ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ސްޓޭ ޓޫރިޒަމްއާ ދެކޮޅަށް ސަލަފުން ނިކުމެއްޖެ

ސަލަފްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކުރުން ހުއްޓާލުމަށް ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް ގޮވާލައިފި އެވެ.

ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަހްލާގާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމައުއެއް ކަމަށާ ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ މަގުގައި ގައުމު ފިޔަވަޅުތައް އަޅަމުން މިހާ ހިސާބަށް އައިސްފައިވާއިރުވެސް ދިވެހީން ސާދާ ދިވެހިވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީހު ހެކިދޭ ކަމަށެވެ.

އެގޮތުން 1972 ގައި ފަތުރުވެރިކަން ތައާރަފުކުރިއިރުވެސް ފަޅުރަށްރަށުގައި ރިސޯޓު ހަދާފައިވުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ހެދުން އެޅުމާއި އެހެނިހެން ކަންކަމުގައިވެސް އެމީހުން އަމަލުކުރަންޖެހޭ ގަވާއިދުތަކެއް އެކަށައަޅާފައި އޮތުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުން އެތައް އަހަރުތަކަކަށް މަނާކޮށްފައި އޮތް އޮތުންވެސް ފާހަގަކޮށްލެވޭ ކަމަށެވެ.

ނަމަވެސް ތަރައްގީގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ތައާރަފުކޮށް ބަނގުރާ އާންމުކުރުމަށް ހައްދުފަހަނަ އަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކޮށްފައިވާކަމީ މާޒީން ފެންނަށް އޮތް ހަގީގަތެއް ކަމަށާއި އޭގެ ބައެއް ކަންކަން ރައްޔިތުން ނުކުމެ ހުއްޓުވާފައިވާއިރު އަނެއްބައި ކަންކަން ފައިސާގެ ދަހިވެތިކަން ދައްކައިގެން ރައްޔިތުން ލައްވާ ކުރަމުންދާ ކަމަށް ސަލަފުން ބުނެ އެވެ.

”އެގޮތުން ބައެއް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނައިރު އޭގެތެރެއިން ލިބޭ އިގްތިސާދީ ނަފާއަށްވުރެ ރަށުގެ އަހްލާޤީ ފޭރާން ވީދި ހަފުސްވެ ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ސާދާ ތާހިރު ދިރިއުޅުން ނެތި ބައެއް މުޖުތަމައުތައް މިދަނީ ހަލާކުވަމުންނެވެ. އަދި އިއްޔެ އެފަދަ ވިޔަފާރިތަކުން ލިބޭނަފާއަށް ބަލައި އެކަންކަމަށް ތާއިދުކުރި އެތައް ބަޔަކަށް ހެޔޮވިސްނުން ލިބި ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ލިބޭ އެހެން ގެއްލުންތަކާ މެދު ކަންބޮޑުވުންތައް އެކިއެކި ސިފަސިފައިގަ ފާޅުކުރަންވަނީ ފަށާފައެވެ،“ އެ ބަޔާނުގައި ވެ އެވެ.

ސަލަފުން ބުނީ މިމަގަށް ކަންތައްތައް ހިނގަމުން އަންނަނިކޮށް މި އަހަރު އަނެއްކާވެސް މުޅިން އައު ވައްތަރަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޯތި ގެދޮރުތަކުގައި ”ހޯމް ސްޓޭ“ ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެ ކަމެއްކަމަށް އެ ޖަމާއަތުން ދެކޭ ކަމަށެވެ.

ގެސްޓުހައުންގެ ގޮތުގައި ފަރުތުވެރިންނަށް ހިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުންދިޔުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތައް އާންމުވަމުންދާއިރު މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތައާރަފު ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ހިމާޔަތާއި ރައްކާތެރިކަމުގައި އަޅުގަނޑުމެންގެ ޖަނާއި މާލުން ގުރުބާންވާންޖެހޭ އަހުލުންނާއި ދަރިންގެ އިއްފަތާއި އަބުރު ގެއްލި އާއިލާތައް ރޫޅި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެކަމެއްކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

”އެހެންކަމުން ހޯމްސްޓޭ ތައާރަފްކުރުން ހުއްޓާލުމަށް މި ފުރުސަތުގައި ސަރުކާރަށް ގޮވާލަމެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސްކުރަމެވެ“ ސަލަފުން ބުނެ އެވެ.

މީގެއިތުރުން ސަލަފުން ވަނީ ލިބޭ މާލީ މަންފާއަށްޓަކައި ދަރިންގެ މުސްތަގްބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
90%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: