ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓު ސަރަހައްދުގައި ރައްޔިތުން އެއްވެސް އަސާސީ ހިދުމަތެއް ނެތި!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓުތައް - ފޮޓޯ/ މިހާެރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނެސްދިން އެއް ހައްލެވެ. ވަށައިގެން ބަލާލުމުން ފެންނަނީ މަރާމާތު ކުރަމުންދާ ކޮންކްރީޓު ސަރަހެއްދެކެވެ. ބިމުން ފެށިގެން 24 ފްލޯރ ހިމެނޭހެން ނަގާފައިވާ އުސް އިމާރާތްތަކުން މުޅި ތަން ފުރިފައިވާ ފަދައެވެ. ބޯހިޔާވަހިކަމަށް ހޯދައދިން ހައްލު ކަމުގައިވާ މި ހިޔާ ފްލެޓުތަކަކީ އެތަނާއި މެދު ރައްޔިތުންގެ މެދުގައި އަދި ސަރުކާރުގެ ތެރޭގައިވެސް ގިނަ ކޯޅުންތަކެއް އުފެދި އެނބުރެމުން ދާ ތަނެކެވެ.

އެންމެ ފުރަތަމަ މީޑިއާގެ ތެރޭގައި ފެންމަތިވެގެން ދިޔައީ ހިޔާ ސަރަހައްދު ކުނި ގޮނޑަކަށް ބަދަލުވާން ފެށުމުން އެތަނަށް ދިރިއުޅުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދިޔަ އާއްމުންގެ ޝަކުވާތަކެވެ. މި މައްސަލަ އުފެދެން މެދުވެރިވި ސަބަބަކީ ފްލެޓު ލިބުނު މީހުންނާއި ފްލެޓު ހަވާލުކުރި އިރު ތަނުގައި ކުނި މެނޭޖްކޮށް، ކުނި އުކާނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިންގ ޑެވެޕްލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ތަނުގައި ރަސްމީކޮށް ކުނި އެކުމުގެ އިންތިޒާމެއް ހަމަޖެހެނދެން 6 ތަފާތު ސަރަހައްދެއްގައި 6 ޑަސްޓްބިން ގާއިމުކޮށްފައެވެ.

ދެން އާއްމުންގެ ސަމާލުކަން ހޯދީ، ސްކޫލް ދަރިވަރަކު ކޮނޑަށް ލައިގެން މަންމަ އަކު ހުޅުމާލެ ފޭސް 1 އަކުން ފޭސް 2 ކަށް ހިންގާފައި ދިޔަ މަންޒަރެވެ. އަލަށް އާބާދުވަމުންދާ މި ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައިނެތެވެ. މީސް މީޑިއާގައި ދެކުވުނު ވާހަކަތަކުގެ ސަބަބުން މިހާރު އެތަނުގައި ވަނީ ބަހުގެ ހިދުމަތް ދިނުން ފަށާފައެވެ.

އެކަހެރިގޮތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހި ހަދާފައިވާއިރު، ތަނުގައި މިހާރު މިވަނީ 30.000 މީހުންގެ ދިރިއުޅުން ބަދަލުކުރުމަށް ފްލެޓުތަކެއް ހަދާފަ އެވެ. ގިނަ ބަޔަކު ދިރިއުޅުން ހިޔާއަށް ބަދަލު ކުރިނަމަވެސް މިއަދު ވިސްނާލަން ޖެހެނީ ދެވަނަ ފިޔަވަހީގައި ގާއިމުކުރެވިފައިވަނީ ކޮން އަސާސީ ހިދުމަތެއް ކަމާއި މެދު އެވެ.

މީހުން އާބަދުވަމުންދާ މި ސަރަހައްދުގައި ސްކޫލެއް ނެތެވެ، ސިއްހީ ފަރުވާއެއް ހޯދޭނެ، ސިއްހީ މަރުކަޒެއްގެ މިންވަރުވެސް ނެތެވެ. ގާއިމުކުރެވިފައި ވަނީ އަމިއްލަ ފަރާތެއްގެ ހެޔޮ އެދުމާއި އެކު މަރާމާތު ކުރެވިފައިވާ މިސްކިތެކެވެ. މީހުން އާބާދުވާން ފެށިއިރު މުއާސަލާތީ ހިދުމަތްތަތައް ލިބުމުގައި ހުރި ދަތިތައް އިންތިހާއެވެ.

މުޅި ދެވަނަ ފިޔަވަހީގައި ހުރީ ހަމަ އެންމެ ފިހާރައެކެވެ. ގިނަ ފަހަރު ތަނުގައި ކިއު ހެދިފައިވާއިރު، 30،000 އާއި 50،000 އާއި ދެމެދު ގެ އަދަދެއްގެ ބަޔަކު އާބާދުވަމުންދާ މި ތަނުގައި 1 ފިހާރައަށް ހުރުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިތްފަސޭހަ ބޯހިޔާވަހިކަން ދެވުނީތޯއެވެ. ދެ ފްލެޓު ދޭތެރޭ ސައި ބޯން ހެދިކާ ވިއްކި ނަމަވެސް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއްމުންނަށް 1 ފިހާރައެއް ހުރެގެންވާ ފަސޭހައެއް ނެތެވެ.

ހިޔާ ފްލެޓު ގާއިމުކުރެވުނީ ރައްޔިތުންނަށް ދެވޭ ފަސޭހައެއްގެ ގޮތުގައެވެ. ހަމައެކަނި 4 ފާރުގަނޑެއް ހުރި ފްލެޓުތަކެއް ރައްޔިތުންނާއި ހަވާލުކުރެވުނު އިރު، ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފިނިޝިންގ ގެ މަސައްކަތް ނިންމުމަށް 3 މަސް ދުވަސް ސަރުކާރުން ދިނެވެ. 3 މަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް އަވަސް ވެގަތް ރައްޔިތުން ވަނީ 200،000 ރުފިޔާގެ ލޯންތަކާއި އެކި ދަރަނިތަކެއް މިއަދު ބޮލުގައި އަޅުވާފައެވެ. ގްރޭސް ޕީރިއަޑް މި މަހުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް މިހާރު މިވަނީ އިތުރު 3 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ދެން އުފެދޭ ސުވާލަކީ ހިޔާ އިން ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއްތޯ އެވެ. ދަރަނިވެރި ވެގެން އެތައް ހަރަދެއް ކޮށްފައިވާ މި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ފްލެޓުތަކުގެ ކުލި ބޮޑުކަމެވެ. ފުދުންތެރިކަން ހުރި ގިނަ ބަޔަކު، ބަލްކު ގޮތެއްގައި ކާބޯތަކެތި ވައްދައި، ހިތްފަސޭހަ ގޮތަކަށް މަރާމާތު ކުރެވުނު ނަމަވެސް މި މީހުންވެސް މިދަނީ ކުލި ކުޑަ ކުރުމަށް ގޮވާލަމުންނެވެ. ދެން ފުދުންތެރިކަން ނެތް އާއިލާތަކުގެ ހާލަކީ ކޮބައިތޮއެވެ.

މިއަދު ސަރުކާރުން އެކި މަސައްކަތްތައް ކުރަމުންދާ އިރު ހިޔާ ފްލެޓަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތުގެ ސްޕީޑް އަވަސްވުން މުހިންމެވެ. ރައްޔިތުން ބޭނުންވަނީ 24 ވަނަ ފްލޯރ އިން ފެންނަ ހިތްގައިމު މަންޒަރު ބަލަން، ހިތްފަސޭހަ އަރާމު ގޮތުގައި ދިރިއުޅޭށެވެ. ކަން މިހެން ކުރެވޭނީ ތަނުގައި ހުންނަން ޖެހޭ އަސާސީ ހިދުމަތްތައް ގާއިމުކުރެވިގެންނެވެ.

މިއަދު ހިޔާ ގައި ދިރިއުޅެމުން އަންނަ ރައްޔިތުން ދަނީ އެއް އަޑަކުން އިންސާފަށާއި ހައްލަކަށް އެދި ގޮވާލަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: