ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ކާޓެލްތަކުގައި ގެންގުޅެނީ 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިން: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޑްރަގް ކާޓެލްތަކުގައި މިހާރު ގެންގުޅެނީ 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މީޑިޔަތަކަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ހަމީދު ވަނީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މިންވަރު ފުޅާވެފައިވާ މިންވަރާއި މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޑްރަގް ކާޓެލްތައް ހަދައިގެން މަސައްކަތްކުރަމުންދާއިރު މިކާޓެލްތަކުގައި ރެކްރޫޓްކުރަމުންދަނީ 15 އަހަރުން ދަށުގެ ކުދިންކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންކަމަށް ވިދާޅުވިއެވެ. އެއީ 15 އަހަރު ފުރުމާއެކު ކުރާ ކުށްތަކަށް އަމިއްލަ ޒިންމާ ނަަގަންޖެހޭތީކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކުޑަކުދިން މިކަމުގެ ތެރެއަށް ވައްދަނީ އެކުދިންނަށް އަރާމު ދިރިއުޅުމެއް ހޯދައިދޭނެކަމަށް ބުނެ ކަމަށެވެ. އެގޮތުން ފޯނު ފަދަ ތަކެތި ގަނެދިނުމާއި، ބޮޑެތި އެޕާޓްމަންޓްތައް ކުއްޔަށް ހިފާފައި ބެހެއްޓުން ފަދަ ކަންކަން ކުޑަކުދިންނަށް ކޮށްދޭކަމަށް ސީޕީ ވިދާޅުވިއެވެ.

މާލޭގައި ދޭތެރެދޭތެރެއިން ހިނގާ މާރާމާރީތަކަކީ މިފަދަ ކާޓެލްތައް މެދުގައި ހިނގާ މާރާމާރީތައް ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން، މިފަދަ މާރާމާރީތައް ހިނގުމަށް ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ އެއް ކާޓެލްއެއް ހިންގާ ހިސާބަކަށް އެހެން ކާޓެލްއެއްގެ ބަޔަކު އައިސް އެހިސާބުގައި އޮންނަ މާކެޓަށް މަސްތުވާތަކެތީގެ ބާވަތްތައް ވިއްކުން މަސައްކަތްކުރުންކަމަށް ސީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާއި މިކުށް ހުއްޓުވުމަށް މިވަގުތުވެސް ޓާސްކްފޯސްއެއް އެކުލަވާލާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގައި ގޭންގްތައް އިތުރުވަމުންދިޔުމާއި، ގޭންގްތަކުގެ ވިޔަފާރިތައް ފުޅާވަމުން ދާތީ އެކަން ޚާއްސަ ގޮތެއްގައި ބެލުމަށްވެސް ޓާސްކްފޯސްއެއް އެކުލަވާލާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން މަގުމަތީގައި އުޅޭއިރު އެހެން އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތްތަކަށް އަމަލުތައް ބަހައްޓައި، އެންޓި ސޯޝަލް އަމަލުތައް ހިންގާ މީހުންނާއި ގްރޫޕްތަކުގެ މައްސަލަތައް މިޓާސްކްފޯސްއިން ބަލަމުންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނެއްވެސް 2010 ވަނަ އަހަރު އެކުލަވާލާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެކި ސަބަބުތަކާއި ހުރެ އެގާނޫނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފިފައި ނުވާކަން ފާހަގަކުރެއްވިއެވެ. މިއީ ދުވަސްވީ މައްސަލައެއް ކަމަށާއި އެހެންކަމުން މިކަން ހައްލުކުރުމަށް އިތުރު، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން މާލެ ތެރޭގައާއި އަތޮޅުތަކުގެ ތެރެއިން ޚާއްސަކޮށް ދެކުނުގެ ރަށްތަކުގައި މިފަދަ ކުށްތައް ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިހާރު ގާނޫނުތައް އެކުލަވާލެވިފައިވާ ގޮތުން ބައެއް ކަންކަމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން، ގާނޫނަށް އިސްލާހުތަކެއް ގެނެސްގެންވިޔަސް މިކަންކަމަށް ހައްލުތަކެއް ގެނެވޭތޯ މަސައްކަތް ކުރާނެކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަދަ ގޭންގްތަކުގެ ސަބަބުން އާންމުންގެ މެދުގފައި ފެތުރިފައިވާ ބިރުވެރިކަން  ނައްތާލުމަށް އިތުރު ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް ސީޕީ ވިދާޅުވިއެވެ. މިފަދަ ގޭންގްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ވަރަށް ބޮޑު ގުޅުމެއް އެބައޮތްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: