ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލީހަށް އޭސީސީ ހާޒިރުކޮށް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީއެވެ. މި ފުރުސަތު ހުޅުއްވާލައްވާފައިވަނީ، 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 29 އަދި 30 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އޭސީސީގެ މެމްބަރަކަށް ވުމަށް އެދި ހުށައަޅާ ފޯމާއި އިގްރާރާއި ރައީސް އޮފީސް ވެބްސައިޓްއިން ލިބޭނެއެވެ.

އޭސީސީގެ މެމްބަރަކަށް ކުރިމަތިލާ މީހާގެ ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި މުސްލިމެއް ކަމުގައިވުން، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް، ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރުކަން ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށްވެސް ވެގެން ނުވާނެއެވެ.

އޭސީސީގައި މިވަގުތު ތިއްބެވީ ތިން މެމްބަރުންނެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށި ހިސާބުން ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވާފައިވަނީ  އިބްރާހިމް ޝަކީލް އަދި އަލީ އަޝްރަފެވެ. ކޮމިޝަންގައި މިވަގުތު ތިއްބެވީ ރައީސް މަރިޔަމް ޝިއުނާ، ނައިބްރައީސް ފާތިމަތު އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ވަނީ ފަށާފައެވެ. މިވަގުތު އެމެމްބަރުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެއާއެކު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްއިން ވަނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. އަދި ދައުރުން ބޭރުން ޚާއްސަ ޖަލްސާތައް ބާއްވައި މިހާރު އެމައްސަލަ ވަނީ ކުރިއަށްގެންދަން ފަށާފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށައި، މެމްބަރުންގެ ޕާފޮމަންސް އޮޑިޓެއް ވަނީ އެކުލަވާލާފައެވެ. ޕަރފޮމަންސް އޮޑިޓް އެކުލަވާލާފައިވަނީ 1 ޖެނުއަރީ 2015 އިން ފެށިގެން 31 ޖުލައި 2020 އާއި ހަމައަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ. މިމުއްދަތުގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓަރ ކޮށްފައިވަނީ 7113 މައްސަލައެވެ. މީގެ ތެރެއިން ބަލައި ނިންމާފައިވަނީ 5476 މައްސަލައެވެ. އެއީ ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 77 އިންސައްތައެވެ. ބަލައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 61 އިންސައްތަ މައްސަލަ ނިމިފައިވަނީ ކޮރަޕްޝަން ނެތް މައްސަލަތަކުގެ ގޮތުގައެވެ. 10 އިންސައްތަ މައްސަލަ ނުބަލާ ދޫކޮށްލަން ކޮމިޝަނުން ނިންމިއިރު، 5 އިންސައްތަ މައްސަލަ އެހެން އިދާރާއަކަށް ފޮނުވުމަށް ނިންމާފައިވެއެވެ. އަދި ކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންމެ އިންސައްތައެއްގެ މައްސަލަކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: