ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ޕާޓީއަކުން ވެސް ވަގު ފޯމު ހުށަހަޅާ، ފޯމުތައް ބެލޭނެ ވަކި ހާއްސަ އުސޫލެއް ނެތް: ފުއާދު

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މެމްބަރުން އިތުރު ކުރުމަށް ހުށަހަޅާ ފޯމުތަކުގައި، ސައްހަ ނޫން ފޯމު ހުރުން އެއީ އަބަދުވެސް ދިމާވާ މައްސަލައެއްކަމަށާއި، މީގެ ތެރޭގައި އެއްވެސް ޕާޓީއެއް އިސްތިސްނާ ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އަލަށް އުފެދޭ ސިޔާސީ ޕާޓީތައް ނުވަތަ ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑެތި ސިޔާސީ ޕާޓީތަކަށް ސޮއި ނުކުރަނީސް އެ ޕާޓީގެ ދަފްތަރުގައި ނަން އޮންނަ މައްސަލަ ދޭތެރެއަކުން ހޫނުވެ އެވެ. އަދި އެކަމުގައި އެޅޭ މާބޮޑު ފިޔަވަޅެއް ނޯވެ އެވެ.

ސަންގުޓީވީގެ “ޚަހަބަރަށްފަހު” ޕްރޮގްރާމުގައި ފުއާދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ސޮއި ނުކުރާ ބައެއްގެ ނަމުގައި ވެސް ފޯމުތައް ހުށަހެޅުން އެއީ ހުރިހާ ޕާޓީއެއްގެ ތެރެއިން ވެސް އަންނަ މައްސަލައެއް ކަމަށެވެ. ހާއްސަކޮށް ޕާޓީއެއް އުފެއްދުމަށް އެއް ފަހަރާ ހުރިހާ ފޯމެއް ހުށަހަޅާއިރު އެކަން ފާހަގަ ކުރެވޭކަމަށް ފުއާދު ވިދާޅުވި އެވެ.

އާއްމުންގެ ފަރާތުން ބޮޑު ޝަކުވާއެއް އަންނަ މި މައްސަލައިގެ ހައްލަކީ ކޮބައިތޯ އާއި އީސީން ފޯމުތައް ޕްރޮސެސް ކުރުމުގައި އަމަލު ކުރާ އުުސޫލަކީ ކޮބައިތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ ކޮންމެ ފޯމެއް ވަކިވަކީން ބެލެމުގެ ވަކި އުސޫލެއް ނުވަތަ ފިންގާ ޕްރިންޓު ބެލޭނެ ގޮތެއް ކޮމިޝަންގައި ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ ފަރާތުން ޝަކުވާއެއް ލިބޭ ހާލަތެއްގައި، އެކަން އިސްލާހުކޮށް އެ މީހެއްގެ ނަން ޕާޓީގެ ދަފްތަރަކުން އުނިކުރާކަމަށް ފުއާދު ވިދާޅުވި އެވެ.

“ފޭކް ފޯމުތަކެއް ހުށަހެޅުން ނުވަތަ ނުރަނގަޅު ފޯމުތަކެއް… ދެން މިކަމުގައި ދޭތެރެ ދޭތެރެއިން ހުރިހާ ޕާޓީތަކެއްގެ ބޭފުޅުންނާއި އެކީ ވެސް މަޝްވަރާކޮށް ހަދަން އަޅުގަނޑުމެން… ދެން ތި ވިދާޅުވާ މައްސަލައަކީ ހަމަ ހުރިހާ ޕާޓީއަކަށް ދިމާވާ މައްސަލައެއް… ވަކި ޕާޓީއެއް އިސްތިސްނާ އެއް ނުކުރެވޭ” ފުއާދު

ކޮމިޝަނުގެ ތެރޭގައި ފޯމުތައް ބަލާނެ ވަކި އުސޫލެއް ނެތްކަން ފާހަގަކޮށް ފުއާދު ވިދާޅުވީ، ކޮންމެ ޕާޓީއަކުން ވެސް ފޯމުތައް ހުށަހަޅަނީ އޭގައި ވަނީ ތެދު މައުލޫމާތުކަމާއި، އެއީ ސައްހަ އެއްޗެއްކަމަށް އިގުރާރުވެ ކަމަށެވެ. އަދި އޭގެ އިތުރުން ޕާޓީއަށް ސޮއި ކުރާ އެ ފަރާތަކާއި އެކު ދެ ހެކިވެރިންގެ ސޮއި ވެސް ހިމެނޭކަމަށް ފުއާދު ވިދާޅުވި އެވެ. އެއަށް ފަހު އެ ފޯމުތައް އީސީއަށް ހުށަހަޅަނީ އަނެއްކާވެސް ޕާޓީގެ ފަރާތުން ޒިންމާވެ ސޮއި ކުރުމަށް ފަހު ކަމަށެވެ.

އެ ޕާޓީއެއްގެ ދަފްތަރުގައި ނަން އޮންނަން ޖެހޭ ސަބަބާއި މެދު ޝަކުވާއެއް އައްމުން، އެކަން ޕާޓީގެ ސަމާލުކަމަށް ގެނައުމުން، އެއީ ރަށްތަކުން އަންނަ ފޯމުތަކެއްކަމަށް ބުނެ ޕާޓީން ޒިންމާ ނުވާކަމަށް ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ޒިންމާދާރުވެ ރަށްތަކުން ގެންނަ ފޯމު ހުށަހަޅާއިރު އެ ރަށަކުން ގެނެސްފައި ވަނީ ރަނގަޅު ފޯމުތޯ ކަށަވަރު ކުރަންޖެހޭކަމަށް ފުއާދު ވިދާޅުވި އެވެ. އެކަމަކު އީސީއަށް އަންނަ ޝަކުވާތައް ޕާޓީތަކާއި ހިއްސާ ކުރުމުން އެއީ ރާއްޖޭގެ އަތޮޅުތަކުން ލިބޭ ފޯމުތައް ނުވަތަ ސަޕޯޓަރުން ހުށަހެޅި ފޯމުކަމަށް ޖަވާބުގައި ބުނާކަމަށް ފުއާދު ވިދާޅުވި އެވެ.

އާއްމުންގެ ފަރާތުން ޝަކުވާއެއް ލިބިއްޖެ ނަމަ އެ މައްސަލަ ބަލާކަން ފާހަގަ ކުރައްވައި ފުއާދު ވިދާޅުވީ، އެ ފަރުދަކު ބޭނުންވާނަމަ މައްސަލަ ކަމާއި ބެހޭ އެހެން އިދާރާތްތަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ. އެ މީހެއްގެ ނަން ބޭނުންކޮށްގެން އެފަދަ އަމަލެއް ހިންގާފައިވާނަމަ ފުލުހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: