ލޯކަލް ޓޫރިޒަމަށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި، އާއްމުމުން މިވަގުތު ޗުއްޓީ ހޭދަ ކުރަމުންދާ ކ. މާފުށި މޮނީޓަރިންއަށް ލައި މާސްކު އެޅުން މަޖުބޫރުކޮށްފި އެވެ.
މާފުށި މޯނީޓްރިންއަށް ލާފައިވާކަން ހާމަކޮށް، ރަށު ކައުންސިލުން އެންމެ ފުރަތަމަ ބަޔާނެއް އާއްމު ކުރީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް މާފުށި ކައުންސިލުން ބުނީ މި ދުވަސްވަރަކީ މާފުށީގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި، އާއްމުން ވެސް ދަތުރު ކުރަމުންދާ ރަށެއްކަމުން ބޭރު ތެރޭގައި އުޅޭ ވަގުތުތަކުގައި އާއި ފިހާރަކާއި ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ހިދުމަތް ހޯދައި، ދޭއިރު މާސްކު ބޭނުންކޮށް ގައިދުރުކަން އިސްކުރުން މުހިންމު ކަމަށެވެ.
އަދި ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރު ތެރޭގައި ނޫޅުމަށް ކައުންސިލުން ބުންޏެވެ.
އޭގެ ފަހުން މާސްކު އެޅުން މަޖުބޫރުކޮށް އިއްޔެ ބަޔާނެއް އާއްމުކޮށް، ކައުންސިލުން ބުނީ ރަށުގައި ގިނަ އަދަދެއްގެ މީހުން ތިބިއިރު އާއްމުން ތަންތަނުގައި އާއި، ހިދުމަތް ފޯރުކޮށްދެމުން ދާ ތަންތަނުގައި މާސްލު ޏާޅާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި އެކަން ތަކުރާރު ވާނަމަ ކޮވިޑު-19 ގެ ކޭސްތައް މާފުށީގައި ގިނަ ހިނގަމުންދާ ހަރަކާތްތައް ހުއްޓާލަން ޖެހިދާނެ ކަމަށެވެ.
”ވީމާ މިއަދުން ފެށިގެން ރަށުތެރޭގައި އުޅޭ އިރުއާއި، ތަފާތު ޚިދުމަތްތައް ފޯރުކޮށްދެއްވަމުންދާ ތަންތަނުގައި ހުރިހާ ބޭފުޅުންވެސް މާސްކް އެޅުމަކީ މަޖުބޫރުކަމެއްކަމުގައި ދަންނަވަމެވެ.“ މާފުށި ކައުންސިލް
ކައުންސިލްގެ ބަޔާނުގައި އާއްމު ތަންތަނުގައި އަމަލު ކުރަންޖެހޭ އުސޫލު ވެސް ހިމަނާފައި ވެއެވެ. އެއީ:
ފިހާރަތައް: ފިހާރަތަކުގައި ހިދުމަތް ފޯރުކޮށްދިނުމަށް ތިއްބަވާ މުވައްޒަފުންނާއި، ތަނަށް ހިދުމަތް ހޯދުމަށް ވަންނަ އާއްމުން ހުރިހާ ވަގުތެއްގައި ވެސް ތިބެންވާނީ މާސްކް އަޅައިގެންނެވެ. އަދި ފިހާރައަށް
އެއްފަހަރާ އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދާއި މާސްކް ނާޅައި ނުވަދެވޭނެކަން ބޭރުން ފެންނަން ވާނެ
ގެސްޓްހައުސް އަދި ހޮޓެލްސް: ގެސްޓްހައުސް އަދި ހޮޓެލްސްތަކުގައި ހިދުމަތް ފޯރުކޮށްދިނުމަށް ތިއްބަވާ މުވައްޒަފުންނާއި، ތަނަށް ހިދުމަތް ހޯދުމަށް ވަންނަ އާއްމުން ހުރިހާ ވަގުތެއްގައި ވެސް
ތިބެންވާނީ މާސްކް އަޅައިގެންނެވެ.
ސައި ހޮޓާ ކެފޭ، ރެސްޓޯރަންޓް: ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގައި ހިދުމަތް ފޯރުކޮށްދިނުމަށް ތިއްބަވާ މުވައްޒަފުން ހުރިހާ ވަގުތެއްގައިވެސް ތިބެންވާނީ މާސްކް އަޅައިގެންނެވެ. އަދި މި ތަންތަނުން ހިދުމަތް ފޯރުކޮށްދޭންވާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގޮނޑި މޭޒް ބަހައްޓައިގެންނެވެ.
ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް: ފެރީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ އާއްމުން އަބަދުވެސް ތިބެންވާނީ މާސްކު އަޅައިގެންނެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތައް: ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ހިދުމަތް ފޯރުކޮށްދިނުމަށް ތިއްބަވާ މުވައްޒަފުންނާއި، ތަނަށް ޚިދުމަތް ހޯދުމަށް ވަންނަ އާއްމުން ހުރިހާ ވަގުތެއްގައި ވެސް
ތިބެންވާނީ މާސްކް އަޅައިގެންނެވެ. އަދި އޮފީސްތަކަށް އެއްފަހަރާ އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދާއި މާސްކް ނާޅައި ނުވަދެވޭނެކަން ބޭރުން ފެންނަން ހުންނަންވާނެއެވެ.
މާފުށި ކައުންސިލުން ވަނީ އެންގުމުގައި ވާ ގޮތާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހުން އައިސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދީ، ކައުންސުލުން ވަނީ އެފަދަ އަލާމާތްތަކެއް ހުރި މީހުން ބޭރު ތެރެއަށް ނުނިކުތުމަށް އެދިފަ އެވެ.

