ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ބާކީ ތިން ހަފްތާ: އެމްޑީޕީގެ ވަޒީރުންނާއި، ގިނަ މެމްބަރުންތައް ކޮމަންޑޫގައި!

އެމްޑީޕީގެ ވަޒީރުންގެ ބައެއް ބޭފުޅުންނާއި ގައުމީ މަޖިލިސް މެންބަރުންގެ ޓީމެއް ކޮމަންޑޫ ދާއިރާގައި/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ބޮޑު ޓީމެއް އަނެއްކާވެސް އެ ދާއިރާއަށް ވަޑައިގެންފި އެވެ.

ވަޒީރުންނާއި، މެމްބަރުންގެ ޓީމެއް ކޮމަންޑޫއަށް ވަޑައިގެންނެވި އިރު ވެސް، އެމްޑީޕީގެ ބައެއް އެހެން ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް ވެރިން ތިއްބެވީ އެ ރަށުގަ އެވެ. މިއަދު ކޮމަންޑޫއަށް ވަޑައިގެންނެވި ޓީމުގައި ހިމެނެނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އަދި އަދި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވެސް ކޮމަންޑޫއަށް ވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޓީމުން ކޮމަންޑުއަށް ވަޑައިގެންނެވުމުން އެ ބޭފުޅުންނަށް ކޮމަންޑޫގައި މަރުހަބާ ދެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފެނަކެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. މި ބޭފުޅުން ކޮމަންޑުއަށް ވަޑައިގެންނެވީ އިއްޔެ އެވެ. އަދި ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.

މިދިޔަ ހުކުރު ދުވަހު ކެމްޕެއިން ލޯންޗިން ކޮމަންޑޫއަށް ވަޑައިގެންނެވި ޓީމުގެ ތެރޭގައި، އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި، އެންވައިރޮމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީނާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ހިމެނެ އެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހައްކީމް ވެސް ވަޑައިގަތެވެ. އަދި އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ދިޔަ އެވެ.

އެމްޑީޕީގެ ބޮޑެތި ޓީމުތައް ކޮމަންޑުއަށް ދަތުރު ކުރައްވާއިރު، އަންނަ ހުކުރު ދުވަހު ކޮމަންޑޫ އާއި މަތިކޮަމަންޑޫ ބްރިޖަކުން ގުޅުވައިލުމަށް ރަސްމީކޮށް މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދައުލަތުގެ ނުފޫޒުގަދަ ނުވަތަ އުމްރަނީ ތަރައްގީތަކާއި، އަދި އެ ނޫންވެސް މަސައްކަތްތަކާއި ގުޅުން ހުރި ވަޒީރުންތަކެއް ކޮމަންޑޫއަށް ވަޑައިގަންނަވާތީ އެކަމަށް ފާޑުކިއުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ. ދާދިފަހުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ކޮމަންޑުއަށް ވަޑައިގެން އެ ދާއިރާގެ ރަށްތަކުގެ ޒުވާނުންނަށް ހާއްސަކޮށްގެން އަޅާ ޓާފް ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ނިމި ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޒުވާނުންގެ ފަރާތުން އައި ހުށަހެޅުންތަކާއި، ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމަށް މަހުލޫފް ވިދާޅުވެފައި ވެއެވެ.

މިދިޔަ ހުކުރު ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ގިނަ ވައުދުތަކެއް ވެފައިވާއިރު އެ ވައުދު ފުއްދާނެ ކަމަށެވެ. ދެ ކޮމަންޑޫ ގުޅުވާލުން އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު އެ ރަށުގެ ރައްޔިތުންގެ ފަރަތުން އައި ހުށަހެޅުމެކެވެ. ކުއްލިއަކަށް އެރޭ އެ މަޝްރޫއު ފައްޓަވާނެކަން ރައީސް އިއުލާނު ކުރެއްވިއިރު، މި އަހަރުގެ ބަޖެޓުގައި ރަށުގެ ބްރިޖުގެ ވާހަކަ ހިމަނާފައި ނެތެވެ. އަދި އޭގެ ކުރީގެ ބަޖެޓެއްގައި ވެސް ނުހިމަނަ އެވެ.

ރައީސް ވަނީ ކޮމަންޑޫ ކައިރީ އޮތް ފަޅު ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށާއި، ފޯކައިދޫގެ ޗަކަ ބިން ހިއްކައި ގޯތި ދޫކުރުމަށް އަދި މަރޮށީގެ ބަނދަރުގެ މަަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވެފަ އެވެ.

މިއީ އިންތިހާބަށް ނުފޫޒު ފޯރުވުންގެ ގޮތުގައި ފާހަގަކޮށް އިދިކޮޅުން ވަނީ މި މައްސަލަ ބެއްލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޮމިޝަނުން އެންގީ އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަށް އެންޓި ކެމްޕެއިން ނުކުރުމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އީސީން ހުޅުވާލީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ އިތުރުން ވާދަކުރަނީ އިދިކޮޅު ޕީޕީއެމާއި ދާދިފަހުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: