ ކައުންސިލަށް: ލާމަރުކަޒު ކުރުމަކީ ބަނދަރުތަކާއި ޖެޓީތައް ޑްރަގަށް ހުޅުވާލުމެއް ނޫން!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒު ކުރުމަކީ ބަނދަރުތަކާއި ޖެޓީތައް ޑްރަގަށް ހުޅުވާލުން ނޫންކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލަށް މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ފާޑުވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ޓީޖެޓީ ސަރަހައްދާއި ހަވާލުވުމަށް އެސަރަހައްދަށް ޒިޔާރަތްކޮށްފައެވެ. އެހެންނަމަވެސް ޓީޖެޓީ ބަލަހައްޓަމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެއްވެސް އިސް ބޭފުޅަކާއި ސިޓީ ކައުންސިލަށް ބައްދަލުކުރެވޭ ގޮތް ވެފައި ނުވެއެވެ. އެހެންކަމުން ސިޓީ ކައުންސިލުން މިހާރު ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށައެޅުމަށް ނިންމާފައެވެ.

މިކަމާއި ގުޅޭ ހަބަރުތައް ރީޓުވީޓު ކުރައްވާ ބޮންޑޭ ވިދާޅުވީ ލާމަރުކަޒުކުރުމަކީ ބަނދަރުތަކާއި ޖެޓީތައް ޑްރަގަށް ހުޅުވާލުން ނޫން ކަމަށެވެ. ބޮންޑޭ އިޝާރާތް ކުރައްވާފައިއެވަނީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިންޑިޔާ އައުޓް ހަރަކާތަށެވެ. ބޮންޑޭ ގަބޫލުކުރައްވާ ގޮތުގައި އިންޑިޔާ އައުޓް ކެމްޕެއިން ކުރިއަށް ގެންދަނީ ރާއްޖޭގައި ޑްރަގްގެ ނެޓްވޯކް ފުޅާކުރަން ބޭނުންވާ މީހުންނެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލަށް ޓީޖެޓީ ހަވާލުކުރުމަކީ ޑްރަގްގެ ނެޓްވޯކް ފުޅާކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ބޮންޑޭ ގަބޫލުކުރައްވައެވެ.

ބޮންޑޭ ވިދާޅުވީ މުދާ އަރުވައި ބާލާ ބަނދަރުތަކަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ކަނޑުއޮޅިތަކުން ވައްދާ ޑްރަގް ޝިޕްމަންޓްތަކަށް މާލެ ވިޔަފާރި ބަނދަރުތަކާއި ޖެޓީތަކުން ފުރުސަތުދީ ގައުމުގައި ޑްރަގްގެ ވަބާ ފުޅާކުރުމަށް ފުރުސަތުދީގެން ނުވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އާއި ސަރުކާރަށް ތާއީދުކުރައްވާ އެހެން މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ޑްރަގްގެ ނެޓްވޯކްތަކާއި އިންސާނީ ވަގުފާރި ފަދަ ކްރޮސްބޯޑަރ ކްރައިމްސްތައް ހުއްޓުވުމަށް އިންޑިޔާ އަސްކަރިއްޔާގެ އެހީ ބޭނުންވެއެވެ. ރާއްޖޭގެ ސަލާމަތާއި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިޔާގެ އަސްކަރިއްޔާގެ އެހީތެރިކަން ބޭނުންވާނެކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ގަބޫލުކުރައްވައެވެ. އެހެންކަމުން އިންޑިޔާ އައުޓް ކެމްޕެއިން ކުރިއަށްގެންދަވާ ބޭފުޅުންގެ ކޮންޓްރޯލްގެ ދަށަށް ބަނދަރުތަކާއި ޖެޓީތައް ދިޔުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ގަބޫލުކުރައްވައެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނީ ރާއްޖޭގެ ހުރަހަށާއި ދިގަށް ހިނގާއިރު ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯރކްތަކުން އަބަދާއި އަބަދު ހަރަކާތްތެރިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޓެރަރިޒްމްއާއި އެހެނިހެން ވަގުވިޔަފާރިއާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތަށް މި ކަނޑުގައި ޖާގަ އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ މިފަދަ މީހުން ރުހޭނެ ކަމެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާނެ ވަރުގެ ކަމެއްނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: