ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއުނާގެ ބަސް: އޭސީސީގެ ތަހުގީގުތަކަށް ޕީޖީ ގާނޫނާއި ހިލާފު ނިންމުންތައް ނިންމާ!

އޭސީސީގެ ރައީސްއަށް ހުންނެވި ޝިއުނާ އާއި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއްގެ ތަހުގީގެއް ފަށައި، އެ މައްސަލެއްގައި ދައުވާކޮށްދޭން އެދި ނުފޮނުވަނީސް އެއީ ދައުވާ ކުރެވެނޭ މައްސަލައެއް ނޫންކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަންގާކަމަށް ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ފާސްކޮށް ތަޅުމަށް ފޮނުވަށް ތައްޔާރުވެފައި ވަނިކޮށް ހުރިހާ މެމްބަރުން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ފަސް އަހަރު ދުވަހުގެ ޕާފޯމަންސް އޮޑިޓަކަށް ރިއާޔަތްކޮށް މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމިއިރު، އޭގައި ހިމެނެނީ އިސްތިއުފާ ދެއްވި މެމްބަރުންގެ އެންމެ 10 މަހުގެ މަސައްކަތެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ބަހުސްތައް ކުރިއިރު، މަޖިލީހުގެ މެމްބަރުން ވަނީ ސަރުކާރުން ބޭނުންވާ ސްޕީޑެއްގައި ކޮރަޕްޝަނުގެ މައްސަލަތައް ނުބެލޭކަމަށް ބުނެފަ އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ވެސް ބައެއް މެމްބަރުން ފާހަގަ ކުރި އެއް ނުކުތާއަކީ މަޖިލީހަށް މިނިވަން މުވައްސަސާއަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމެވެ. އަދި ވަކި މައްސަލައެއް އެއީ އުސޫލާއި ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި އަންގައި، ވަޒީރުން ކޮމިޝަނަށް ހާޒިރު ނުކުރުމަށް ނޭންގޭނެކަން ފާހަގަ ކުރި އެވެ. އެއީ ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގައި ވަޒީރުންތަކެއް ހާޒިރު ކުރާކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އެކަން ހުއްޓަން އަންގައި ސިޓީ ފޮނުވަން ކޮމިޓީއަށް ހުށަހެޅުމުންނެވެ.

މަގާމުން އިސްތިއުފާ ދެއްވައި ނައިބު ރައީސް އަނޫލާ ފޮނުވި ސިޓީގައި ވެސް ވަނީ މިއީ ނުފޫޒު ނުފޯރުވުނު ހަމައެކަނި ދައުރުކަން ފާހަގަ ކުރައްވާފަ އެވެ.

ޕީޖީއާއި އޭސީސީއާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ނޫންކަން ބައެއް ނޫސްވެރިންނަށް ވެސް ވަނީ ފާހަގަ ކުރެއްވި ފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުވި 22 ސޮފުހާގެ ސިޓީގައި ޝިއުނާ ވަނީ އޭސީސީގެ މަސައްކަތްތަކާއި، ގުޅޭގޮތުން ގިނަ ކަންތަކެއް ހިމަނުއްވާފަ އެވެ. އެ ސިޓީގައި ވަނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަކީ ވެސް މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު މަސައްކަތް ކުރަންޖެހޭނެކަމަށް ގާނޫނުން ކަނޑައަޅާފައިވާ މުވައްސަސާއަކަށްވާއިރު، އެ އޮފީހުގެ އެއް މަސްއޫލިއްޔަތަކީ ޖިނާއީ ތަހުގީގުތަކަށް ފަހު ދައުވާކޮށްދިނުމަށް އެދި އެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކޮށް ދައުވާއެއް ކުރެވިދާނެތޯ ނޫންތޯ ނިންމުން ކަމަށެވެ. އަދި އޭގެ ބޭނުމަކީ ޕީޖީގެ މަސްއޫލިއްޔަތާއި ތަހުގީގު ކުރާ ފަރާތުގެ މަސްއޫލިއްޔަތު ވަކިކޮށްފައި ބޭއްވުމާއި އެ ދެ މަރުޙަލާގެ މިނިވަންކަން ކަށަވަރު ކުރުންކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ.

ޝިއުނާ ވިދާޅުވީ ގޮތުގައި ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލައެއް ފޮނުވުމުން، އޭގައި ސާފު ކުރަން ބޭނުންވާ ކަމެއް އޮތަސް އެ އިދާރާއިން މައްސަލަ އަނބުރާ ފޮނުވާލަ އެވެ. އަދި މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފުރިހަމަކުރުމަށް ފަހު ނޫން ގޮތަކަށް އެ އޮފީހަށް މައްސަލަ އަނބުރާ ނުފޮނުވަން އިރުޝާދު ދޭ ކަމަށެވެ.

“ޑިއުޓީ ޕްރޮސިކިއުޝަންއަކީ ގާނޫނަކުން ލާޒިމްކުރާ ކަމެއް ނޫނެވެ. އެއީ މައްސަލަތައް އެ އޮފީހުން ބަލައިގަތުމުގެ ކުރިން މައްސަލަ ދިރާސާކޮށް ކުރަންޖެހޭ ކަންކަން ކުރުމަށް އެ އޮފީހުން އިންތިޒާމް ކޮށްފައިވާ ގޮތެކެވެ. ވީމާ ކޮމިޝަނުން ގާނޫނީ ޒިންމާގެ ތެރެއިން މައްސަލަ ކޮންކްލޫޑްކޮށްފައި ފޮނުވި ނަމަވެސް، އެ މައްސަލައެއްގައި އެ އޮފީހުގެ ނިޒާމުގެ ތެރޭގައި ދެން ކުރަން ހުރި ކަންކަން ނުކުރެވޭނެކަމަކަށް ނުފެނެއެވެ. މިއީ މި ކަމުގައި ދެ މުއައްސަސާގެ މެދުގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ” ޝިއުނާ

ޝިއުނާ ވިދާޅުވީ ތަހުގީގުތައް ނިންމައި އެ މައްސަލައެއް ޝަރީއަތަށް ހުށަހަޅައިގެން ސާބިތު ކުރެވޭ ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭނަމަ އެ މައްސަލައެއް ޕީޖީއަށް ފޮނުވަންޖެހޭ ގޮތަށް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގު ނިމުމުގެ ކުރިން ޕީޖީ އޮފީހާއެކު ކުރިއަށްގެންދެވޭ މަޝްވަރާތަކުގައި އެ މައްސަލާގައި
ކުރެވޭނެކަމަށް ނިންމައި މައްސަލަ ޑިކްލައިންކުރުމަށް ނިންމާ ކަމަށެވެ.

މައްސަލައެއްގެ ތަހުގީގެއް ނުނިންމެނީސް އަދި، އެ މައްސަލައެއްގައި ދައުވާކޮށްދޭން އެދި ނުފޮނުވަނީސް އެއީ ދައުވާ ކުރެވޭނެ މައްސަލައެއް ނޫންކަމަށް ޕީޖީ އޮފީހުން އަންގާތީ އެކަމާއި މެދު ޝިއުނާ ކަންބޮޑުވުންފާޅު ކުރި އެވެ. އަދި އެއީ ގާނޫނީ ގޮތުން އެ އޮފީހަށް ކުރެވޭނެކަމެއް ނޫންކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ.

ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ޝިއުނާ ފޮނުވި ސިޓީގެ ބައެއް

“ޑިއުޓީއަށް ފޮނުވާ މައްސަލަތަކުގައި ޑިއުޓީ ފެށުމާއި ޑިއުޓީގައި ދޭންޖެހޭ ލަފާދިނުމުގެ ގިނަ ދުވަސްތަކެއް ހޭދަވާއިރު، ޕްރޮސިކިއުޓަރ ޖެނަރަލްއަށް ފޮނުވާ ބައެއް މައްސަލަތަކުގެ ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާގައި 1 އަހަރު ދުވަސް ހޭދަވެއެވެ.” ޝިއުނާ

ކޮރަޕްޝަނުގެ ގިނަ މައްސަލަތަކަކީ ވަރަށް ބޮޑަށް ޑޮކިއުމެންޓް ބޭސްޑް މައްސަލަތަކަކަށްވާއިރު، މައްސަލަތަކާއި މައްސަލަތަކުގައި ހޯދާފައިވާ ހެކިތައް ޕީޖީ އޮފީހުން ރަނގަޅަށް ދިރާސާކޮށްފައި ނުހުންނަކަމަށް ޝިއުނާގެ ސިޓީގައި ވެއެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކޮވިޑް- 19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމައި އެންމެ ފުރަތަމަ މައްސަލަ އަނބުރާ ފޮނުވާލުމެވެ. އެއީ އެކަށީގެންވާ ދިރާސާ ކުރުމެއް ނެތި ޕީޖީ އޮފީހުން ނިންމި ނިންމުމެއްކަމަށް ޝިއުނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިއުނާ ވިދާޅުވީ ދައުވާކޮށްދޭން އެދި ފޮނުވާ މައްސަލަތަކުގައި ޕީޖީ އޮފީހުން ނަގާ ސްޓޭންޑުތައް ތަފާތުވާ ފަހަރުތައް ދިމާވާ ކަމަށެވެ. އަދި ވިދާޅުވީ މާލީ ދާއިރާއާ ގުޅުންހުރި މައްސަލަތަކުގައި ނުވަތަ ކޮރަޕްޝަނުގެ ކުށްތަކާ ގުޅޭ މައުލޫމާތަށް އެކަށީގެންވާ މިންވަރަށް ޕްރޮސިކިއުޓަރުން އަހުލުވެރިފައި ނުވާކަމަށެވެ.

“ދައުވާ ކުރުމަށް ބޭނުންވާ މިންވަރަށްވުރެއް އިތުރަށް، މައްސަލަތަކުގެ ތަހުގީގު ފުޅާކުރުމަށް އިރުޝާދު ދެއްވާތީ، އަދި އެކަމުގެ ސަބަބުން މައްސަލައިގެ ނަތީޖާއަށް ވާސިލުވުމަށް އެކަށީގެންވާ މުއްދަތު ނަގާކަން ފާހަގަކުރެވެއެވެ.” ޝިއުނާ

ކޮމިޝަނުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމާއި އަދި އިސްކަން ދޭނެ މައްސަލަތައް ކަނޑައަޅައި ޓައިމްލައިނެއް އެކުލަވާލަނީ ކޮމިޝަނުގައި އިންޓާނަލް މައްސަލަތައް ތަރުތީބުވެ އަދި މަސައްކަތްތައް
ރޭވިފައިވާ ގޮތަށް ތަހުގީގާއި ގުޅުންހުރި އިޖުރާއަތުތަކާއި އެއްގޮތަށްކަމަށް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ނިންމުންތަކަށް ވާސިލުވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދޭ ލަފައާއި އިރުޝާދުތަކަށް ނުވަތަ އެހެންވެސް ފަރާތަކުންވެސް ދޭ ލަފަޔާއި އިރުޝާދަށް ރިއާޔަތްކުރަން ޖެހޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތްކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: