މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ ސިޓީ ކައުންސިލާއި ހަވާލުކުރާނެކަމަށް އެމްޕީއެލްއިން ބައްދަލުވުމެއްގައި ބުނެފައިވާކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ މެމްބަރުން މިއަދުގެ މެންދުރުގެ ވަގުތެއްގައި ޓީޖެޓީ ސަރަހައްދަށް އެންމެ ފުރަތަމަ ދިޔައީ ތަނާއި ހަވާލުވާންކަމަށް ބުނެ އެވެ. އެ ސަރަހައްދުގައި ހުންވައި މީޑިއާތަކަށް ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން ޓީޖެޓީއާއި ހަމައަށް އަންނަން ޖެހުނީ، ތަން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުގެ އެއްވެސް ނަތީޖާއެއް ނިކުމެފައި ނުވާތީ ކަމަށެވެ. އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި، ސިޓީ ކައުންސިލާއި އެކު މަޝްވަރާކޮށްފައި ވަނީ ނަރީޝް ވިދާޅުވީ ގޮތުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އާއި ކުންފުނީގެ ބައެއް ސީނިއާ ބޭފުޅުންނެވެ.
”އެބޭފުޅުން ދެންނެވި ތިމަންނަމެން ބޮޑަށް ފޯކަސް ކުރަން ބޭނުން ވަނީ މާލޭގެ މެއިން ހާބަރަށޭ.. ތިމަންނަމެންނަށް ޓިޖެޓީ އާއި ނޯތް ހާބަރަކީ އެހާ މުހިންމު ތަނެއް ނޫނޭ…. ތިބޭފުޅުން އެހެންވީމަ އެތަނާއި ހަވާލުވާށޭ… އަދި ޓްރާންސިޝަން މަރުހަލާ ފެށުމަށް އެބޭފުޅުން ސިޓީ ފޮނުވި“ ނަރީޝް
ނަރީޝް ވިދާޅުވީ ނޯތް ހާބަރު ހަވާލު ކުރަން އެއްބަސްވުމަށް ފަހު ދެވަނަ ބައްދަލުވުމުގައި ކުންފުނީގެ ސިއީއޯ ޝާހިދު އަލީ އާއި ބައްދަލުވެ، ކުންފުނީގެ ބޯޑުން އެކަމުގައި ނިންމީ ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓާއި ވާހަކަ ދައްކައިގެން ކުރިޔަށް ދިއުމަށް ދެންނެވި ކަމަށެވެ. ސިޓީ ކައުންސިލުގެ އަތުގައި ހުރި ލިޔުންތަކާއި އަދި އެ ނޫންވެސް ކަންކަމަށް ރިއާޔަތްކޮށް ސިޓީ ކައުންސިލުން އެ ދެ މިނިސްޓްރީ އާއި މަޝްވަރާތަކެއް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށް ނަރީޝް ވިދާޅުވީ، 2015 ގައި ލާމަރުކަޒީ ގާނޫނާއި އެކު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެމްއޯޔޫއެއްގެ ދަށުން ޓިޖެޓީ ހިންގަން އެމްޕީއެލް އާއި ހަވާލުކޮށް، ނޯތު ހާބަރު ޓްރާންޕޯޓާއި ހަވާލު ކުރި ކަމަށެވެ.
2018 ގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިތުރު އިސްލާހުތަކާއި އެކު ބަންދަރުތަކަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުގައިވާ ތަންތަނުގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި އެ ސިޓީ އާއި ހަވާލާދީ ޕްލޭނިން މިނިސްޓްރީން ވެސް މިއީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވާ ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެމްޕީއެލް ޓީޖެޓީ ހިންގުމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމަށާއި އެހެން ނަމަވެސް މައްސަލައަކީ ލިބެންޖެހޭ ބިމު ކުލި ނުލިބުންކަމަށް ނަރީޝް ވިދާޅުވި އެވެ.
”މާލޭގެ ރައްޔިތުންނަށް ނުލިބޭ ގޮތަށް މާލޭގެ އެއްވެސް ބިމެއް ދޫވެގެން ދާން ޖެހޭނެކަމަށް އަޅުގަނޑުމެންގެ އެއްވެސް މެމްބަރަކު ނުދެތީވެ މިތަނަށް އަންނަން ޖެހުނީ“ ނަރީޝް
ނަރީޝް ވިދާޅުވީ ޓީޖެޓީ އާއި ހަވާލުވާން އެމްޕީއެލްއަށް 90 ދުވަހުގެ ނޯޓިސްއެއް ދީ، އެ މީހުންގެ އެއްވެސް އަމިއްލަ ތަކެއްޗެއް ވާނަމަ ހުސް ކުރަން އެނގި ކަމަށެވެ. މުއްދަތު ހަމަވުމުން އިތުރު ހަތް ދުވަސް ދީ އާއްމު އިއުލާނަކާއި އެކު ތަން ހުސްކުރުމަށް އެންގުމުން ވެސް އެމްޕީއެލްއިން އެ އެންގުމަށް އަމަލުކޮށްފައި ނުވާކަމަށް ނަރީޝް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންގެ ހައްގުގައި، މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ނަރީޝް ވިދާޅުވި އެވެ. އެއަށް ފަހު ކައުންސިލްގެ އިހުތިސާސްގައި ވާ ބިންތައް ހޯދަން ޝަރުއީ މަރުހަލާގެ ތެރެއިން ވިޔަސް ހުރިހާ މަސައްކަތެއް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޓީޖެޓީ ހަވާލުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށްކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ނަރީޝް ވިދާޅުވީ އެކަމުގެ ސިޓީއެއް ނުވަތަ ލިޔުމެއް ދެއްކުމަށް އެދޭ ކަމަށެވެ.
ސިޓީ ކައުންސިލާއި އެމްޕީއެލް ދެމެދު ފަސް ސިޓީއެއް ބަދަލުކޮށް ތިން ބައްދަލުވުމެއް ވެސް ކުރިޔަށް ގެންދެވުނުކަން ނަރީޝް ފާހަގަކުރެއްވި އެވެ. އެހެން ކަމުން ސިޓީ ކައުންސިލުގައި ބައްދައްލުވުންތަކުގެ ހުރިޔާ ޔައުމިއްޔާއާއި ލިޔުންތައް ހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރައީސް އޮފީހުން އައި ސިޓީ އަކީ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ސިޓިއަކަށް ވާތީ އެއީ ބާތިލު ސިޓީއެއްކަމަށް ކައުންސިލުން ކަނޑައަޅާފައިވާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.

