ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރި ކަމަށް ތާއީދެއް ނުކުރަން، އެ ހަރަކާތާއި ސަލަފާއި ގުޅުމެއް ނެތް: ސަލަފު

ސަލަފްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވުމުގައި ސަލަފުން ހަރަކާތްތެރިވެފައިނުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސަލަފުން އާންމުކުރި ނޫސް ބަޔާނުގައި ވަނީ އެ ޖަމިއްޔާއާއި ގުޅުވައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހެއްދެވީ އިތުރުފުޅެއްކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފާހަގަކޮށް ބުނެފައިވަނީ، މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމުގެ މަގާމުގައި ހުންނަވާ ކަމުގެ ހަގީގަތް ބެލުމެއްނެތި، މިފަދަ ނުރައްކާތެރި ތުހުމަތެއް ކުރެއްވުމަކީ ޖަމިއްޔަތުއް ސަލަފާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކުރައްވާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ނާތަހުޒީބު އަމަލެއްކަމަށެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ސަލަފުން ބުނެފައިވަނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިނިސްޓާ މަހުލޫފު ވަނީ މިއީ ވަކި ސަރުކާރަކުން ކުރީމައި ކުށްވެރިކުރަނީކަމަށް ވިދާޅުވެ މީގެ ކުރީގައި ސަލަފުން މިފަދައިން އަމަލުކޮށްފައިނުވާކަމަށް ފާހަގަކުރައްވާފައެވެ.

މިކަންތައް ދޮގުކޮށް ސަލަފުން ބުނެފައިވަނީ އެ ޖަމިއްޔާއަކީ އެއްވެސް ހާލެއްގައި ޝަރުއީ ހުދޫދުން ބޭރުން ގައުމުގެ އަމްނު އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، ގައުމުގެ އަމްނާއި ސަލާމަތު ބަލަހައްޓަވާ ފަރާތްތަކާ ކުރިމަތިލައި ހިންގާ ވަޔަލަންޓް ހަރަކާތްތަކަށް ތާއީދުކުރާ ބައެއް ނޫންކަމަށެވެ. އަދި އެ ހަރަކާތަކީ އެ ޖަމިއްޔާއާ ގުޅުންހުރި ހަރަކާތެއް ނޫންކަން އެކަން ހިނގުމުގެ ކުރިން އެ ޖަމިއްޔާއިން މީޑިއާ ސްޓޭޓްމެންޓެއްގައި ހާމަކޮށްފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ޔޯގާޑޭ ފާހަގަކުރުމަށް ރޭވިފައިވާކަން ޔޫތް މިނިސްޓްރީން ހާމަކުރުމާއިއެކު އާންމުން ވަނީ މިކަމާއިމެދު ނުރުހުންވުން ފާޅުކޮށް މިކަންތައް ހުއްޓުވުމަށް ފުލުހުގައިވެސް އެދިފައެވެ. ފުރަތަމަ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ގަލޮޅު ސްޓޭޑިއަމްއަށް ބަދަލު ކުރެވިގެންދިޔައީ އާންމުގެ ގިނަ އަދަދެއްގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ހުށައެޅުމާއިއެކު، ކައުންސިލުން ރަސްފަންނު މި ހަރަކާތަށް ދޫނުކުރުމަށް ނިންމުމުންނެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔާރ އަހްމަދު ނަރީޝް ވަނީ ޔޯގާ ގެ އަމަލަކީ، ބުދު ދީނުގައި އަޅުކަންތައްކުގެ ތެރޭގައިވެސް ހިމެނިފައިވާކަމެއް ކަމަށް ބުނެ އާންމުންގެ ޝަކުވާތައް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

ޔޯގާ ގައި ޖައްސާ ހަރަކާތްތަކަކީ ބުދު ދީނުގައި އަޅުކަންތައް ކުރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ފާހަގަކޮށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ހުށައެޅުމާއި އެކު، ޔޯގާ ޑޭ ހިންގުމަށް ރަސްފަންނު ނުދިނުމަށް މާލެ ސިޓީކައުންސިލުން ނިންމުމުން ޔޫތު މިނިސްޓްރީންވަނީ ގަލޮޅު ދަނޑުގައި އެ ހަރަކާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. ނަމަވެސް މި ހަރަކާތައް ކުރިއަށް ގެންދަނިކޮށް ގިނަ އަދަދެއްގެ މީހުންވަނީ އެ ސަރަހައްދަށް ވަދެ ހަރަކާތް ހުއްޓާލުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް ޔޯގާ ޑޭ ގެ ބައިވެރިންނަށް ގޮވާލައި މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

މިނިސްޓާ މަހުލޫފް ވަނީ ހަރަކާތް ހުއްޓުވުމުގައި ޕީޕީއެމްގެ މެންބަރުން އިސްސަފުގައި މަސައްކަތްކުރިކަމަށާއި އަދި ޖަމިއްޔަތުލް ސަލަފް ވެސް މި ކަމުގައި ހިމެނޭކަމަށް ތުހުމަތުކުރައްވާފައެވެ.

މި އަމަލުގައި ޝާމިލުވި ފަރަޠްތައް ލަސްނުވެ އިންސާފުގެ ކުރިމައްޗަށް ގެންނާނަންކަމަށް ވިދާޅުވެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

މިއީ ރާއްޖޭގެ ޔޫތް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: