ދިވެހިރާއްޖޭގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާއި އެކު، ތަރައްގީ ވެފައިވާ ގައުމަކަށް ވުމަށްޓަކައި ދަތުރުކުރަމުންދާ ރާސްތާގެ ބޮޑުބައި ކަޑައްތު ކުރެވިއްޖެކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
23 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ މިހާތަނަށް ގައުމަށް ތަރައްގީ ގެނައުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ބެލުން މުހިންމު ކަމަށެވެ. ތަރައްގީ ގެނައުމަށް ދިގު ރާސްތާއެއް ކަޑައްތު ކުރެވުނު ނަމަވެސް އަދި ލަނޑުދަނޑި އާއި ހަމައަށް ވަސިލުވުމަށް ގާތްވެސް ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލު ވި އިރު ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގެ މަސައްކަތްތަކަށް 1 އަހަރު ދުވަހުގެ ލަސްކަމެއް އައި ކަމަށާއި މިކަމަށް އެއްވެސް ބަހަނާއެއް ދައްކަން ނެތް ކަމަށ ްއަސްލަމް ފާހަގަކުރެއްވިއެވެ. ދައުރު ނިމުމަށް ބާކީ 2 އަހަރު އޮތް އިރު މި މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭ ހުރިހާ މަޝްރޫއުތަކެއް ނިންމޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ އެންމެ ބޮޑު އެދުމަކީ ސަރުކާރުން ކުރެވޭ ހުރިހާ މަސައްކަތެއް ކުރުމުގައި، އެކުގައި މަސައްކަތް ކުރާ ހުރިހާ ފަރާތަކުންވެސް، ވައުދު ފުއްދުމުގައި އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރުމުގައި ދެމި ތިބުމަށެވެ.
“ ގައުމަށް ދެވުނު ހިސާބު ބަލައި، ފަހުރުވެރިކަމާއި އެކު ކުރިއަށް ދިއުން މުހިންމު. އަބަދު ޝަކުވާ ކުރުން އެއީ އެންމެ ރަނގަޅު ގޮތެއްނޫން “ އަސްލަމް
މީގެ އިތުރުން މިފަދަ މަޝްރޫއުއެއް ހިންގުމަށް އެއްބަސް ވުމެއްގައި ސޮއި ކުރުމަކީ ދިގު ޕްރޮސެސް އަކަށް ވެފައި، ބަލަން ޖެހޭ ބައިވަރު ގާނޫނީ ކަންތައް ހުންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު މަދު ކަމަށާއި ލިބޭ މުސާރަ ކުޑަ ނަމަވެސް ރެއާއި ދުވާލު ކުރާ މަސައްކަތަށް މިނިސްޓަރ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރާއްޖެ ފިޔަވައި ފަތިހު ހާ ގޮވާ އަޑަށް ތެދުވެ އަތިރިއަށް ދާ ރައްޔިތުން އުޅޭ ބަޔަކު ނޫޅޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އިސްކުރެއް ނެތި ވަޅުން ފެން ނަގާ، ކަރަންޓްު ނެތުމުގެ ސަބަބުން ކަރާސީނު ބޭނުންކޮށްގެން ފުޅިބައްތި ދިއްލަމުން އައިސް މިއަދު ފެންނާން މިއޮތީ ތަފާތު މަންޒަރެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ގައުމަށް ތަރައްގީ ގެނައުމުގައި ދާން ވާ ހިސާބަށް އަދި ނުދެވެއެވެ. އަދި އައި ބަދަލާއި އެކު ދިރިއުޅުމުގެ ވައްޓަފާޅިވެސް ތަފާތު ވެއްޖެއެވެ. މިއަދު ދުނިޔޭގެ ތިމާވެއްޓަށް ހުރި ގޮންޖެހުންތަކާއި އެކުވެސް ގައުމަށް އައިސްފަ އޮތް ކުރިއެރުމާއި ގޮންޖެހުންތައް ބަލަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ސަރުކާރުން މި ކުރާ މަސައްކަތަކީ ގައުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ތަރައްގީގެ މަސައްކަތް ނިމެން އަދި ގާތް ވެސް ނުވެއެވެ. މި ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމެއްކަމަށާއި މިހިސާބަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރި އެންމެންނަނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކޮށްފައެވެ.

