ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ، މީދޫ ވަކިވާން ޕެޓިޝަނެއްގައި ސޮއި ކުރަނީ!

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކިވާން ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ މީގެ ދެ އަހަރު ކުރީން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ކައުންސިލުން، ހުޅުދޫ އާއި މީދޫ ވަކި ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

”އަފިރިންގެ ކައުންސިލް އަފިންނަށް“ ގެ ނަމުގައި ރަށުގެ ބައެއް މީހުން ހަރަކާތެއް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ ޕެޓިޝަނުގައި ސޮއި ކުރާ މީހުން ބޭނުން ވަނީ ހުޅުދޫ، މީދޫ ސިޓީ ކައުންސިލުން ވަކިވެ ރަށު ކައުންސިލެއްގެ ގޮތުގައި ހިންގުމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއްކަމަށް ބުނަނީ، ރަށުގައި ކުރިޔަށް ގެންދަން ޖެހޭ މަޝްރޫއުތަކާއި މަސައްކަތްތަކުގެ ހުއްދަ އާއި މަޝްވަރާތައް ސިޓީ ކައުންސިލާއި ކުރަން ޖެހުމެވެ. އަދި ސިޓީ ކައުންސިލެއްގެ ގޮތުގައި އޮވެގެން، އައްޑޫގެ އެހެން ރަށްތަކާއި ވަކީން އޮތް މި ދެ ރަށަށް އެއްވެސް ފައިދާއެއް ނެތްކަމަށް ބުނެ އެވެ.

ރަސްމީކޮށް މީގެ ދެ އަހަރު ކުރީން މި މަސައްކަތް ފެށުނީ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ދުވަސްވަރު އޭރު އިންތިހާބަށް ވާދަ ކުރުމަށް މަސައްކަތް ކުރި ބައެއް ބޭފުޅުންގެ ފަރާތުންނެވެ. ސިޓީއެއްގެ ދަރަޖަ ދެވިފައި ވިޔަސް، ހުޅުދޫ އާއި މީދޫގައި އަސާސީ ހިދުމަތްތައް ނުލިބުމާއި އަދި އެ ނޫން ވެސް ވަސީލަތްތައް ނެތުމުން އެކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ދަނީ ތައްޔާރު ވަމުންނެވެ.

އެނގިފައިވާ ގޮތުގައި މިހާރު މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ދަނީ މީދޫގަ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި މަސައްކަތް ނިންމާލާނެކަމަށް ބެލެވެ އެވެ.

ސިޓީ ކައުންސިލުން ވަކިވާ މައްސަލައިގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ހުޅުދޫ އާއި މީދޫ ސިޓީ ކައުންސިލްގެ ތެރޭގައި އޮތުމުން ވަނީ ފައިދާ ތޯ ނުވަތަ ނޫންތޯ ބަހުސްކޮށް ވާހަކަ ދެއްކުން ރަނގަޅު ކަމަށެވެ. އާ ކައުންސިލާއި އެކު ރަށަށް ފައިދާތަކެއް އަންނާނެކަމަށް ބެލެނުވުނު ނަމަވެސް ޝަކުވާތަކަށް ނިމުމެއް ނާންނަކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ އެކަމުގައި ރައްޔިތުންގެ ވިސްނުން ހުރި ގޮތް އަޑުއަހާނެ ކަމަށެވެ.

ރައްޔިތުން ބޭނުން ވަނީ ސިޓީ ކައުންސިލުން ރަށް ވަކި ކުރަންކަމުގައި ވާނަމަ، ފެބްރުއަރީ މަހު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުން ތަޅުމަށް މައްސަލަ ހުށަހަޅާނެކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ މިގޮތަށް ވާހަކަ ދެއްކެވެމުން، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ކަންބޮޑުވުންފާޅުކޮށް، އެފަދަ އެއްވެސް މަޝްވަރާއެއް ރޮޒެއިނާ އޭނާއާއި ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ މީހުން ގަބޫލު ކުރާ ގޮތުން އިގްތިސާދީ ގޮތުންނާއި، އިދާރީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ރަށް ވެސް ސިޓީ ކައުންސިލުން ވަކިވުމެވެ.

ނަމަވެސް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ދެ އަވަށް ސިޓީ ކައުންސިލާއި ވަކިވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށާއި ގޮތް ނިންމުމުގައި އެއްވެސް ރަށެއް އިސްތިސްނާ ނުކުރާ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުންތަކުގައި ހުޅުދޫ ނުވަތަ މީދޫގެ ކައުންސިލަރަކު ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ދެކޮޅު ހަދައި އެ މައްސަލައެއް ބޭރުކޮށްލާފައި ނުވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

ވަކި ވެގެން މަސައްކަތް ކުރުން އެއީ ރަނގަޅު ހިޔާލެއް ނޫންކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ، ސިޓީ ކައުންސިލެއްގެ ގޮތުގައި އޮތުމުންވާ ފައިދާތައް އެނގޭނީ ގާނޫނާއި ގަވައިދުތައް ކިޔާލުމުން ކަމަށެވެ.

ސިޓީ ކައުންސިލުން ހުޅުދޫ މީދޫ ވަކިވުމުގެ ބަހުސްތަކެއް ދާތީ، ކައުންސިލް ބައްދަލުވުންތަކުގައި ވެސް އެ ވާހަކަތައް ދެކެވުނެވެ. ބައެއް ކައުންސިލަރުން އެކަމާއި ދެކޮޅަށް ވާހަކަ ދެއްކެވިއިރު އޭގެ ތެރޭގައި މީދޫ ކައުންސިލަރު އާމިނަތު ސާލިހާ ހިމެނެ އެވެ. ނަމަވެސް އެ މައްސަލައިގައި ރާއްޖޭގެ މީޑިއާއަކަށް ރޮޒެއިނާ ވިދާޅުވީ އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރީ ސާލިހާ އަދި ހުޅުދޫ ކައުންސިލް މެމްބަރު ހުސެއިން ފައިޒު އެކަމަށް ތާއީދު ކުރުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: