ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮމިކްރޮން ވޭރިއަންޓާއެކު ތައިލެންޑްގެ ފިޔަވަޅުތަކަށްވެސް ބަދަލުތަކެއް!

އޮމިކްރޮން ވޭރިއަންޓާއެކު ގައުމުތަކުން އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓާއެކު ތައިލަންޑްގައި އަޅާފައިވާ ފިޔަވަޅުތަކަށްވެސް އެގައުމުގެ ސަރުކާރުން ބަދަލުތަކެއް ގެނެސްފިއެވެ.

ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 22 ޑިސެމްބަރު 2021 ވަނަ ދުވަހުން ފެށިގެން ބައެއް ފިޔަވަޅުތައް އެޅުމަށް ތައިލަންޑްގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތައިލަންޑްއަށް ދަތުރުކުރުމަށް ނިންމާފައިވާ ދިވެހިން މިކަންކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ތައިލަންޑްގެ “ޓެސް އެންޑް ގޯ” ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސް QR ކޯޑް ލިބިފައިވާ މީހުންނަށް “ޓެސްޓް އެންޑް ގޯ” ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ. އަދި 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް QR ކޯޑް ލިބުމުން “ޓެސްޓް އެންޑް ގޯ” ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން 22 ޑިސެމްބަރ 2021 އިން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި “ޓެސްޓް އެންޑް ގޯ” ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެފައިވާ ހުރިހާ މީހުންވެސް އޮން އެރައިވަލް ޕީސީއާރު ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެއެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ޚަރަދުގައި ހިލޭ ހަދާދެވޭ ޓެސްޓެކެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރުމަށް މިވަގުތު އައިސްފައިވާ ބަދަލާއި ގުޅިގެން، ތައިލެންޑްގައި ދިރިއުޅޭ އަދި ތައިލެންޑަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އެދިފައެވެ. ހަމައެއާއެކު ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ދާދިފަހުން ސިންގަޕޫރުންވެސް ވަނީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ވަކި މުއްދަތަކަށް ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީޓީއެލް)ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ސިންގަޕޫރުން އަޅާފައިވާ ފިޔަވަޅުތައްވެސް މުރާޖައާކުރަމުން ގެންދާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގަވާފައިވާކަމަށްވެސް މިނިސްޓްރީއިން ފާހަގަކޮށް، ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ދިވެހިންނާއި އެ ގައުމަށް ފުރުމަށް ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އޮމިކްރޯން ވޭރިއަންޓްގެ ޖުމްލަ ފަސް ކޭސްއެއް މިވަގުތު ރާއްޖެއިންވެސް ވަނީ ފެނިފައެވެ. އަދި ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: