ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީ- ވޯޓިންއަށް ދެކޮޅު ހަދަނީ އަބަދުވެސް އޭރު އޮންނަ އޮޕޮޒިޝަންއަކުން: ފުއާދު

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދު ކުޑަކުރުމަށް އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީވޯޓިން ނިޒާމެއް ތައާރަފު ކުރުން  މުހިންމު ނަމަވެސް އެ ނިޒާމާއި މެދު އަބަދުވެސް އޭރެއްގެ އޮޕޮޒިޝަންއަކުން ދެކޮޅު ހަދާކަން ފާހަގަ ކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ކޮންމެ އިންތިހާބަކަށް ފަހު، އެންމެ ބޮޑަށް ކުރެވޭ ބަހުސްއަކީ ވޯޓުގެ ސައްހަކަމާއި މެދު އެވެ. ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ކޮންމެ އިންތިހާބެއްގައި ވެސް ވާހަކަތައް ދެކެވޭއިރު ރާއްޖެއަށް އީވޯޓިން ނިޒާމެއް ގެނައުމުގެ ވާހަކަތައް ދެކެވެން ފެށީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހު އެވެ. ކުރަންޖެހޭ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން 2018 ގެ ރިޔާސީ އިންތިހާބު އަންނަންވާއިރަށް އީވޯޓިން ތައާރަފު ކުރުމަށް އޭރުގެ އީސީގެ މެމްބަރުން މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު އެ ނިޒާމު ބައެއް ޕާޓީތަކުން ގަބޫލެއް ނުކުރެ އެވެ.

2018 ގެ އިންތިހާބު ބާއްވާނީ އީވޯޓިން ނިޒާމެއްގެ ގޮތުގައިކަމަށް މަޝްވަރާ ކުރުމުން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން އެކަމަށް ދެކޮޅު ހެދި އެވެ. އަދި އެއީ ވޯޓު އޮޅުވާލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަ ކުރި އެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު ރާއްޖޭގައި މަސައްކަތްކޮށްފާނެކަމަށް ފުއާދު ގަބޫލެއް ނުކުރައްވަ އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ފުއާދު ވިދާޅުވީ ރާއްޖެއަށް އީވޯޓިން ނިޒާމެއް ގެނައުމުގައި ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މިވަގުތު އީވޯޓިން ނިޒާމެއް ތައާރަފު ކުރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް ފުއާދު ވިދާޅުވި އެވެ.

2008 ގެ ރިޔާސީ އިންތިހާބާއި އޭގެ ޖެހިގެން އައި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އީވޯޓިންގެ ނިޒާމެއްގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިގެން ދިޔަކަން ފާހަގަކޮށް ފުއާދު ވިދާޅުވީ އޭގެ އެންމެ ބޮޑު ސަބަބަކީ އިންތިހާބަކަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑެތި ހަރަދުތަކުގެ ސަބަބުން ކަމަށެވެ.

ވޯޓު ކަރުދާސް ޗާޕު ކުރުވުމާއި، އަދި އެ ކަރުދާހުގައި ހުންނަން ޖެހޭ ސެކިއުރިޓީ ފީޗާސްތައް ހިމަނައި އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރިޔަށް ގެންދިއުން އެއީ ވަރަށް އަގުބޮޑު ކަމެއްގެ ގޮތުގައި ފުއާދު ވިދާޅުވި އެވެ.

ކޮންމެ ވޯޓު ކަރުދާސްކޮޅަކަށް 39 ރުފިޔާ ހަރަދުވާއިރު، އެންމެ ރަށަކަށް ވެސް ލައްކައެއް ހަރަދުވާކަމަށް ފުއާދު ވިދާޅުވި އެވެ. އެހެންކަމުން އީވޯޓިން އެއީ ކުރެވިދާނެ ކަމެއްތޯ ބެލުމުގެ ގޮތުން ކަމުގެ ތަޖުރިބާ ހޯދުމުގެ ގޮތުން މިދިޔަ ތިން ކޮމިޝަނުން ވެސް ބޭރުގެ އެކި ގައުމުތަކަށް ދަތުރުކޮށް މައުލޫމާތުތައް ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ފުއާދު ވިދާޅުވި އެވެ.

“މިއީ އެންމެ ރަނގަޅަށް ވޯކް ކުރާނެ ސިސްޓަމެއްކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ… އެކަމަކު މީގެ އެންމެ މުހިންމު ކަމަކީ ވޯޓުލާ މީހުންގެ ޔަގީންކަން ނުލިބުން.. ރައްޔިތުން މިކަން ގަބޫލެއް ނުކުރޭ” ފުއާދު

އީވޯޓިން އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރަމުންދާ ނިޒާމެއް ނަމަވެސް، ރާއްޖޭގައި ގިނަ ރައްޔިތުން މި ނިޒާމަށް އެއްވެސް އިތުބާރެއް ނުކުރާކަމަށް ފުއާދު ވިދާޅުވި އެވެ. އެހެން ކަމުން ރައްޔިތުންގެ ވިސްނުމާއި މެދު ޔަގީންކަމެއް ނެތި، އިލެކްޓްރޯނިކް ވޯޓިން ގެނައުން ފަސޭހައެއް ނުވާނެކަން ފުއާދު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފުއާދު ވިދާޅުވީ، އަބަދުވެސް އޭރަކު އޮންނަ އޮޕޮޒިޝަންއަކުން އީވޯޓިން ނިޒާމަކަށް ދެކޮޅު ހެދުމެވެ.

“ރައްޔިތުން މީތި ގަބޫލެއް ނުކުރޭ… އަދި ހާއްސަކޮށް އޮޕޮޒިޝަންގައި ތިބޭ މީހުން.. ކުރީގެ އެމްޑީޕީ ސަރުކާރު އޮތްއިރު، އެއީ 2008 އިން ފެށިގެން އެމްޑީޕީ ސަރުކާރު އޮތްއިރު އެބޭފުޅުންގެ ނެތް މައްސަލައެއް، އިލެކްޓްރޯނިކް ވޯޓިން ގެންނާކަށް. އެކަމަކު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ބޭނުމެއް ނުވޭ އީވޯޓިންއެއް ގެންނާކަށް. ދެން މިސާލަކަށް 2013 އިން ފެށިގެން ޕީޕީއެމް ސަރުކާރު އައުމަށް ފަހު އޭރު އެމްޑީޕީއަށް ގަބޫލެއް ނުކުރެވޭ އިލެކްޓްރޯނިކް ވޯޓު ގެނެސްގެން ވާނެކަމަކަށް… ނަމަވެސް އޭރު ޕީޕީއެމްގެ ސަޕޯޓަރުންނާއި އެ ޕާޓީގެ އިސްބޭފުޅުން ތަރުހީބު ދެއްވާކަމަކަށް ވޭ.. އެހެންވީމަ އަޅުގަނޑަށް ފެނުނު ތަނަކީ އަބަދުވެސް އޮޕޮޒިޝަން ތިއްބަވާ ބޭފުޅުން އެއީ އެމްޑީޕީއަސް، ޕީޕީއެމް އަސް، އެ ބޭފުޅުން ބޭނުމެއް ނުވޭ އީވޯޓިން އެއް” ފުއާދު

މީގެ ސަބަބުން ކިތަންމެ ހަރަދު ބޮޑަސް، ކަރުދާސް ސިސްޓަމާއި އެކު ކުރިޔަށް ދިއުން ނޫން ގޮތެއް ނެތްކަން ފުއާދު ފާހަގަ ކުރެއްވި އެވެ. އަދި ރައްޔިތުން އީވޯޓިން ނިޒާމެއް ގަބޫލު ކުރަންދެން، ކުރިޔަށް ގެންދަން ވިސްނަނީ ކަރުދާހުގައި ޕްރިންޓުކޮށް ވޯޓު ލުންކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އާއްމުކޮށް ބައި އިލެކްޝަންތަކަށް ނުވަތަ އެ ނޫން ވެސް ގޮތް ގޮތުން އީސީން ކުރިޔަށް ގެންދާ ތަފާތު ޕްރޮގްރާމުތަކުގައި އީވޯޓިން އާއި ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތުތައް ފޯރުކޮށްދޭ ކަމަށެވެ. އަދި އެފަދަ ސެޝަންތައް އަބަދުވެސް ކުރިޔަށް ގެންދާކަން ފާހަގަ ކުރެއްވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބަށް އީވޯޓިން ތައާރަފު ކުރަން އުޅޭކަމަށް ރިޕޯޓު ކުރުމުން އިދިކޮޅުގައި އޮތް އެމްޑީޕީން ވަނީ އެފަދަ ވޯޓެއްގައި ބައިވެރި ނުވުމަށް ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: