ބޭރުގެ ދާހިލީ ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ދިވެހިންނަށް ލިބޭ ކުދިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ދަފްތަރުގައި ރަޖިސްޓްރީކުރުމުގައި އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އާންމުކޮށްފި އެވެ.
ހަނގުރާމަވެރި ސަރަަހައްދުތަކުގައި އުފަންވާ ކުދިން ރާއްޖެއަށް ރެޖިސްޓްރީ ކުރެވޭނީ އެއީ ދިވެހި ރައްޔިތެއްކަމަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމް ކުރުމުންނެވެ. ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެއްސަކަށް ލިބޭ ކުދިން ރެޖިސްޓްރީ ކުރުމުގެ އުސޫލު އިއްޔެ ގެޒެޓުގައި ޝާއިއު ކުރިއިރު އޭގައި ވާގޮތުން އެފަދަ ސަރަހައްދަކަށް އުފަންވެފައިވާ ކުއްޖެއް ރަޖިސްޓްރީ ކުރެވޭނީ, އެ ކުއްޖަކީ ދިވެއްސެއްގެ ދަރިއެއްކަން ޝަރުއީ ކޯޓަކުން ނިންމުމުންނެވެ.
މިހާރު އަމަލު ކުރަން ފަށާފައިވާ އުސޫލުގައި ވަނީ ކޯޓުން ގޮތެއް ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އެކަމުގައި ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، ހަމައެކަނި ތަފާތަކީ ފެމިލީ ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.
އެއަށްފަހު ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓު ފޯމު ފުރިހަމަކޮށް، ބެލެނިވެރިޔާގެ ރަށްވެހިވެފައިވާ ރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހޭނެ އެވެ. އުސޫލުގައި ވާ ގޮތުން ފޯމާއި އެކު ހުށަހަޅަން ޖެހޭ އިތުރު ލިއުންތައް ހަމަވާނަމަ ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި އެ ކައުންސިލެއްގައި ކުއްޖެއްގެ އުފަންވުން ރެޖިސްޓްރީކޮށްދޭން ޖެހޭނެ އެވެ. އަދި އެ މަރުހަލާ ކުރިޔަށް ގެންދިއުމުގައި ރިއާޔަތް ކުރަން ޖެހޭނީ ކޯޓުން ނިންމި ނިންމުމަށެވެ.
އިއްޔެ އާއްމު ކުރި އުސޫލުގައި، ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމައިގައިގައި ބައިވެރިވާ ދިވެހިންނަށް އެފަދަ ތަނެއްގައި ހުރެ ލިބޭ ކުއްޖާގެ ރެޖިސްޓްރީ ފުރިހަމަ ކުރުމުގައި ކައުންސިލްގެ ޒިންމާ ވެސް ހިމަނާފައި ވެއެވެ. އެގޮތުން ޑީއެންއާރަށް މައުލޫމާތު ދިނުމަށް ”ގެމަން ޕޯޓަލް“ މެދުވެރިކޮށް ކުއްޖާގެ އެ މައުލޫމާތުތައް ކައުންސިލުން ހުށަހަޅަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ކުއްޖާގެ އައިޑީކާޑު ނަމްބަރު ހޯދަން ކޯޓުގެ ނިންމުން ހިމަނައި، ހުށަހެޅުން ވެސް ހިމެނެ އެވެ.
”ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައި ނުވާނަމަ، އެ ކުދިންގެ އުފަންވުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކުރަންވާނެ“ އުސޫލު
މައްސަލަ ކޯޓުގައި ކުރިޔަށް ގެންދިއުމަށް ޑީއެންއޭ ނުވަތަ ސައިންޓިފިކް ގަރީނާތައް ހުށަހެޅިދާނެ އެވެ. އެއީ މިފަދަ މައްސަލަތައް ސާބިތު ކުރުމަށް ތައުޒީރީ މިންގަނޑަކުން ޑީއެންއޭ ބޭނުން ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމި މައްސަލައެއްގައި ވާތީ އެވެ.
އަލަށް އަމަލު ކުރަން ފެށި މި ގަވައިދާއި އެކު ބައެއް ކުދިންގެ ރެޖިސްޓްރޭޝަނަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. ބޭރުގެ ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ޖުމްލަ އަދަދު އަދި މިހާތަނަށް ދެނެގަނެވިފައިނުވާއިރު، އެގޮތަށް ދިޔަ ބައެއް މީހުން ހަމަލާތަކުގައި ވަނީ މަރުވެފަ އެވެ. އަދި ބައެއް މީހުން އެ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވުމުގެ ސަބަބުން ސަރުކާރުގެ އެހީއަށް އެދި ހުށަހަޅާފައިވީ ނަމަވެސް ހަނގުރާމަތަކުގައި ބައިވެރިވުމާއި، ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދިއުމަކީ ގާނޫނީ ކުށެކެވެ. މިފަދަ މީހުން އެނބުރި ގައުމަށް އައުމުން، ނުވަތަ ފުރުމަށް މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށް ޝަރީއަތް ހިންގާފައި އެބަހުއްޓެވެ.
ކޭމްޕުތަކުގައި ތިބި މީހުން އެއީ ދިވެއްސެއްކަން އަންގައިދޭ އެއްވެސް ލިއުމެއް އެ މީހުންގެ އަތުގައި މިވަގުތު ނެތެވެ. އަދި އެތަނުގައި ދިވެހިންނަށް ލިބޭ ކުދިންގެ އެއްވެސް ރެޖިސްޓްރޭޝަނެއް ނެތި ރާއްޖެ ގެނައުން ފަސޭހަ ނުވާނެކަމާއި، އަދި ދިވެއްސެއްކަން ޔަގީން ކުރަން މަރުހަލާތަކެއް ކުރިޔަށް ގެންދަން ޖެހޭނެކަމަށް ސަރުކާރުން ބުނެ އެވެ. ސީރިޔާގެ ރެފިއުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ.
އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނާއި، އެފަދަ ތަމްރީނު ހޯދާ މީހުންގެ ރިހިބިލިޓޭޝަނަށް ބަންދުކުރެވޭނެ މަރުކަޒެއް ގާއިމުކޮށް، އެ މީހުންނާއި މެދު އަމަލު ކުރާނެ ގޮތުގެ ހާއްސަ އިޖުރާއަތްތަކެއްވެސް ހޯމް މިނިސްޓްރީން ދާދި ފަހުން އެކުލަވާލި އެވެ.

